މަސްތުވާތަކެތި ހުރި ކޮސްމެޓިކްސް ފުޅިތަކެއް އެތެރެކުރި އިންޑިއާ އަންހެނަކު 30 ދުވަހަށް ބަންދުކޮށްފި

ކްރިމިނަލް ކޯޓު: ފޮޓޯ/ އެޗްޑީސީ

މަސްތުވާތަކެތި ހުރި ކޮސްމެޓިކްސް ފުޅިތަކެއް ހިމެނޭ ލަގެޖެއް ރާއްޖެއަށް އެތެރެކުރި މައްސަލައެއްގައި ހައްޔަރުކުރި އިންޑިއާ އަންހެނެއްގެ ބަންދަށް ކްރިމިނަލް ކޯޓުން 30 ދުވަސް ޖަހައިފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 29 އަހަރުގެ އެލީސް މައިކަލް ބްރަމްހޭން ނަމަކަށް ކިޔާ އަންހެނެކެވެ.

ފުލުހުން ކޯޓަށް ހުށަހެޅި މައުލޫމާތުތަކަށް ބަލާއިރު، މި މައްސަލަ ފެންމަތިވީ މިދިޔަ ޖޫން މަހުގެ ތެރޭގައި އިންޑިގޯ ފްލައިޓަކުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސި ފްލައިޓަކުން ގެނައި ލަގެޖެއް ކަސްޓަމްސް އިން ބަލައި ފާސްކުރުމުގެ ތެރޭގައެވެ.

އެ ލަގެޖު އެކްސްރޭ ކުރުމުން އޭގައި ހުރި ފުޅިތަކާ މެދު ޝައްކު ކުރެވިގެން ބެލިއިރު، ކޮސްމެޓިކްސް ފުޅިތަކެއްގެ ތެރޭގައި މަސްތުވާތަކެތި ހުރިކަން ވަނީ ފާހަގަކުރެވިފައެވެ.

މި ލަގެޖަކީ އެލީސް މައިކަލްގެ ނަމުގައި ޗެކިން ކޮށްފައިވާ ލަގެޖެއްކަން ކަސްޓަމްސް އާއި ފުލުހުންގެ ތަހުގީގަށް ވަނީ ކަށަވަރުވެފައެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ ކާރެއްގައި ދަނިކޮށް ކޯޓު އަމުރެއްގެ ދަށުންނެވެ.

ހައްޔަރުކުރި ވަގުތު އޭނާގެ އަތުން ފެނުނު ބޯޑިން ޕާހުގެ ފަހަތުގައި، މަސްތުވާތަކެތި ފެނުނު ލަގެޖުގެ ޓެގް ތަތްކޮށްފައި ހުރި ކަމަށް ވެސް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

ކްރިމިނަލް ކޯޓުން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ބޭއްވި މަޖިލީހުގައި، އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރުކުރީ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެތީ އާއި، އޭނާއަކީ ބޭރު ގައުމެއްގެ މީހަކަށް ވާތީ ފިލުމުގެ އިހުތިމާލު އޮތުމުންނެވެ.

މިގޮތުން އިއްޔެއިން ފެށިގެން އަންނަ މަހުގެ 15ގެ ނިޔަލަށް އޭނާ ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

މި މައްސަލައިގައި ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުށަހެޅިފައިވާ ކަމަށް ކޯޓު އަމުރުގައި ބަޔާންކޮށްފައިވެއެވެ. އޭގެ ތެރޭގައި ފުލުހުންގެ ބަޔާންތަކާއި، ލަގެޖުގެ ޓެގާއި ބޯޑިން ޕާހުގެ ފޮޓޯތައް ހިމެނެއެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް