ރައީސް ޔާމީން ހިމާޔަތްކޮށްދީ އެމަނިކުފާނަށް އިންސާފު ހޯދައިދޭނީ ޖޭޕީން: އަމީން

މާމިގިލީގައި ބޭއްވި ޖަލްސާގައި ގާސިމްގެ ރަނިންމޭޓް އަމީން އިބްރާހީމް ވާހަކަދައްކަވަނީ --- ފޮޓޯ/ ޖޭޕީ

ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ހިމާޔަތް ކޮށްދީ އެމަނިކުފާނަށް އިންސާފު ހޯދައި ދޭނީ ޖުމްހޫރީ ޕާޓީ ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރަހީމްގެ ރަނިންމޭޓް އަމީން އިބްރާހީމް ވިދާޅުވެއްޖެއެވެ.

އދ. މާމިގިލީގައި މިރޭ ބޭއްވި ގާސިމްގެ ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން އަމީން ވިދާޅުވީ މާ ކުޑަކުޑަ ޕާޓީ އަކުން ރައީސް ޔާމީންގެ ކެންޑިޑެސީ ޖަހައިގަނެފައި ވާކަމަށެވެ. އަދި ރައީސް ޔާމީނަށް ވަފާތެރި އެ ޕާޓީގެ މެމްބަރުން މިއަދު ވަނީ މަގުމަތި ވެފައި ކަމަށް އޭނާ ވިދާޅުވިއެވެ.

"އެ ހުރިހާ ބޭފުޅުންނަށް ޖުމްހޫރީ ޕާޓީއަށް އަޅުގަނޑު ދައުވަތު އަރުވަން. ރައީސް ޔާމީން ހިމާޔަތް ކޮށްދޭނީ އެމަނިކުފާނަށް އިންސާފު ހޯދައި ދޭނީ ޖުމްހޫރީ ޕާޓީން،" އަމީން ވިދާޅުވިއެވެ.

މިރޭ އެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޕީޕީއެމްގެ ކުރީގެ އެޑްވައިޒަރުގެ ގޮތުގައި ހުންނެވި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވެސް ވަނީ ޕީޕީއެމްގެ އެންމެހާ މެމްބަރުން ގާސިމް އިބްރާހީމަށް ވޯޓު ލުމަށް ގޮވާލައްވާފައެވެ.

https://sun.mv/180737

އަމީން ވިދާޅުވީ، ގާސިމް ވަނީ ޓުއަރިޒަމް ދައިރާއަށް ވެސް އިންގިލާބީ ބަދަލުތަކެއް ގެނެސްފައި ކަމަށެވެ. އެހެންކަމުން ގާސިމާ ވެރިކަން ހަވާލުކޮށްފި ނަމަ ރިސޯޓު މުވައްޒަފުންނަށް ދެއްވާނެ އިނާޔަތްތައް ހިތަށް ވެސް ގެންނަން ނޭނގޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ގާސިމްގެ މުވައްޒަފުންނަށް މުސާރަ ނުދޭކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި އަމީން ވިދާޅުވީ، ގާސިމްގެ މުވައްޒަފުންނަށް މުސާރަ ލަސްވުން ފިޔަވާ އިތުރު ކަމެއް ކުރިމަތި ނުވާނެ ކަމަށެވެ.

"އެހެން ބޭބޭފުޅުންގެ ވިޔަފާރިތަކުގައި އެ ދިމާވާ އުނދަގޫތަކާ ދަތިތައް އެމަނިކުފާނުގެ ވިޔަފާރީގައި ވެސް އެބަ ދިމާވޭ. ކޭޝް ފްލޯ މެނޭޖު ކުރުމަކީ މިއީ އާދައިގެ ކަމެއް ނޫން. ބައެއް ހާކަތްތަކުގައި ފައިސާގެ ދަތިކަން އެބަ ދިމާވޭ. އެފަދަ ހާލަތްތަކުގައި މުސާރައެއް ލަސްވުން ފިޔަވާ އެނޫން އެހެން އެއްވެސް ގޮތަކުން އެއްވެސް މުވައްޒަފަކަށް ލިބެން ޖެހޭ އެއްޗެއް އިނާޔަތެއް ނުލިބިއެއް ނުދޭ،" އަމީން ވިދާޅުވިއެވެ.

comment ކޮމެންޓް