ބުރުންޑީގެ އިންގިލާބު ނާކާމިޔާބުވުމާއެކު ރައީސް ނުކޫރުވުންޒީޒާ އެނބުރި ގައުމަށް

އިންގިލާބީ ހަރަކާތަށްފަހު ބުރުންޑީގެ ވެރިރަށް ބޮންޖަމްބޫރާ

ބޮންޖަމްބޫރާ (މޭ 15): ބުރުންޑީއަށް ގެންނަން މަސައްކަތްކުރި އަސްކަރީ އިންގިލާބު ނާކާމިޔާބު ވެއްޖެ އެވެ.

ބުރުންޑީގެ ރައީސް ޕިޔޭރް ނުކޫރުވުންޒީޒާ ގައުމުން ބޭރުގައި އުޅުއްވަނިކޮށް އޭނާ މަގާމުން ދުރުކުރުމަށް އެގައުމުގެ ސިފައިންގެ ބަޔަކު ކުރިމަސައްކަތް ނާކާމިޔާބު ވުމާގުޅިގެން އޭނާ އިއްޔެވަނީ އެނބުރި ގައުމަށް ވަޑައިގެންފައެވެ.

އަވަށްޓެރި ޓެންޒެނިޔާއަށް ކުރެއްވި ދަތުރުފުޅެއްގައި ކުރިމަތިވެ ވަޑައިގެންނެވި އިންގިލާބީ ހަރަކާތަށްފަހު އިއްޔެ އެނބުރި ގައުމަށް ވަޑައިގެން ކުރެއްވި ޓްވީޓެއްގައި ނުކޫރުވުންޒީޒާ ވިދާޅުވީ، އޭނާގެ ވެރިކަން ފުރޮޅާލުމަށް ބަޔަކު ގެންނަން މަސައްކަތްކުރި އަސްކަރީ އިންގިލާބު ނާކާމިޔާބު ކޮށްލެވިއްޖެ ކަމަށާއި ވެރިރަށް ބޮންޖަމްބޫރާގެ ފުރިހަމަ ކޮންޓްރޯލް މިހާރު އޮތީ އޭނާއަށް ތާއީދުކުރާ ސިފައިންގެ އަތްމަތީގައި ކަމުގައެވެ.

އިންގިލާބު ނާކާމިޔާބުވީ، ސިފައިންނާއި ރައްޔިތުން އޭނާއަށް އިޚްލާސްތެރިވުމުގެ ސަބަބުން ކަމަށްވެސް ނުކޫރުވުންޒީޒާ ވިދާޅުވި އެވެ. ނުކޫރުވުންޒީޒާގެ ވެރިކަން ފުރޮޅާލުމަށް މަސައްކަތް ކުރެއްވީ ބުރުންޑީގެ ޖާސޫސީ އިދާރާގެ ކުރީގެ ވެރިޔާ ގޫޑްފަރްވީދު ނިޔުމްބާރީ އިސްކޮށް ހުންނަވައިގެންނެވެ. ވެރިކަން ފުރޮޅާލުމުގައި ނިޔުމްބަރީއަށް އެއްބާރުލުން ދީފައިވަނީ މަދު އަދަދެއްގެ ސިފައިން ކަމަށްވާތީ އަސްކަރީ އިންގިލާބު ކާމިޔާބު ނުވީކަމަށް ރިޕޯޓްތައް ބުނެއެވެ.

އިންގިލާބު ނާކާމިޔާބުވިނަމަވެސް ބުރުންޑީގެ ޖާސޫސީ އިދާރާގެ ކުރީގެ ވެރިޔާ ގޫޑްފަރްވީދު ނިޔުމްބާރީއަށް ތާއީދުކުރާ މަދު އަދަދެއްގެ ސިފައިންނާއި ރައީސް ނުކޫރުވުންޒީޒާއަށް ވަފާތެރި އެގައުމުގެ ލަޝްކަރުތަކާ ދެމެދު ބޮންޖަންބޫރާއާ ކައިރި ހިސާބުތަކުގައި ކުރިމަތިލުންތައް ހިނގަމުންދާކަމަށް ވެއެވެ.

އިންގިލާބީ ހަރަކާތާއެކު ނިޔުމްބާރީ މިދިޔަ ބުދަދުވަހުވަނީ ރައީސް ޕިޔޭރް ނުކޫރުވުންޒީޒާ އަޒުލުކުރެވިފައިވާކަން އިޢްލާން ކުރައްވައި އިންތިގާލީ ސަރުކާރެއް އެކުލަވާލުމަށްޓަކައި ބުރުންޑީގެ ދީނީ ލީޑަރުންނާއި ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާ މަޝްވަރާކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވެފައެވެ. އިންގިލާބު ނާކާމިޔާބު ވުމާގުޅިގެން ބުރުންޑީގެ ސިފައިން ގެންދަނީ އިންގިލާބީ ބައެއް ލީޑަރުން ހައްޔަރު ކުރަމުންނެވެ. ނަމަވެސް ނިޔުމްބާރީ އަދި ހައްޔަރު ކުރެވިފައެއް ނުވެއެވެ. (ބީބީސީ)

comment ކޮމެންޓް