ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަމީން އިބްރާހީމާއި އެ ޕާޓީގެ ފޮރިން އެންޑް ޕަބްލިކް ރިލޭޝަންސް ސޮބާހު ރަޝީދުގެ ޝަރީއަތް މިރެއަށް ތާވަލްކޮށްފައިވާ އިރު، އެ ދެ ބޭފުޅުން މިހާރު ތިއްބެވީ ރާއްޖެ އިން ބޭރުގައިކަން ސަން އަށް އެނގިއްޖެ އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި އެ ދެ ބޭފުޅުން ވެސް ރާއްޖެ އިން ބޭރަށް ފުރާވަޑައިގަތީ ބަންދުން ދޫކޮށްލިތާ ކުޑަދުވަސްކޮޅެއްގެ ތެރޭގަ އެވެ.
ރާއްޖެ އިން ބޭރަށް ފުރާވަޑައިގަތް އިރު އެ ދެ ބޭފުޅުންގެ މައްޗަށް ދައުވާ ވެސް އުފުލާފައެއް ނުވެ އެވެ. އަދި އެ ދެ ބޭފުޅުންގެ ޕާސްޕޯޓު ވެސް ހިފަހައްޓާފައެއް ނުވެ އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި އަމީން ރާއްޖެ އިން ބޭރަށް ވަޑައިގަތީ ބޭސްފަރުވާއަކަށެވެ. ނަމަވެސް ސޮބާހު ރާއްޖެ އިން ބޭރަށް ވަޑައިގަތީ ކީއްވެކަމެއް އަދި ނޭނގެ އެވެ.
ދައުލަތުން އެ ދެ ބޭފުޅުންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލާފައި ވަނީ މިދިޔަ މަހުގެ އެއްވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި މުޒާހަރާގައި މުޒާހަރާގެ ބައިވެރިންނަށް ހަމަނުޖެހުން ހިންގަން ހިތްވަރުލިބޭ ގޮތަށް ވާހަކަފުޅު ދެއްކެވި ކަމަށް ބުނެ އެވެ.