ވީމީޑިއާގެ އެގްޒެކްޓިވް ޗެއާމަންގެ މަގާމުން އަމީން އިސްތިއުފާދެއްވައިފި

އަމީން އިބްރާހީމް

ވީމީޑިއާގެ އެގްޒެކްޓިވް ޗެއާމަން ކަމުގެ މަގާމުން ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަމީން އިބްރާހީމް އިސްތިއުފާދެއްވައިފި އެވެ.

އަމީން މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ނިންމުން ނިންމެވީ ވަރަށް ބަރުހިތަކާ އެކު ކަމަށެވެ.

މިރޭގެވަގުތެއްގައި އަމީން ވަނީ ވީމީޑިއާގެ އިސްވެރިންނާއި ބައްދަލުކުރައްވައި އިސްތިއުފާގެ ސިޓީ ހުށަހަޅުއްވާފަ އެވެ.

އަމީން ވިދާޅުވީ މަގާމުން އިސްތިއުފާދެއްވީ ސިޔާސީ ކަންކަމަށް ވަގުތު ދިނުމަށް ކަމަށެވެ.

ވީމީޑިއާގެ ސީއީއޯގެ މަގާމުން އިސްތިއުފާދެއްވި އިރު އޭނާއަކީ އެކުންފުނީގެ ސީއީއޯގެ މަގާމް ވެސް އަދާކުރައްވާފައިވާ ބޭފުޅެވެ. ސީއީއޯގެ މަގާމުން ވީމިޑިއާގެ ޗެއާމަންގެ މަގާމަށް އަމީން ބަދަލުކުރައްވާފައި ވަނީ 2012 ވަނަ އަހަރުގެ ތެރޭގަ އެވެ.

އަމީން އިސްތިއުފާއާ ގުޅިގެން ވީމީޑިއާގެ ޗީފް އޮޕަރޭޓިން އޮފިސަރ (ސީއޯއޯ) މުހައްމަދު އާސިފް (މޮންދު) ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއީ ވީމީޑިއާއަށް ވަރަށް ހިތާމަވެރިދުވަހެއް ކަމަށެވެ.

މިމަހުގެ އެއްވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން މާލޭގައި ކުރި މުޒާހަރާގައި، މުޒާހަރާގެ ބައިވެރިންނަށް ހަމަނުޖެހުން ހިންގަން ހިތްވަރުލިބޭގޮތަށް އަމީން ވާހަކަފުޅުދެއްކި ކަމަށް ތުހުމަތުކޮށް، ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.

އެމައްސަލައިގެ ތަހުގީގަށް އޭނާ ހައްޔަރުކޮށް ބަންދުގެ މުއްފަތު އިތުރުކޮށްފައި ހުއްޓައި ދޫކޮށްލީ ހައިކޯޓުގެ އަމުރަކަށެވެ.

comment ކޮމެންޓް