ގާނާގެ ޕެޓްރޯލް ސްޓޭޝަނެއްގައި ރޯވެ 170 އަށްވުރެއް ގިނަ މީހުން މަރުވެއްޖެ

ގާނާގެ ވެރިރަށް އަކްރާގެ ޕެޓްރޯލް ސްޓޭޝަންގައި ހިނގި އަލިފާނުގެ ހާދިސާއަށްފަހު އެ ސަރަހައްދުގައި ބަޔަކު ހަރަކާތްތެރިވަނީ --- ފޮޓޯ/ އޭޕީ

ގާނާގެ ވެރިރަށް އަކްރާގެ ޕެޓްރޯލް ސްޓޭޝަނެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 175 މީހުން މަރުވެއްޖެ އެވެ.

އެ ހާދިސާ ހިނގާފައިވަނީ އެގައުމަށް މިހާރު ކުރަމުންދާ ބޯ ވިއްސާރައިގައި ހިޔާވަހިކަން ހޯދަން ޕެޓްރޯލް ސްޓޭޝަން ދަށުގައާއި ސްޓޭޝަނާ ކައިރި ފިހާރަތަކުގައި ގިނަބަޔަކު ހަރަކާތްތެރިވެ އުޅުނު ވަގުތެއްގައެވެ.

އޮފިޝަލުން ވިދާޅުވާގޮތުގައި، ބުދަ ދުވަހުގެ ރޭ ހިނގި އެ ހާދިސާ ހިނގަން މެދުވެރިވީ ފެންބޮޑުވުމުގެ ސަބަބުން ޕެޓްރޯލް ސްޓޭޝަންގައި ރައްކާކޮށްފައިހުރި ޕެޓްރޯލް، ކައިރީގައި ހުރި އަލިފާންގަނޑަކަށް އެޅިގެންނެވެ.

ޕެޓްރޯލް ސްޓޭޝަން ގޮވުމުގެ ސަބަބުން ކައިރީގައި ހުރި އިމާރާތްތަކަށް ވެސް އޭގެ އަސަރުކޮށްފައިވާ ކަމަށް އޮފިޝަލުން ވިދާޅުވެއެވެ.

އެ ހާދިސާއާ ގުޅިގެން އާއްމު ހޮސްޕިޓަލް ތަކުގެ މޯޗަރީތައް ވަނީ ފުރިފައެވެ. ހާދިސާ ހިނގި ސަރަހައްދުން އިތުރު ބައެއްގެ ހަށިގަނޑުތައް ހޯދުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާއިރު، މަރުވި މީހުންގެ އަދަދު އިތުރުވުން ގާތްކަމަށް ސެކިއުރިޓީ އޮފިޝަލުން ވިދާޅުވެއެވެ.

އެ ހާދިސާއާ ގުޅިގެން ގާނާގެ ރައީސް ޑްރަމަނީ މަހަމާ ވަނީ އެ ހާދިސާގައި މަރުވި މީހުންގެ ހަނދާނުގައި އެގައުމުގެ ދިދަ ބައި ދަނޑިއަށް ތިރިކޮށް ހިތާމައިގެ ތިން ދުވަސް ފާހަގަކުރަން ނިންމާފައެވެ. އަދި ސަރުކާރުގެ ފަރާތުން ރިލީފް އޮޕަރޭޝަނަށާއި އެ ހާދިސާގެ ސަބަބުން ލިބިފައިވާ ގެއްލުންތައް ފޫބެއްދުމަށް 12 މިލިއަން ޑޮލަރު ދެއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެތައް ބައެއްގެ ފުރާނަ ވަނީ ގެއްލިފަ. އަޅުގަނޑަށް ދަންނަވާނޭ އެއްޗެއް ނޭނގެ،" ހާދިސާ ހިނގި ސަރަހައްދު ބައްލަވާލެއްވުމަށްފަހު ނޫސްވެރިންނަށް މަހަމާ ވިދާޅުވި އެވެ.

ގާނާއަށް މީގެ ދެ ދުވަސް ކުރިން ފެށިގެން މެދުނުކެނޑި ކުރަމުންދާ ވިއްސާރައިގައި އެގައުމުގެ މަގުތަކުގައި ފެންބޮޑުވެ، ބޮޑު ސަރަހައްދަކުން ކަރަންޓް ކެނޑި ގިނަ ބަޔަކު ވަނީ ގެދޮރު ގެއްލިފައެވެ.

މައުލޫމާތު: ނޫސް އެޖެންސީތައް

comment ކޮމެންޓް