ވޭތުވެދިޔަ އަހަރުތަކުގައި މޫދުގެ ލޮނުގަނޑު އާދަޔާހިލާފު ބާރުމިނުގައި އުފުލިއްޖެ: ދިރާސާ

މިނިވަން 50 އާ ގުޅިގެން މިއަދު ކުރިއަށް ގެންދިޔަ މޫދު ކުޅިވަރު ހަރަކާތުގެ ތެރެއިން --- ފޮޓޯ އެމްބީސީ

ވޭތުވެ ދިޔަ އަހަރުތަކުގެ ތެރޭގައި މޫދުގެ ލޮނުގަނޑު މީގެ ކުރިން އުފުލިފައިވާ ވަރަށް ވުރެ ބާރުމިނުގައި އުފުލިފައިވާ ކަމަށް ސެޓަލައިޓް ތަފާސްހިސާބުތަށް ބޭނުންކޮށްގެން ހެދި ދިރާސާއަކުން ދައްކައިފި އެވެ.

ބައިނަލްއަގުވާމީ ސައިންސްވެރިންގެ ޓީމަކުން ހެދި އެ ދިރާސާ މިދިއަ ހޯމަ ދުވަހު އާންމުކޮށްފައިވާ އިރު، އެ ދިރާސާގައި 1993 ވަނަ އަހަރާއި 2014ގެ މެދުތެރޭގައި މޫދުގެ ލޮނުގަނޑު އުފުލިފައިވާ މިންވަރު އަޅާކިޔާފަައިވެ އެެވެ.

ދިރާސާގެ އިސް ލިއުންތެރިޔާ ކްރިސްޓެފާ ވެސްޓަން، މޫދުގެ ލޮނުގަނޑު އުފުލުން ސިފަކޮށްފައި ވަނީ ހުއްޓުމެއްނެތި ރާވަމުންދާ 'ޕަޒްލް'އެއްގެ ގޮތުގަ އެވެ.

"އެއީ ޕަޒްލްއެއް ރާވަމުން ދިއުން ކަހަލަ ކަމެއް. އެއީ ހުޅަނގު އެންޓާޓިކާ އަދި ގްރީން ލޭންޑުން ވެސް ލޮނުގަނޑު އުފުލިފައި ވަނީ އެކު އެކީގައި، އެއްފަހަރާ،" ތަސްމޭނިއާ ޔުނިވާސިޓީގައި ލެކްޗަރާ ކަން ވެސް ކުރަމުންދާ ވެސްޓަން ބުނެފައިވެ އެވެ.

ސެޓެލައިޓްގެ ތަފާސް ހިސާބުތަކަށް ބަލާ އިރު 1993 ވަނަ އަހަރުން ފެށިގެން މޫދުގެ ލޮނުގަނޑު ބާރުމިނުގައި އުފުލެމުން ދިޔަކަން ދިރާސާ އިން ވަނީ ދައްކާފަ އެވެ.

ސެޓެލައިޓް ރެކޯޑަށް ދިމާވާ މައްސަލަތަށް ހައްލުކުރުން

ސައިންސްވެރިންގެ އެ ދިރާސާ ތައްޔާރު ކުރުމުގެ ކުރިން ވަނީ މޫދުގެ ލޮނުގަނޑު އުފުލިފައިވާ މިންވަރު ބެލުމަށް ބޭނުންކުރާ ސެޓެލައިޓަށް ދިމާވާ މައްސަލަތަށް ހައްލުކޮށްފަ އެވެ. އަދި ހައްލުކުރުމަށް ފަހު އެއިން ހެދި ދިރާސާ އިން ދައްކާ ގޮތުން 1993 - 2014 އާ ދެމެދު ކޮންމެ އަހަރަކު 2.6 - 2.9 މިލިމީޓަރަށް ކަނޑުގެ ލޮނުގަނޑު ވަނީ އުފުލިފަ އެވެ.

މީގެ ކުރިން 1993 އިން ފެށިގެން 1999 އާއި ދެމެދު ސެޓެލައިޓްގެ ތަފާސް ހިސާބުތަކުގައި މައްސަލަ އުޅޭކަމަށް މީގެ ކުރިން ވެސް އެކި ފަރާތްތަކުން ވަނީ ފާހަގަކޮށްފަ އެވެ. ސައިންސްވެރިޔާ ވެސްޓަން ފާހަގަކުރި ގޮތުން އެ ސެޓެލައިޓަކީ އިލްކެޓްރޯނިކް ސެޓެލައިޓްގެެ ފުރަތަމަ ސީރީޒްގެ އެއްޗަކަށް ވުމުން އެފަދަ މައްސަލަތަށް ދިމާވާނެ އެވެ. އެހެންނަމަވެސް މިހާރު އެކަން ހައްލުކުރެވިފައި ވާ ކަމަށް އޭނާ ވަނީ ފާހަގަކޮށްފަ އެވެ.

މައުލޫމާތު: ސީބީސީ ނިއުސް

comment ކޮމެންޓް