ޑަބްލިއުއެޗްއޯގެ ދުންފަތް ކޮންޓްރޯލް ކުރުމުގެ އެވޯޑެއް ކަސްޓަމްސްއަށް ލިބިއްޖެ

ކަސްޓަމްސް އަށް ލިބިފައިވާ ވޯލްޑް ނޯ ޓޮބޭކޯ ޑޭ އެވޯޑް-- ސަން ފޮޓޯ

މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ދުންފަތް ކޮންޓްރޯލްކުރުމަށް މިދިޔަ އަހަރު ކޮށްފައިވާ މަސައްކަތައް ވޯލްޑް ހެލްތް އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ދޭ "ވޯލްޑް ނޯ ޓޮބޭކޯ ޑޭ އެވޯޑް" ލިބިއްޖެ އެވެ.

ސައުތު އޭޝިޔާ ސަރަހައްދުގެ ހަ ފަރާތަކަށް އެ އެވޯޑް ލިބުނުއިރު ދިވެހިރާއްޖެއިން ލިބިފައި ވަނީ ހަމައެކަނި ކަސްޓަމްސް އަށެވެ.

ކަސްޓަމްސްގެ ސީނިއާ ސުޕްރިންޓެންޑެންޓް އަހުމަދު ނިޔާޒު މިއަދު "ސަން"އަށް ވިދާޅުވީ ކަސްޓަމްސް އަށް އެއެވޯޑް ލިބިފައި ވަނީ ދުންފަތުގެ ވަގު ވިޔަފާރި ކުރުމާއި ދުންފަތް އެތެރެކުރުމުގައި ފުރިހަމަ ކުރަންޖެހޭކަންކަން ފުރިހަމަކުރިތޯ ބަލައި ތަންފީޒް ކުރަންޖެހޭ ކަންކަން ތަންފީޒް ކުރުމުން ދިން އެވޯޑެއް ކަމަށެވެ.

"ސިނގިރޭޓް އެތެރެކުރާއިރު ލޭބަލް ޖެހިގެން މިއެތެރެ ކުރަން މިޖެހެނީ، ދެން އަޅުގަނޑުމެން ބަލަންޖެހޭ ލޭބަލް ޖެހިފައިވޭތޯ، އެކަންކަން ތަންފީޒް ކުރުމުގައި އަޅުގަނޑުމެން ކުރާކަންކަން އަގުވަޒަން ކުރުމެއް މިއީ،" ނިޔާޒު ވިދާޅުވިއެވެ.

ދުންފަތުގެ ބާވަތްތައް ސްމަގްލް ކުރުން ހުއްޓުވުމާއި، ދުންފަތުގެ ބާވަތްތައް އިމްޕޯޓް/އެކްސްޕޯޓްކުރުމާއި ގުޅޭގޮތުން ހެދިފައިވާ ޤާނޫނުތަކާއި ޤަވާއިދުތައް ތަންފީޒުކުރުމާއި، ދުންފަތުގެ އިސްތިޢުމާލު ކުރުން ހުއްޓުވަމަށްޓަކައި ސަރުކާރުން އެކަށައަޅާ ސިޔާސަތުގަކާއި ޕްރޮގްރާމުތައް ހިންގުމަށް ބޭނުންވާ ތަފާސްހިސާބު ފޯރުކޮށްދިނުމަކީ ކަސްޓަމްސްގެ މެންޑޭޓްތެރޭގައި ހިމެނޭ ކަންކަމެވެ.

ވާލްޑް ނޯ ޓޮބޭކޯ ޑޭ އެވޯޑަކީ، ދުންފަތް ކޮންޓްރޯލް ކުރުމުގެ ދާއިރާއިން ފާހަގަކޮށްލެވޭ ޚިދުމަތްތަކެއް ކޮށްފައިވާ ފަރުދުންނާއި މުވައްސަސާތަކަށް ޑަބްލިއުއެޗްއޯގެ ފަރާތުން 1988 އިން ފެށިގެން ކޮންމެ އަހަރަކުވެސް ދެމުންދާ އެވޯޑެކެވެ. އެ އެވޯޑް ދެވެނީ ކޮންމެ ސަރަހައްދަކުން ކޮންމެ އަހަރަކުވެސް ހަ ފަރާތަކަށެވެ.

comment ކޮމެންޓް