ދިއްގަރު ރިހާކުރު މީރުވުން، ވާރޭ ފެނާ ގުޅިފައި

މ. ދިއްގަރު، އަންބަރީގޭ، މުހައްމަދު ނަސީރުގެ އަންހެނުން ގުރައިޝާ މޫސާ (ވ)، ރިހާކުރު ތައްޔާރުކުރާގޮތް ސަން އާ ހިއްސާކުރަނީ -- ސަން ފޮޓޯ: އަހްމަދު އާޒިފް

ރިހާކުރުގެ އެންމެ މީރު ބްރޭޑް ނަމަކީ "ދިއްގަރު ރިހާކުރެ" އެވެ. އެ ރިހާކުރު މިހާރު އެ ރަށުގައި ހަމައެކަނި އުފައްދައި ވިއްކަނީ ދެމަފިރިއެކެވެ. އެއީ މ. ދިއްގަރު، އަންބަރީގޭ، މުހައްމަދު ނަސީރާއި އޭނާގެ އަންހެނުން ގުރައިޝާ މޫސާ އެވެ.

ދިއްގަރު ރިހާކުރަށް އޮތް އިތުބާރު ދެމެހެއްޓުމަށް އެ ދެމެފިރިން ބުރަ މަސައްކަތް ކުރެ އެވެ. ކޮލެޓީ ހިފަހައްޓަން އެންމެ ފުރަތަމަ އިސްކަންދެނީ ސާފުތާރިހު ކަމަށެވެ. މީރު ރަހަ ހިފަހައްޓަން، ރިހާކުރު ހެދުމުގެ އެކި މަރުހަލާތަކުގައި އުކުޅުތަކެއް ގެންގުޅެ އެވެ.

މުހައްމަދު ނަސީރު ބުނި ގޮތުގައި ކޮންމެ ކޮންމެ ފެނެއްގައި މަސް ކައްކައިފި ނަމަ ރިހާކުރު މީރެއް ނުވާނެ އެވެ. ވަޅު ފެނާއި ވޯޓާ ސަޕްލައި ފެނާއި ލޮނު ފެނުގައި ކެއްކުން ރަނގަޅެއް ނޫނެވެ. އެ ދެމަފިރިން ރިހާކުރު ހެދުމުގައި ބޭނުން ކުރަނީ ވާރޭފެން ކަމަށް ނަސީރު ބުންޏެވެ. އެ ފެނުގެ ތެރެއަށް އެއްވެސް ވަރަކަށް ލޮނެއް ނާޅާނެ އެވެ.

ހަމައެކަނި ވާރޭފެނުގައި ގިނަ މަސް އަޅައިގެން ކައްކައިގެން އުފައްދާ ރިހާކުރު، ހެދުމުގެ މަސައްކަތުގައި ބަޔަކު ގެންގުޅުނަސް، އެ ދެމަފިރިން ބަރާރަށް އެކަން މޮނީޓާ ކުރެ އެވެ.

ރިހާކުރު ހެދުމުގެ އެންމެ ފުރަތަމަ މަރުހަލާ، މަސް ކެއްކުމުގެ މަސައްކަތް އެ ދެމަފިރިން ކުރިއަށް ގެންދަނީ ދުވަހު މުސާރައަށް ބަޔަކާ ހަވާލުކޮށްގެންނެވެ. ދިރިއުޅޭ ގެއާ ދުރުގައި އަތިރިމަތިން ހޯދާފައިވާ ބިމުގައި މަސްކައްކައި، ހިކި މަހާއި ވަޅޯމަސް ދެމަފިރިން ތައްޔާރުކުރެ އެވެ.

ނަމަވެސް ރިހާކުރު ހެދުމުގެ މަސައްކަތް ކުރިއަށް ގެންދަނީ އެ ދެމަފިރިންގެ އަމިއްލަ ގޭގަ އެވެ. ފެންގަނޑު ކަށިތަކުން ސާފުކޮށް، އޮލަ ގަރުދިޔައަށް ބަދަލުވުމުން، ރިހާކުރަށް ވާން ފަށާ ހިސާބަށް ދަންދެން އެ ދެމަފިރިން އަމަލީ ގޮތުން ހަރަކާތްތެރިވެ އެވެ.

"ގާތްގަނޑަކަށް ދެ ދުވަހުން [ރިހާކުރު ހެދުމުގެ] މަސައްކަތް ނިމޭނީ. މެދުނުކެނޑި 24 ގަޑިއިރުގެ ތެރޭގައި އަލިފާން މަތީގައި ހުންނާނެ. ދެން އަނެއް ދުވަހު ފެން އޮއްސައި ރަނގަޅަށް ސާފުކޮށްގެން ރިހާކުރު ހަދާ މިންވަރަށް ރަނގަޅަށް ކައްކައިގެން ގެއާ ހަމައަށް މި އަންނަނީ. ގެއާ ހަމައަށް އައީމަ އަންހެންވެރިން ރިހާކުރު ކައްކަނީ. ދެ ގަޑިއިރުގެ ތެރޭގައި ކެއްކޭނެ،" ނަސީރު ބުންޏެވެ.

