ޖަފްނާގެ އަންހެން ދަރިވަރަކު ރޭޕްކޮށް މަރާލި މީހުންގެ ޝަރީއަތް ހިންގަން ވަކި ކޯޓެއް ހަދަން ނިންމައިފި

ސްރީލަންކާގެ ރައީސް މައިތިރިޕަލާ ސިރިސޭނާ ޖަފްނާއަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން ---- ފޮޓޯ/ އެންޑީ ޓީވީ

ސްރީލަންކާގެ ޖަފްނާގައި ގޭންގަކުން ރޭޕް ކުރުމަށްފަހު އަންހެން ދަރިވަރަކު މަރާލި މައްސަލައިގެ ޝަރީއަތް ހިންގުމަށް ޚާއްސަ ކޯޓެއް އުފައްދަން އެގައުމުގެ ރައީސް މައިތިރިޕަލާ ސިރިސޭނާ ނިންމަވައިފިއެވެ.

މިގޮތަށް ނިންމެވިކަން ސިރިސޭނާ އިއުލާން ކުރެއްވީ މިއަދު ޖަފްނާއަށް ވަޑައިގެން އެސިޓީގެ 17 ސްކޫލެއްގެ ދަރިވަރުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"މިގައުމުގެ އެއްވެސް ސަރަހައްދެއްގައި މިފަދަ ހާދިސާއެއް ހިންގުމަށް ފުރުސަތު ދީގެން ތިބެވޭކަށް ނެތް،" ސިރިސޭނާ ވިދާޅުވި އެވެ.

އެ ޖަލްސާއަށް ފަހު ސިރިސޭނާ ވަނީ ރޭޕް ކުރުމަށްފަހު މަރާލި ދަރިވަރު، ސިވާލޯ ގޮނަތަން ވިދިއާގެ އާއިލައާ ބައްދަލު ކުރައްވާފައެވެ.

ޖަފްނާގެ އަވަށެއް ކަމުގައިވާ ޕަންކުޑިވޫގައި ސްކޫލަށް ދަނިކޮށް ރޭޕްކޮށް 18 އަހަރުގެ އަންހެންކުއްޖާ މަރާލި ކަމުގެ ތުހުމަތުގައި ފުލުހުން ވަނީ މިހާތަނަށް ނުވަ މީހަކު ހައްޔަރުކޮށްފަ އެވެ.

ރައީސް ސިރިސޭނާ ޖަފްނާއަށް ކުރެއްވި ޒިޔާރަތުގައި ތައުލީމީ އެހެނިހެން މަޝްރޫއު ތަކާ ބެހޭގޮތުން ވާހަކަ ދެއްކެވި ނަމަވެސް ޚާއްސަ ގޮތެއްގައި އަލިއަޅުވާލެއްވީ ދަރިވަރުންނަށް ބޭރުތެރެއިން ކުރިމަތިވާ މައްސަލަތަކަށެވެ.

ދަރިވަރުންގެ ރައްކާތެރިކަމަށް ޚާާއްސަ ސަމާލުކަމެއް ދިނުމަށް ސިރިސޭނާ ވަނީ ޖަފްނާގެ ސަލާމަތީ ކަންކަން ބެލެހެއްޓުމާ ހަވާލުވެ ތިބި ފަރާތްތަކަށް އަންގަވާފައެވެ.

comment ކޮމެންޓް