އެމެރިކާގެ 50 ސްޓޭޓްގައި ބަންގިގޮވި ފުރަތަމަ މީހާގެ ވާހަކަ

ޖަމީލް ސަޢީދު އެމެރިކާގެ ހަވާއީގެ ގޮނޑުދޮށުގައި ބަންގި ގޮވަނީ. އެމެރިކާގެ ހުރިހާ ސްޓޭޓެއްގައި ބަންގި ގޮވުމަށް ކުރި ދަތުރު އޭނާ ފުރިހަމަކުރީ 35 ދުވަހުން -- ފޮޓޯ: ފްރީ ޕެރެސް

މަޝްހޫރު ވިޔަފާރިވެރިއެއްގެ ގޮތުގައި އެމެރިކާގެ މިޗިގަންގައި ގިނަ ބަޔަކު ދަންނަ އުމުރުން 40 އަހަރުގެ ޖަމީލު ސައީދަކީ އެ ސްޓޭޓްގެ ވިޔަފާރި ކުންފުނި 'ފުލުއިޑް ވިޝަންސް މާކެޓިން ފަރމް' ގެ ބާނީ އަދި ސީއީއޯ އެވެ. ކުދިކުދި ވިޔަފާރިތަކުން ގޮސް އެންމެ ބޮޑެތި ވިޔަފާރިތަކާއި، އަލަށް ފަށައިގަންނަ ވިޔަފާރިތަކާއި، ވިޔަފާރީގެ އެކި ސިނާއަތްތަކުގައި ކޮންސަލްޓޭޝަން ދިނުން ފަދަކަންކަމުގައި ކާމިޔާބު ކުންފުނީގެ ސީއީއޯ، ނޫސްތަކުގެ ސުރުހީތަކުން ޖާގަހޯދާފައި މިވަނީ މުޅިން ތަފާތު ކަމެއްގައެވެ. އެއީ އެމެރިކާގެ ހުރިހާ ސްޓޭޓެއްގައި ބަންގި ގޮވުމުގެ ޝަރަފް ހޯދި ފުރަތަމަ މީހާގެ ގޮތުގައެވެ.

އެމެރިކާގެ 50 ސްޓޭޓެއްގައި ބަންގި ގޮވި މީހާގެ ޝަރަފާއެކު ސައީދު މިވަނީ ދުނިޔޭގައި އަދި ހާއްސަކޮށް އިސްލާމީ ގައުމުތަކުގައި މަޝްހޫރު މީހަކަށްވެފައެވެ.

މިޗިގަންގެ އޯބަންހިލްސްއަށް ނިސްބަތްވާ، ދެ ކުދިންގެ ބައްޕައެއް ކަމަށްވާ ސައީދު އޭނާގެ "ޗެލެންޖިންގ" ހުވަފެން ހަގީގަތަކަށް ހެދުމުގެ ދަތުރު ފެށިީ ހަވާއީގެ ރީތި ގޮނޑުދޮށުންނެވެ. ހަވާއީގެ ގޮނޑުދޮށުގައި ބަންގި ގޮވުމަށްފަހު ފެށި ދަތުރުގައި އޭނާ ވަނީ، ފާއިތުވި މަހެއްހާ ދުވަހުގެ ތެރޭގައި އެމެރިކާގެ ހުރިހާ ސްޓޭޓަކަށް ޒިޔާރަތްކޮށްފައެވެ. އެގޮތުން އޭނާ ބަންގި ގޮވާފައިވާ ފާގަކޮށްލެވޭ ބައެއް ތަންތަނުގެ ތެރޭގައި ކެލިފޯނިއާގައި ހުންނަ ޑިޒްނީ ލޭންޑާއި ނޯތު ކެލިފޯނިއާގެ ޗަޕެލް ހިލް ފަދަ ތަންތަން ހިމެނެއެވެ.