ރިހާކުރު ތައްޔާރުކުރު ތައްޔާރުކުރުމަށް މަސް ކައްކާތަނަށް މަސްތައް ގެންދަނީ -- ސަން ފޮޓޯ: އަހްމަދު އާޒިފް

ނަސީރު ބުނި ގޮތުގައި ގަރުދިޔަ ކައްކައި އޮލަވުމުން ތިލަވާ ތެޔޮ، ނުނަގައިފިނަމަ ރިހާކުރު މީރެއް ނުވާނެ އެވެ. އަދި އޮލަވާ މިންވަރަކަށް ރިހާކުރު "ސާފުކޮށް، ރީތިކޮށް" ހުންނާނީ ރިހާކުރާ ތެޔޮ ނުވަތަ "ގަރު" ވަކިކުރުމުން ކަމަށް އޭނާ ބުންޏެވެ.

"ތެޔޮ ނަގައިގެން ވަރަށް ސާފުތާހިރުކޮށް ކުރާ މަސައްކަތެއް ރިހާކުރު ހެދުމުގެ މަސައްކަތަކީ. އެ މީހުން އެއްގޮތަކަށް ވެސް ހިތްހަމައެއް ނުޖެހޭނެ ރިހާކުރު ތެޔޮގަނޑާ އެކުވާކަށެއް. އެހެންވީމާ އެ ރީތިކަން، ސާފުތާހިރުވި ވަރަކަށް މީރުވާނެ ރީތިވާނެ،" ނަސީރު ބުންޏެވެ.

ނަސީރު ބުނި ގޮތުގައި އާންމުކޮށް ކަންނެއްޔާއި ކަނޑުމަހުން ރިހާކުރު ހެދިކަމުގައި ވިޔަސް ފަރުމަހުން ވެސް ރިހާކުރު ހެދޭނެ އެވެ. ނަމަވެސް ފަރުމަހުން ހަދާ ރިހާކުރު އެހާ މީރުނުވާނެ ކަމަށް އޭނާ ބުންޏެވެ.

އެ ދެ މީހުން ރިހާކުރު ހެދުމަށް ކުރާ މަސައްކަތުން އާންމުކޮށް، މަހެއްގެ މައްޗަށް ގާތްގަނޑަކަށް 12،000 ރުފިޔާ ލިބެ އެވެ. އެއީ މަސްވެރިކަން ރަނގަޅު ދުވަސްވަރުގައި ލިބޭ އާންމުދަނީ އެވެ.

ރިހާކުރު ތައްޔާރުކުރުމަށް މަސް ކައްކާތަނަށް މަސްތައް ގެންގޮސް މަސް ކެނޑުމުގެ މަސައްކަތުގައި -- ސަން ފޮޓޯ: އަހްމަދު އާޒިފް

އެ ފައިސާއިން އެ ދެމަފިރިން މިހާރު ވަނީ އެ ވިޔަފާރި އިތުރަށް ކުރިއެރުވުމަށް އައިސްޕްލާންޓެއް ވެސް ގަނެފަ އެވެ. އެއީ ގިނަ މަސްތަކެއް ޖަމާކޮށްގެން، އެއް ފަހަރާ ކެއްކުމުން، ރިހާކުރު އުފައްދާ މިންވަރު އިތުރުވާނެތީ އެވެ. ނަމަވެސް އެ މަސައްކަތް ރަނގަޅަށް އަދި ފަށައިނުގަނެވެ އެވެ.

"ދެން އައިސް ހެދުނީމަ މަސް ގަތުމުގެ އަދަދު އިތުރުވެގެންދާނެ. އެއީ ލިބޭ ކުރި އެރުމެއް. އޭރަށް މަސްބާނާ ދުވަސްވަރެއް ވެއްޖެއްޔާ މިހާރު މިގަންނަ އަދަދަށް ވުރެ ދެގުނަ އިތުރަށް ގަނެވޭނެ. މި އިން ހަތްޓަނު ބައި ދުވާލަކު ހެދޭނީ. މިހާރު މިގަނެވެނީ ދެ ޓަނު ނޫނީ ދޮޅު ޓަނު. އެއީ ގިނައިން ގަނެފިއްޔާ ކުނިވެދާނެތީ،" ނަސީރު ބުންޏެވެ.

ނަސީރު ބުނި ގޮތުގައި ރިހާކުރަށް މ. އަތޮޅުގެ ރަށްތަކުންނާއި މާލޭގެ އިތުރުން އެ ރަށުގައި ވެސް ޑިމާންޑުއޮވެ އެވެ. އެ ރަށުގައި ރިހާކުރަށް އެންމެ ޑިމާންޑު ބޮޑުވާއިރު ނަސީރު ބުނިގޮތުގައި ގިނަ ފަހަރަށް އޮންނަނީ ޑިމާންޑާ އެއްވަރަށް ރިހާކުރު ނުހެދިފަ އެވެ.

