މާމަމެން ބުނާތީ އަޑުއިވެ އެވެ. ޝައުބާން މަސް ފެށުމާއެކު ރޯދަޔަށް ތައްޔާރު ވުމުގެ ކަންތައްގަނޑު އެފެށުނީ އެވެ. ފޯރިއާއި ޖޯށާއެކު އެވެ. މުޅިގޭ ދޮށަށް ދޮންވެލިލާން ފަށައެވެ. ދުމަށި ދޮންނަން ފަށައެވެ. ރޯދަމަހަށް އަނެއް ބަޔަކު ފޯރިއާއެކު ހަވާދު ހަދަން ފަށައެވެ. ރޯދަމަހަށް ތައްޔާރުވުމަކީ ހަމަ އީދެކެވެ. އެއީ ޖޯޝުން ފުރިގެންވާ ތައްޔާރީތަކެތެކެވެ. ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައިވެސް އޭރުއެކަން އޮތީ ހަމަ އެގޮތަށެވެ.
"އޭރު ދިވެހިން ރޯދަމަސް ފާހަގަ ކުރަމުން އައީ އަޅުކަމާއެކު ވަރަށް އުފާވެރި މަހެއްގެ ގޮތުގައި. ވަރަށް ހާއްސަ އުފާވެރި ދީނީ އީދެއްގެ ގޮތުގައި،" ތާރީހު ދިރާސާ ކުރާ އަދި އަދަބީ ދާއިރާގައި ހަރަކާތްތެރިވާ ތޮއްޑޫ އާދަމް ނަސީރު ވިދާޅުވި އެވެ.
އޭރަށް ނަޒަރެއް ހިންގައިލަމާތޯއެވެ. ރޯދަމަހަށް ތައްޔާރުވުމުގެ ފުރަތަމަ ހަރަކާތަކަށް ވެފައި އޮންނަނީ ރޯދަ ދަތުރެވެ. އަތޮޅުތެރޭ ކޮންމެ ގެއަކުން ކަހަލަ ގޮތަކަށް މާލެއަށް މީހަކު ފޮނުވައެވެ. އެއީ ރޯދަޔަށް ބޭނުންވާ ވިޔަފާރި ކުރުމަށެވެ. ހަވާދާއި ކާޑުގެ ބާވަތްތައް ފަދަ ސުފުރާމަތި މުއްސަނދިވާފަދަ ބާވަތްތައް ގަތުމަށެވެ. މިހާރުގެ ގޮތަށް ކޮންމެ ރަށަކުން ބޭނުންވާ ހުރިހާ ސާމާނެއް އޭރަކު ލިބެން ނުހުރެއެވެ. އެހެންކަމުން ރޯދަޔަށް ކޮންމެ ބަޔަކުވެސް އަމިއްލައަށް ދަތުރުހަދައިގެން މާލެ އައިސް ވިޔަފާރިކުރަނީ އެވެ. ހަމައެހެންމެ ރަށުން ބޭރުގައި ވަޒީފާގައި އުޅޭ ފަރާތްތަކުން ރޯދަޔަށް ރަށަށް ދިއުމަކީ ބޮޑު އާދައެކެވެ.
"ރަށް ފިޔަވައި އެހެން ތަންތަނުގައި މަސައްކަތް ކުރައްވާ ބޭފުޅުން ރަށަށް އަންނާނެ. ގިނަ ފަހަރަށް އެމީހުން އަންނާނީ މާލެ ގޮސް މާލެއިން އެއްޗެހި ގަނެގެން ރޯދަ މަހު ރަށުގައި ތިބޭގޮތަށް،" އާދަމް ނަސީރު ވިދާޅުވި އެވެ.

ރޯދަމަސް ކައިރި ވުމާއެކު އެންމެ ބޮޑު އިސްކަމެއް ދެނީ ގެއަށް ދޮންވެލިލުމަށެވެ. މުޅި ގޭ ވަށައި ހުދު ދޫލައެއް ފަދައިން ވެލިއަޅައެވެ. ހަމައެއާއެކު ބަދިގެއާކުރެ އެވެ. ދުމަށީގައި އަތުރާފައި ހުރި ދަނޑިތައް މޫދަށް ގެންގޮސް ރަނގަޅަށް ދޮވެލައެވެ. ރޯދަޔަށް ދަމިލަ ފިލުވައި އާކޮށްލައެވެ. ހަމައެއާއެ ބަދިގެއަށް އެކި ބަދަލުތައް ގެނެއެވެ.
"ރޯދަޔަށް ބަދިގެ އާ ކުރުމަކީ ހަމަ ވަރަށް އާންމުކަމެއް. ހަމަ ދަނޑިފަން ބަދަލު ކުރާނެ. ފަންގި ބަދަލުކުރާނެ. މުޅިންއާ ބަދިގެއެއް ރޯދަޔަށް ވާއިރު ގިނަ ގޭގޭގައި ތައްޔާރުކުރާނެ،" ގއ. ގެމަނަފުށީ، 34، މުހައްމަދު ނަސީމް ބުންޏެވެ.
ގޭތެރެ އާ ކުރުމާއި ޒީނަތްތެރި ކުރުމުގެ އިތުރުން އެރަށެއް ޒީނަތްތެރި ކުރުމަކީވެސް ހާއްސަ ކަމެކެވެ. އެގޮތުން ސީރަތާއި ކުރު ވާހަކަ އަޑުު އެހުމަށް ހޮޅުއަށިތައް ތައްޔާރު ކޮށްލައެވެ. ހަމައެއާއެކު ރޯދައިގެ ވަރުބަލިކަން ފިލުވައި ފިނި ވައި ޖައްސާލުމަށް ޖޯލިފަތިތައް އާކޮށްލައެވެ.
ރޯދަމަހަކީ އަޅުކަމުގެ މަހެއްގެ އިތުރުން ދިވެހިންގެ ތެރޭގައި މުނިފޫހިފިލުވުމަށްވެސް ހާއްސަ މަހެކެވެ. ރޯދަ ކުރުކުރުމަށް ގިނަ ކަންކަން ރޭވެއެވެ. އެގޮތުން އެކި ކުޅިވަރުތައް ކުޅުމަށް ރޯދަ ކައިރިވުމާއެކު ތައްޔާރުވެ އެވެ. އެގެއެއްގެ އަވަށްޓެރި ކުދިން އެއްވެ ކުޅިވަރު ކުޅުމަށް ކޮންމެވެސް އެއް ގެއެއްގައި ވެލިފުނި ޖަހައެވެ. އެ ވެލި ފުނިތައް ފަތުރާލާނީ ރޯދަމަހަށް ހަނދު ފެނުމުންނެވެ. ރޯދަމަހު ގިނައިން ކުޅޭނީ ނުދުވެ ތިބިތާ ތިބެގެން ކުޅޭކަހަލަ ކުޅިވަރުތަކެވެ.
ރޯދަޔަށް ހާއްސަ ކުޅިވަރުތަކުގެ ތެރޭގައި ބުމަރުޖެހުމާއި އުނދޯލި ބޯމަތިން އުކުމާއި ފަސް އޮށް ކުޅުމާއި އޮށްވަޅުކުޅުމާއި ތިން ހަމަ ފަދަ ކުޅިވަރުތަކަކީ ރޯދަޔަށް ހާއްސަ ކުޅިވަރުތަކެވެ.
ރޯދަޔަށް ކައިރިވުމުން މާހެފުމުގެ ހަރަކާތްތަކަކީވެސް ޒަމާނުންސުރެ މިއަދާއި ހަމައަށްވެސް ކުރަމުން ގެންދިޔަ ކަންކަމެވެ. އަވެއްޔާއި ފާރޮށި ފަދަ ކުރީގެ ކެއުންތަކުން އެއީ ވަރަށް ފޯރި ނަގާ ހަރަކާތެކެވެ. ބައެއް ރަށްރަށުގައި މާހެފުމުގެ ހަރަކާތްތައް ތަފާތު ގޮތްގޮތަށްވެސް ކުރިއަށްގެންދެއެވެ. އއ. ތޮއްޑޫ އާއި ޏ. ފުވަށްމުލަކު ފަދަ ރަށްރަށުގައި މާހެފުމުގެ ގޮތުން ރަށުގެ ކުދި ބޮޑު އެންމެން ގޮނޑުދޮށްތަކަށް ނުކުމެ އެދުވަސް އެކަމުގައި ހޭދަކުރެއެވެ.

ފުވައްމުލަކުގައި ގޮނޑުދޮށުގައި ގިނަ ބަޔަކު މާހެފުމުގައި ބައިވެރިވަނީ -- ފްލިކާ ފޮޓޯ: އާސިފްއަބްދުﷲ
ރޯދަމަހަކީ ކެއުމަށް ހާއްސަ އިސްކަމެއް ދޭ މަހެކެވެ. ޒަމާނުއްސުރެ މިއަދާހަމައަށް ވެސް އޮތީ ހަމަ އެގޮތަށެވެ. އެގޮތުން އެންމެ ބޮޑު ތައްޔާރީއަކަށް ވެފައިވަނީ ރޯދަޔަށް ތައްޔާރު ކުރާ ކާނާއަށް ހަވާދު ތައްޔާރު ކުރުމެވެ.
މާޅޮހު ކައުންސިލްގެ ރައީސް އިސްމާއިލް ނަސީރު ވިދާޅުވި ގޮތުގައި އެރަށުގައި އެންމެ ކުރިންސުރެ ވެސް ރޯދައަށް އެއް މަހަށްވާ އިރު އެރަށުގެ ކޮންމެ ގެއެއްގައި ވެސް ހަވާދު ހަދައެވެ. އެގޮތުން 700 މީހުންގެ އާބާދީގެ އެރަށުގައި 80 ގޭގައި މީހުން ދިރިއުޅޭއިރު ހަވާދު ހެދުމުގެ ކަންކަން ކުރިއަށްދަނީ އެންމެން ގުޅިގެން އެހީތެރިވެގެން ކަމަށް އޭނާ ވިދާޅުވި އެވެ.

މާޅޮހު އަންހެނުން ހަވާދު ހެދުމުގެ މަސައްކަތުގައި-- ސަން ފޮޓޯ: އައިމިނަތު ސަމީނާ
ހަނދުބެލުމުގެ ފޯރިއަކީވެސް ކުޑަ ކަމެއް ނޫނެވެ. ހަނދު ބަލާ ރޭ އަންނަން ކައިރިވުމާއެކު ރަށުގެ އަތިރިމަތީގައި ބޮޑު އަލިފާން ގަނޑެއް ޖެހޭނެ ގޮތް ހަމަޖައްސައެވެ. އެއީ ހަނދު ފެނުމުން ރޯކުރުމަށެވެ. ބޭނުމަކީ އަނެއް ދުވަހަކީ ރޯދަކަން ކައިރިތިބި ރަށްރަށަށް އެންގުމަށެވެ.
ތާރީހަށް ބަލާއިރު ރޯދައަށް ތައްޔާރު ވުމަކީ ދިވެހިންނަށް އީދެކެވެ. ކޮންމެ ރޯދައަކީވެސް ފޯރިއާއެކު ތައްޔާރުވުންތަކެއްގެ ފަހުން އަންނަ މަހެކެވެ. ރޯދަޔަށް ވާ ކޮންމެ ތައްޔާރީއަކީ ތާރީހު ދިރުވަން ފޯރިއާއެކު އޭރުވާ ތައްޔާރީއެކެވެ. ނަމަވެސް މިއަދު މުޅި ހާލަތު ބަދަލުވެއްޖެ އެވެ.