ފާމިންޓަން ހިލްގައި އޭޕްރީލް ދެވަނަ ދުވަހު ބަންގި ގޮވަނީ -- ފޮޓޯ: ފްރީ ޕްރެސް

ސައީދު އޭނާގެ ތާރީހީ ދަތުރަށް ފަށާފައި ވަނީ ގިނަ ގޮންޖެހުންތަކަކާއި އެކު އެވެ. އޭނާގެ ދަތުރު ފެށި ދުވަސްކޮޅަކީ އެމެރިކާގައި އިސްލާމް ދީނުގެ ވާހަކަތައް ވަރަށް ގަދައަށް ދެކެވެމުން އައި ދުވަސްކޮޅެކެވެ. އިސްލާމް ދީނަށް ފުރައްސާރަކޮށް، ޓެކްސަސްގެ ގާލޭންޑްގައި ރަސޫލާ (صلى الله عليه وسلم) ސިފަކޮށް ކާޓޫނު ކުރެހުމާ ގުޅިގެން ހިނގި ހަމަނުޖެހުމެއްގައި ދެމީހެއްގެ ގަޔަށް ބަޑިޖެހި ހާދިސާއަށްފަހު އުފެދު ނަފުރަތުގެ އޮއިވަރު ނިމުމަކަށް އައި ދުވަސްކޮޅެވެ. އަދި ބޮސްޓަން މެރަތަންގައި ބޮމެއް ގޮއްވާލި ހާދިސާގައި ހައްޔަރުކޮށްފައިވާ މީހާއަށް ހުކުމް އިއްވުމާވެސް ކައިރިވެފައިވާ ދަނޑިވަޅެއްގައެވެ.

މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ސައީދު އޭނާގެ ދަތުރު ފެށުމާއެކު، އިސްލާމްދީނާ ދެކޮޅު ވާހަކަތަށް ލިޔާ ބްލޮގަރުން އެމީހުންގެ ބްލޮގުތަކުގައި ސައީދުގެ ދަތުރު ހުއްޓުވުމަށް މަސައްކަތްތަކެއް ކުރިއެވެ. އެ ދަތުރުގެ ބޭނުމަކީ ދީނަށް ގޮވާލައި، އެހެން ދީންތަކަށް ފުރައްސާރަ ކޮށް، ހަމަނުޖެހުން ހިންގުންކަމަށް އެބައިމީހުން ބުނަމުން ދިޔައެވެ.

އެހެންނަމަވެސް ސައީދު ބުނީ އޭނާގެ ބޭނުމަކީ، "ދީން މީހުންގެ މޫނާލައި ޖެހުން ނޫން" ކަމަށާއި އޭނާގެ އެ ދަތުރަކީ، އެކުވެރިކަމާއި އެއްބައިވަންތަކަމާއި އަޚުވަންތަކަމަށް ގޮވާލުމުގެ ދަތުރެއް ކަމަށް ބުނެފައެވެ.

ފާމިންޓަން ހިލްގައި އޭޕްރީލް ދެވަނަ ދުވަހުގެ ނަމާދަށްފަހު، ޖަމީލް ސައީދު ވާހަކަދައްކަނީ -- ފޮޓޯ: ފްރީ ޕްރެސް

"އަހަރެމެންގެ ބޭނުމަކީ އެކުވެރިކަމާއި ގުޅުން ބަދަހިކުރުމަށް ގޮވައިލުން،" އިސްލާމްދީނަށް ފުރައްސާރަކޮށް ކާޓޫނު ކުރެހި މީހުންގެ ތެރެއިން ދެމީހެއްގެ ގަޔަށް ބަޑިޖަހައި މަރާލި ހާދިސާގައި ދެ ފަރާތުން ވެސް އަމަލުކޮށްފައި ވަނީ ރަނގަޅަށް ނޫންކަން ފާހަގަކޮށް ސައީދު ކިޔައިދިނެވެ.

"އަނެކާ ހިތުގައި ޖެހޭ ނުވަތަ ހިތްހަމަ ނުޖެހޭ ކަމެއް އެކަކުވެސް ކޮށްގެން ނުވާނެ."

ސައީދު އޭނާގެ ކާމިޔާބު ދީނީ ދަތުރު ފުރިހަމަކުރީ 35 ދުވަހުންނެވެ. އެމެރިކާގެ ހުރިހާ ސްޓޭޓަކަށް ޒިޔާރަތްކުރުމަށް ފަހު ސައީދު އޭނާގެ ދަތުރު ނިންމާލީ މިދިޔަ ހުކުރު ދުވަހު މިޗިގަންގެ ރޮކެސްޓާ ހިލްސްގެ އިސްލާމިކް އެސޯސިއޭޝަން އޮފް ގްރޭޓަރ ޑިޓްރޮއިޓްގައި ބަންގި ގޮވުމަށްފަހު އެވެ.

"އަހަރެން ވަރަށް އުފާވެއްޖެ،" ސައީދު އޭނާގެ ދަތުރުގެ ކާމިޔާބީ ފާހަގަކުރަމުން ކިޔައިދިނެވެ. "އެއީ ހުރިހާ ގޮތަކުންވެސް ފާހަގަކޮށްލެވޭ ދިގު ދަތުރެއް."

