ހަފުތާއެއް ފަހުން އަނެއްކާވެސް ކެނަބިސް ހިފަހައްޓައިފި، އަގު 2.4 މިލިއަނަށް އަރާ

ރާއްޖެއަށް އެތެރެ ކުރަން އުޅުނު ކެނަބިސް ފަތްތަކެއް: މިދިޔަ ހޮނިހިރު ދުވަހު އެތެރެކުރަން އުޅުނު ކެނަބިސް ފަތްތަކުގެ އަގު 2.4 މިލިއަނަށް އަރާ ---

ހަފުތާއެއް ފަހުން މި މަހު ދެވަނަ ފަހަރަށް އަނެއްކާވެސް ވައިގެ މަގުން އެތެރެކުރަން މަސައްކަތްކުރި ކެނަބިސް ފަތްތަކެއް ހިފަހައްޓައިފިއެވެ.

ކަސްޓަމްސްއިން މިއަދު އާންމުކުރި މައުލޫމާތުގައިވާ ގޮތުން މިފަހަރު ވައިގެ މަގުން އެތެރެކުރަން މަސައްކަތްކުރި ކެނަބިސް ފަތްތަކުގެ މަގުމަތީ އަގު 2.4 މިލިއަން ރުފިޔާއަށް އަރައެވެ.

މިދިޔަ ހޮނިހިރު ދުވަހު އެތެރެކުރަން މަސައްކަތްކުރި އެ ތަކެތީގެ ބަރުދަނުގައި ތިން ކިލޯގްރާމު އެބަހުރި ކަމަށްވެސް ކަސްޓަމްސްއިން ސޯޝަލް މީޑިއާގައި ހިއްސާކުރި މައުލޫމާތުގައިވެއެވެ.

މިމަހުގެ ފަސްވަނަ ދުވަހު ވެސް ކެނަބިސް ފަތްތަކެއް ވައިގެ މަގުން ރާއްޖެ އެތެރެކުރަން މަސައްކަތްކުރިއެވެ.

އެ ތަކެތީގެ އަގު އެއް މިލިއަން ރުފިޔާއަށް ގާތްކުރާއިރު، ބަރުދަނުގައި 1.2 ކިލޯގްރާމު ހުއްޓެވެ.

https://sun.mv/214984

އެކަމަކު މި މައްސަލައިގައި މީހަކު ހައްޔަރުކުރިކަން ނުވަތަ ނޫންކަން، ފުލުހުން ސާފުކޮށްދީފައެއް ނުވެއެވެ.

ފާހަގަކުރެވޭ ގޮތުގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް ސުޕްރީމް ކޯޓުގެ އިއްތިފާގާ އެކު މަރުގެ އަދަބުދޭން ފާސްކޮށް، މި މަހު ކުރީކޮޅު ވަނީ އަމަލުކުރަން ފަށައިފައެވެ.

ކެެނެބިސްއަކީ، ރާއްޖެއަށް އެތެރެކޮށް ބޭނުންކުރުން މަނާ މަސްތުވާތަކެތީގެ ބާވަތްތަކުގެ ޖަދުވަލު އެކެއްގައި ހިމެނޭ ބާވަތުގެ މަސްތުވާއެއްޗެކެވެ. ކެނެބިސްގެ 350 ގްރާމަށްވުރެ ގިނައިން އެތެރެކޮށްފި ނަމަ މަރުގެ އަދަބު ލިބޭނެއެވެ.

މަސްތުވާތަކެއްޗާބެހޭ ގާނޫނުގައިވާ ގޮތުން މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް ދެވޭ އަދަބަކީ އުމުރަށް ޖަލަށްލުމެވެ. ނުވަތަ އެއްލައްކަ ރުފިޔާއާއި 10 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ.

މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުންނަށް އެއްވެސް ރަހުމެއް ނުވަތަ އިސްތިސްނާއެއް ނޯންނާނެ ކަމަށް، ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު ޢަލީ އިޙުސާން މިމަހުގެ ކުރީކޮޅު ލިޔުއްވާފައިވެއެވެ.

މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދެވޭ ގޮތަށް މަސްތުވާތަކެއްޗާ ބެހޭ ގާނޫނު ބަދަލުކުރި ނަމަވެސް، މަރުގެ އަދަބު ރާއްޖޭގައި ދެވޭނެ ކަމާ މެދު ސުވާލު އުފައްދައި ސިޔާސީ ބައެއް ބޭފުޅުން ފާޑުވިދާޅުވެފައިވެއެވެ. އޭގެ ތެރޭގައި ކުރީގެ ރައީސް ޢަބްދުالله ޔާމީނާއި އެ ސަރުކާރުގެ ފުރަތަމަ ހޯމް މިނިސްޓަރު ޢުމަރު ނަޞީރު ހިމެނެއެވެ.

comment ކޮމެންޓް