އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަމީން އިބްރާހިމް އަދި އެޕާޓީގެ ކައުންސިލު މެންބަރު ސޮބާހު ރަޝީދުގެ މައްޗަށް ޖިނާއީ ދައުވާ ކުރުމުން އެމެރިކާއިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ސްރީލަންކާގައި ހުއްނަ އެމެރިކަން އެމްބަސީގެ ރަސްމީ ޓްވިޓާ އެކައުންޓުން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައި ވަނީ "އިދިކޮޅު ތިން ލީޑަރަކަށް" ދައުލަތުން ދައުވާކުރާތީ ކަންބޮޑުވާ ކަމަށާއި، ޑިމޮކްރަސީއަށް ދިވެހި ރައްޔިތުންގެ ހިތުގައި އިތުބާރު އުފެދޭތަން ދެކެން ބޭނުންވާ ކަމަށެެވެ.
Concerned 3 more opposition leaders charged by #Maldives govt. Eager to see govt take steps to restore confidence in democracy + rule of law
— U.S. Embassy Colombo (@USEmbSL) June 2, 2015 އިމްރާނާއި އަމީން އަދި ސޮބާހުގެ މައްޗަށް ދައުލަތުން ޓެރަރިޒަމްގެ ދައުވާ އުފުލާފައި ވަނީ މިދިއަ މަހުގެ އެއްވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން ކުރިއަށްގެންދިއަ މުޒާހަރާގައި އަނިޔާވެރިކަމަށް ހިތްވަރުދޭ ގޮތަށް ވާހަކަ ދެއްކުމުން މުޒާހަރާގެ ބައިވެރިން ފުލުހުންގެ ބެރިކޭޑް ފަޅާލައި، އަނިޔާވެރި އަމަލުތަކެއް ހިންގުމުން ކަމަށް ބުނެ އެވެ.
އެ މައްސަލާގައި އިމްރާނުގެ ޝަރީއަތް ރޭ ފަށާފައިވާއިރު އޭނާ ވަނީ ދައުލަތުން އުފުލި ދައުވާއަށް އިންކާރު ކުރައްވާފަ އެވެ. އަމީނާއި ސޮބާހުގެ ޝަރީއަތް ރެޔަށް ތާވަލު ކުރި ނަމަވެސް އެމީހުން ރޭއްޖޭގައި ނޫޅުއްވާތީ ޝަރީއަތް ބޭއްވޭ ގޮތް ވަނީ ނުވެފަ އެވެ.