ފާމިންޓަން ހިލްގައި އޭޕްރީލް ދެވަނަ ދުވަހު ބަންގި ގޮވައި، ނަމާދުކުރުމަށްފަހު ޖަމީލް ސައީދު ހެޔޮއެދޭ ފަރާތްތަކާ ބައްދަލުކޮށް ސަލާމް ކުރަނީ -- ފޮޓޯ: ފްރީ ޕްރެސް

ސައީދު ބުނީ، އޭނާގެ އެ ދަތުރަކީ ވަރަށް ކާމިޔާބު ދަތުރެއް ކަމަށެވެ. އަދި އެ ދަތުރާ ބެހޭގޮތުން ފޮތެއް ޝާއިއުކުރުމުގެ އިތުރުން ޑޮކިއުމެންޓްރީއެއް އުފެއްދުމަކީ އޭނާގެ އުންމީދެކެވެ.

"އަހަރެންގެ މި ދަތުރުގައި ދުވަހަކުވެސް ނުދަންނަ އެތައް ބަޔަކާ ދިމާވެ އެމީހުންގެ ލޯތްބާއި އިހްތިރާމް ލިބުނު،" އޭނާގެ ދަތުރުގައި އެއާޕޯޓުތަކުންނާއި ޓެކްސީތަކުން މުސްލިމުންނާއި އަދި އިސްލާމްދީން ނޫން ދީންތަކަށް އުޅޭ އެތައް ބަޔަކާ ބައްދަލުވެ އެކުވެރިކަން ބަދަހިވިކަން ފާހަގަކުރަމުން ޑިޓްރޮއިޓް ފްރީ ޕްރެސްއަށް ސައީދު ކިޔައިދިނެވެ.

ހަވާއީގެ ރީތި ގޮނޑުދޮށުގައި އޭނާ ބަންގިގޮވީ، މުސްލިމް ނޫން ދީންތަކުގެ މީހުންނާ ބައްދަކުރެއްވުމަށްފަހުއެވެ. ކެލިފޯނިއާގައި އޭނާ ބަންގިގޮވީ، ޑިޒްނީލޭންޑްގެ ނަމާދުކުރާ ކޮޓަރީގަ އެވެ. އަދި ޗަޕެލް ހިލްގެ މިސްކިތެއްގައި އޭނާ ބަންގި ގޮވުމަށްފަހު، އެތަނުން އޭނާ ވަނީ، މިދިޔަ ޖެނުއަރީ މަހު، އެތަނުގައި ބަޔަކު ދިން ބަޑީގެ ހަމަލާއެއްގައި މަރާލެވުނު ކޮލެޖްގައި ކިޔަވާ މުސްލިމް ދެކުދީންގެ އާއިލާއަށް ބައްދަލުކޮށްފައެވެ.

މުސްލިމުންނަށް އެހެން ދީންތަކުގެ މީހުންގެ ހިތްތަކުން ޖާގަ ހޯދުމަކީ އުނދަގޫ ކަމެއް ނޫންކަމަށް ސައީދު ބުންޏެވެ. އެގޮތުން އެހެން ދީންތަކުގެ މީހުންނަށް އެހީތެރިވެދީ، އިސްލާމީ ރިވެތި އާދަކާދައާއި ސަގާފަތްތަކުން ނަމޫނާ ދައްކައިގެން އެހެން ދީންތަކުގެ މީހުން މުސްލިމުންނާ ދޭތެރޭގައި ދެކޭގޮތް ބަދަލުކުރެވޭނޭ ކަމަށްވެސް އޭނާ ކިޔައިދިނެވެ.

ސައީދުގެ އެ ދިގު ދަތުރުގައި ތަފާތު ގޮންޖެހުންތަކެއް ކުރިމަތިވިއެވެ. ނަމާދަށް ބަންގި ގޮވުމަކީ ކޮންމެ ދުވަހެއްގެ ވެސް ކަނޑައެޅިގެންވާ ހާއްސަ ފަސްވަގުތެއްގައި ކުރާ ކަމަކަށް ވުމުން ވަގުތު ޖެހޭއިރު އޭނާ ބަންގި ގޮވާން ކަނޑައަޅާފައިވާ މަންޒިލަށް ވާސިލްވާން ޖެހެއެވެ.

ކޮންމެއަކަސް ސައީދުގެ އަގީދާއާއި އީމާންތެރިކަމާއެކު ފެށި ދަތުރު، އޭނާ ވަނީ ކާމިޔާބުކޮށްފަ އެވެ.

"މިއީ ފަސޭހަ ކަމެއް ނޫން، ... ނަމަވެސް ވަގުތު ޖެހުމުން ﷲ ކޮންމެ ކަމެއްވެސް ފުރިހަމަކޮށްދެއްވާ،" ސައީދުގެ ތާރީޚީ ދަތުރު ނިންމައިލުމަށްފަހު ދަތުރުގެ ތަޖްރިބާ ހިއްސާކުރިއެވެ.

comment ކޮމެންޓް