ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ހައްޔަރުކުރުމަށް ކްރިމިނަލް ކޯޓުން ކޯޓު އަމުރެއް ނެރެފި އެވެ.
އިތުބާރު ހުރި މަސްދަރަކުން ސަންއަށް ކަށަވަރުވެފައިވާ ގޮތުގައި، ގާސިމް ހައްޔަރުކުރުމަށް އަމުރު ނެރެފައިވަނީ، މި މަހުގެ ފުރަތަމަ ދުވަހު އަދާލަތު ޕާޓީ އިސްވެ އޮވެ، "އަނިޔާވެރިކަން ނިންމަން" ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި މުޒާހަރާއަށް ފަންޑު ކުރި ކަމުގެ ތުހުމަތުގަ އެވެ.
އެ އަމުރު ނެރުނު އިރު އެމަނިކުފާނު ހުންނެވީ ރާއްޖެއިން ބޭރުގަ އެވެ.
ގާސިމް ހައްޔަރު ކުރުމަށް ކޯޓުއަމުރު ނެރެފައިވާ އިރު، އެ މުޒާހަރާގައި ބައިވެރީންނަށް ހަމަނުޖެހުން ހިންގަން ހިތްވަރުލިބޭ ގޮތަށް ވާހަކަފުޅުދެއްކެވި ކަމުގެ ތުހުމަތުގައި ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަމީން އިބްރާހީމާއި، އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲއާއި އެމްޑީޕީގެ ޗެއާ ޕާސަން އަލީ ވަހީދުގެ އިތުރުން ޖުމްހޫރީ ޕާޓީގެ ފޮރިން އެންޑް ޕަބްލިކް ރިލޭޝަންސް ޞަބާހް ރަޝީދު ވެސް ވަނީ ހައްޔަރުކޮށްފައެވެ.
މިކަމާ ގުޅޭގޮތުން ފުލުހުންގެ މީޑީއާ އޮފިޝަލް މިރޭ ސަންއަށް ވިދާޅުވީ، މޭޑޭގެ މުޒާހަރާއާ ގުޅިގެން ފުލުހުން ކުރިއަށް ގެންދާ ތަހުގީގުތައް ކުރަމުންދާ ކަަމަށެވެ.
"އެކަމާ ގުޅިގެން ކޮންމެ މީހަކު ހައްޔަރުކުރަން ޖެހުނަސް ފުލުުހުން އެމީހަކު ނުވަތަ އެބަޔަކު ހައްޔަރު ކުރަމުން ދާނީ،" މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.