ހޮރުމުޒް ކަނޑުއޮޅިން ދަތުރުކުރި މުދާ އުފުލާ ބޯޓަކަށް އީރާނުން ޑްރޯން ހަމަލާއެއް ދީފައިވާ ކަމަށް ބުނެ، އޭގެ ރައްދުގައި އެމެރިކާގެ އަސްކަރިއްޔާއިން އީރާނަށް ހަމަލާދީފިއެވެ.
މިދިޔަ ހަފުތާގައި ވެފައިވާ ހަމަލާތައް މެދުކަނޑާލުމުގެ އެއްބަސްވުމާ ހިލާފުވެފައިވާ ކަމަށް ދެ ގައުމުން ވެސް ވަނީ އެއް ގައުމު އަނެއް ގައުމަށް ތުހުމަތުކޮށްފައެވެ. އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ބުނި ގޮތުގައި، އެމެރިކާގެ މަތިންދާބޯޓުތަކުން ވަނީ އީރާނުގެ މިސައިލާއި ޑްރޯން ރައްކާކުރާ ތަންތަނަށާއި އައްސޭރިފަށުގެ ރާޑަރު ސްޓޭޝަންތަކަށް ހަމަލާދީފައެވެ. އަދި މި އޮޕަރޭޝަން މިހާރު ނިމިފައިވާ ކަމަށް އެމެރިކާގެ އޮފިޝަލަކާ ހަވާލާދީ ރޮއިޓާސްއިން ރިޕޯޓުކޮށްފައިވެއެވެ.
އީރާނުގެ ދެކުނުގައި އޮންނަ ސިރިކް ބަނދަރު ސަރަހައްދަށް ހަމަލާއެއް އަރާފައިވާ ކަމަށް އީރާނުން ބުނެފައިވާއިރު، އޭގެ ރައްދުގައި އެ ސަރަހައްދުގައި ތިބި އެމެރިކާގެ އަސްކަރީ އަމާޒުތަކަށް ހަމަލާދީފައިވާނެ ކަމަށް އީރާނުގެ ކަނޑުގެ ސިފައިންނާ ހަވާލާދީ އެ ގައުމުގެ ދައުލަތުގެ މީޑިއާއިން ވަނީ ރިޕޯޓުކޮށްފައެވެ. ނަމަވެސް ގެއްލުންވި ތަންތަނުގެ ތަފުސީލެއް ހާމަކޮށްފައެއް ނުވެއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް -- ފޮޓޯ: އޭއެފްޕީ
މި ހަމަނުޖެހުންތައް ހިނގަމުންދާ ދަނޑިވަޅެއްގައި، އިސްރާއީލާއި ލުބުނާނާ ދެމެދު ހިނގަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ދެ ގައުމުން ވަނީ ވަގުތީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގެ ދަށުން ހިޒްބުﷲ އިން ހަތިޔާރު ބެހެއްޓުމަށާއި އިސްރާއީލުގެ ސިފައިން ލުބުނާނުން ފޭބުމަށް ގޮވާލާފައިވީ ނަމަވެސް، މިއަށް އަމަލުކުރާނެ ގޮތެއް އަދި ސާފެއް ނުވެއެވެ.
އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސް ވިދާޅުވި ގޮތުގައި، އެމެރިކާއިން ވަނީ ހަމަލާތައް މެދުކަނޑާލުމުގެ އެއްބަސްވުމަށް އިހުތިރާމުކޮށްފައެވެ. އަދި އަނިޔާވެރިކަމަށް ރައްދުދޭނީ އަނިޔާވެރިކަމުން ކަމަށް އޭނާ އިންޒާރުދެއްވިއެވެ. އީރާނުގެ ގާނޫނުހަދާ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީގެ އިސްވެރިޔާ އިބްރާހީމް އަޒީޒީ ވިދާޅުވީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އެއްބަސްވުމަށް އަމަލުކުރުމުގައި ނާކާމިޔާބުވެވަޑައިގެންފައި ކަމަށެވެ.
މި ހަމަނުޖެހުންތަކާ ގުޅިގެން ހުކުރު ދުވަހު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ ތިން އިންސައްތަ ދަށަށް ގޮސްފައެވެ. މިއީ ދުނިޔޭގެ ތެލުގެ ސަޕްލައިގެ ފަސްބައިކުޅަ އެއްބައި ދަތުރުކުރާ ހޮރުމުޒް ކަނޑުއޮޅިން ތެޔޯ ޓޭންކަރުތައް ނުކުތުމާ ގުޅިގެން އައި ބަދަލެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.
އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވަނީ ގަލްފުގެ ގައުމުތަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ހޮރުމުޒް ކަނޑުއޮޅީގައި މިނިވަންކަމާއެކު ދަތުރުފަތުރުކުރެވޭނެ މަގު ފަހިކުރުމަށް ގޮވާލައްވައި ގަލްފް ކޯޕަރޭޝަން ކައުންސިލާއެކު ގުޅިފައިވާ ބަޔާނެއް ނެރުއްވާފައެވެ.