228 ވަޒީފާގެ ފުރުސަތާއެކު ވެލިދޫގައި ޖޮބް ފެއާ ބާއްވައިފި

ވެލިދޫގައި އިއްޔެ ފެށި ޖޮބް ފެއާގެ ތެރެއިން-- ފޮޓޯ: ޔޫތް މިނިސްޓްރީ

ވަޒީފާގެ ފުރުސަތު ތަނަވަސްކޮށް ވަޒީފާތައް ބޭނުންވާ ޒުވާނުންނަށް ވަޒީފާ ހޯދައި ދިނުމަށް 228 ވަޒީފާގެ ފުރުސަތާއި 25 އިންޓާންޝިޕާއެކު ޔޫތް މިނިސްޓްރީން ނ. ވެލިދޫގައި 'ޖޮބް ފެއާ'އެއް ފަށައިފިއެވެ.

ޔޫތް މިނިސްޓްރީން މިއަދު ބުނީ، ޒުވާނުން ވަޒީފާއަށް ހޭލުންތެރިކުރުވުމަށް ބާއްވާ އެ ފެއާގައި ވަޒީފާދޭ ފަރާތްތަކާއި ވަޒީފާ ބޭނުންވާ ފަރާތްތައް އެއްތަނަކުން ބައްދަލުވެ މިވަގުތު ވަޒީފާގެ ބާޒާރުގައި ހުރި ފުރުސަތުތަކުގެ މަޢުލޫމާތު ހިއްސާ ކުރެވި، ވަޒީފާތަކަށް އެޕްލިކޭޝަން ހުށަހެޅުމާއި އިންޓަވިއު ކުރުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށްވެސް ޔޫތް މިނިސްޓްރީން ބުންޏެވެ.

އިއްޔެ އާއި މިއަދު ބާއްވާ އެ ފެއާގައި، ވަޒީފާތައް ހުރި ދާއިރާތަކުގެ ތެރޭގައި ފްރޮންޓް އޮފީސް، ގެސްޓް ރިލޭޝަން، ފުޑް އެންޑް ބެވަރޭޖް، ހިއުމަން ރިސޯސް، ކިޗަން، ނާސިންގ، ލެބޯޓްރީ، މެކޭނިކަލް އެންޑް އިލެކްޓްރިކަލް އިންޖިނިއަރިންގ، ކޮންސްޓްރަކްޝަން އަދި ޓްރާންސްޕޮޓޭޝަން ހިމެނެއެވެ.

ވެލިދޫގައި އިއްޔެ ފެށި ޖޮބް ފެއާގެ ތެރެއިން-- ފޮޓޯ: ޔޫތް މިނިސްޓްރީ

" މިފެއާގެ ތެރެއިން ވަޒިފާގެ ދަފްތަރުގައި ރަޖިސްޓްރީވެ ނެޝަނަލް ކެރިއަރ ގައިޑެންސް ސެންޓަރު ގެ ފަރާތުން ޒުވާނުން ވަޒީފާގެ މާހައުލަށް ނިކުތުމަށް ތައްޔާރު ކުރުމުގެގޮތުން ހިންގޭ އެކިއެކި ