ބުރިޖު ޑިޒައިނަށް ބޯހޯލް ތޮރުފަން ފަށައިފި

ބޯހޯލް ތޮރުފުމުގެ މަސައްކަތް މިއަދު ފައްޓަނީ -- ސަން ފޮޓޯ/ ޔޫސުފު ސޮފްވާން

މާލެ އާއި ހުޅުލެއާ ދެމެދު ބްރިޖު އެޅުމަށް ބޭނުންވާ ތަހުލީލުތައް ހެދުމުގެ ގޮތުން ބޯހޯލް ތޮރުފުމުގެ މަސައްކަތް މިއަދު ފަށައިފި އެވެ.

ސުނާމީ ބިނާ ސަރަހައްދުގައި މިއަދު އޮތް ރަސްމިއްޔާތެއްގައި ފުރަތަމަ ބޯހޯލް އަޅާފައި ވަނީ ދައުލަތުގެ ވަޒީރުންނާއި އިސްވެރިންގެ ހާޒިރުގަ އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މިއަދު ފެށި މަސައްކަތަކީ ބޯހޯލް ތޮރުފައިގެން މައުލޫމާތު އެއްކުރުމުގެ މަސައްކަތް ކަމަށާއި އެ މަޝްރޫގެ ދަށުން އެއްގަމާއި ކަނޑު ހިމެނޭ ގޮތަށް ޖުމުލަ 29 ތަނަކުން ބޯހޯލް ތޮރުފުމަށް ނިންމާފައިވާ ކަމަށެވެ.

"ގާތްގަނޑަކަށް ހަ އިންޗި ބޮޑު މިނުގެ ފުޅާމިނުގެ ބޯހޯލް އެންމެ ފުން މިނުގައި 50 މީޓަރަށް ކަނޑު އަޑިން ތޮރުފިގެން ދާނެ،" މިނިސްޓަރު މުއިއްޒު ވިދާޅުވި އެވެ.

އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތަކަށް ރައްދު ދެއްވަމުން މިނިސްޓަރު މުއިއްޒު ވިދާޅުވީ މިސަރުކާރުން ބުރިޖުގެ މަސައްކަތް ކުރަނީ އެކަން ކުރަން އެނގިގެން ކުރަން އޮންނަ ގޮތަށް ކަމަށެވެ. ބުރިޖު ނިމިގެން ދާއިރު އިދިކޮޅު ފަރާތްތައް ވެސް އުފާވެގެންދާނެ ކަމަށް މިނިސްޓަރު މުއިއްޒު ވިދާޅުވި އެވެ.

ކުރިއަށް އޮތް މަހުގެ ތެރޭގައި ތަފްސީލީ ޑިޒައިން ހުށައަޅައި ޓެންޑެރިން މަސައްކަތް ޗައިނާގައި ފެށިގެން ދާނެ ކަމަށާއި އަދި މި އަހަރުގެ ފަހުކޮޅު ބުރިޖު އެޅުމުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މާލެ އާއި ހުޅުލެއާ ދޭތެރޭ ބުރިޖެއް އަޅައި ހުޅުމާލެއާ ގުޅުވާލުމަކީ ރައީސް މައުމޫން އަބްދުލްގައްޔޫމް އާއި ރައީސް މުހައްމަދު ނަޝީދުގެ އިތުރުން މިހާރުގެ ރައީސް އަބްދުﷲ ޔާމީންގެ ވެސް ބޮޑު ވައުދެކެވެ.

comment ކޮމެންޓް