"މާލެއިން ބޮޑެތި އޯޑަރުތައް އަންނަނީ. ދެން ކައިރި ރަށްރަށުން ވެސް ގެންދޭ. ނުހެދިފަ އޮންނަނީ ރިހާކުރު. ކައިރި ރަށްރަށުން ދުވާލަކު 10 ވަރަކަށް ފުޅި، 15 ވަރަކަށް ފުޅި ގެންދާނެ ރިހާކުރު ހުންނަ ދުވަސްކޮޅު ވެއްޖެއްޔާ،" ނަސީރު ބުންޏެވެ.

އޭނާ ބުނި ގޮތުގައި 50 ކިލޯގެ މަހުން ރިހާކުރު ފުޅިއެއް ހެދެ އެވެ. އެހެންކަމުން އެއް ޓަނުގެ މަހުން ހެދެނީ ގާތްގަނޑަކަށް 20 ވަރަކަށް ރިހާކުރު ފުޅި އެވެ. "ފޯސްޓަކުލާކު" ފުޅީގައި ބަންދުކުރާ ރިހާކުރު ފުޅިއެއް އެ ދެމަފިރިން ވިއްކަނީ 300 ރުފިޔާ އަށެވެ.

ރިހާކުރު ތައްޔާރުކުރުމަށް ފަހު، ރިހާކުރު ފުޅީގައި ބަންދުކުރަނީ -- ސަން ފޮޓޯ: އަހްމަދު އާޒިފް

އާމްދަނީ ހޯދުމަށް ކުރާ މަސައްކަތެއްގެ ގޮތުގައި 2005 ވަނަ އަހަރު އެ ދެމަފިރިން ފެށި ރިހާކުރު ހެދުމުގެ މަސައްކަތް މިހާރު މި ވަނީ ވަރަށް ފުޅާވެފަ އެވެ.

ކާމިޔާބުކަމާ އެކު މި މަސައްކަތް ކުރި ނަމަވެސް ނަސީރު ބުނި ގޮތުގައި އިތުރަށް މި މަސައްކަތް ފުޅާ ކުރަން މަސައްކަތް ކުރަމުން އަންނައިރު އެކަމުގައި ގޮންޖެހުންތަކެއް އެބަހުއްޓެވެ. އެއީ މިހާރު ލިބިފައިވާ މަސް ކެއްކުމުގެ ބިމުގެ ޖާގަ ކުޑަވުމެވެ. އޭނާގެ އުންމީދަކީ މަސްކައްކާތަނުގެ ޖާގަ ކައުންސިލް އިދާރާއިން ބޮޑުކޮށްދިނުމެވެ.

އެ ދެމަފިރިންގެ ދިރިއުޅުން ކޮޅަށް ޖަހާފައި ވަނީ ރިހާކުރުން ލިބޭ އާންދަނީންނެވެ. ދެ ދަރިންނަށް ހަރަދު ކުރަމުން، ގޭގެ ހަރަދުތައް ބަލަހައްޓަމުން ހައްޖުގެ މަތިވެރި އަޅުކަން ވެސް އެ ދެމަފިރިން އަދާކޮށްފި އެވެ. ހައްޖަށް ދިޔައީ މިދިޔަ އަހަރު އެވެ.

ދިއްގަރު ރިހާކުރު މީރުވުމުގެ ސަބަބުތައް ގިނަ ބަޔަކަށް ކުރިއަކުން ނޭނގެ އެވެ. ނަމަވެސް ނަސީރުގެ 25 އަހަރުވީ ކައިވެންނާއެކު އެ ދެމަފިރިން އުފައްދާ ދިއްގަރު ރިހާކުރުގެ ކޮލެޓީ ހިފަހައްޓަނީ ވާރޭފެނުންނެވެ. ރިހާކުރު ހެދުމުގެ މަރުހަލާތައް އެ ދެމަފިރިން ވެސް ކުރިއަށް ގެންދަނީ އެހެން ރަށްތަކުގައި އެކަން ކުރާ އުސޫލުންނެވެ. ހަމައެކަނި ތަފާތަކީ ވާރޭފެނުގައި ލޮނު ނާޅައި ގިނަ މަސް ބޭނުންކޮށްގެން ކެެއްކުމެވެ.

ފަރުވާތެރިކަމާ އެކު ސާފުތާހިރުކަމަށް އިސްކަންދީގެން ކުރާ އެ މަސައްކަތުން އަދިވެސް ދިއްގަރު ރިހާކުރުގެ ރަހައަކަށް ބަދަލެއް ނާދެ އެވެ. ދިވެހިންގެ އެ އުފެއްދުމުގެ އެންމެ މީރު ރަހަ އަބަދުވެސް ހިފަހައްޓަނީ ދިއްގަރުންކަން އެ ދެމަފިރިން ސާބިތުކޮށްދީފި އެވެ. އިތުބާރު ދެމެހެއްޓޭނީ ކޮލެޓީ ހިފަހައްޓައިގެންކަން ދެމަފިރިން ޔަގީންކޮށްދީފި އެވެ.

comment ކޮމެންޓް