ހުޅުމާލޭގެ ބޮޑު ބަޔަކުން ކަރަންޓު ކެނޑިއްޖެ

ހުޅުމާލޭ ފެރީޓާމިނަލް ސަރަހައްދު: ހުޅުމާލޭގެ ބޮޑު ބަޔަކުން ވަނީ މިރޭ ކަރަންޓު ކެނޑިފައި -- ސަން ފޮޓޯ: އަހްމަދު މުޖްތަބާ

ހުޅުމާލޭގެ އުތުރުފަރާތް ހިމެނޭ ގޮތަށް އެރަށުގެ ބޮޑު ސަރަހައްދަކުން ކަރަންޓު ކެނޑިއްޖެއެވެ.

ހުޅުމާލޭގެ ކަރަންޓުގެ ކަންތައް ބަލަހައްޓާ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)ގެ އިންފޮމޭޝަން އޮފިސަރު އިބްރާހީމް ރައުފު މިރޭ ސަންއަށް ވިދާޅުވީ، ހުޅުމާލޭން ކަރަންޓު ކެނޑިފައި ވަނީ، އެރަށަށް ކަރަންޓު ދިނުމަށް ބޭނުންކުރާ މައި ނެޓްވޯކަަށް ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމަށެވެ.

"މިރޭ 8:00 ކަންހާއިރު، ހުޅުމާލޭގެ އެއްބައިން އެއްކޮށް ކަރަންޓު ކެނޑިފައި މިވަނީ. އެއީ އެރަށަށް ކަރަންޓު ދިނުމަށް ބޭނުންކުރާ 11،000 ވޯލްޓޭޖްގެ ނެޓްވޯކަށް ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން. މިހާރު މިދަނީ އެކަން ހައްލުކުރުމަށް މަސައްކަތް ކުރަމުން،" ރައުފު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ނެޓްވޯކަށް ދިމާވެފައިވަނީ މާކަ ބޮޑު މައްސަލައެއް ނޫން ކަމަށާއި، ކުރިއަށް އޮތް ބައިގަޑިއެއްހާ އިރުގެ ތެރޭގައި ހުޅުމާލޭން ކަރަންޓު ކެނޑިފައިވާ ސަރަހައްދަށް އަލުން ކަރަންޓު ފޯރުކޮށްދެވޭނެ ކަމަށެވެ.

"މެނުއަލްކޮށް ކުރަމުން ގެންދާ މަސައްކަތަކަށްވީމަ ލަސްވަނީ. އެހެން ނަމަވެސް ބައިގަޑިއެއްހާ އިރުގެ ތެރޭގައި ކަރަންޓު ދެވޭނެ،" ރައުފު ވިދާޅުވިއެވެ.

comment ކޮމެންޓް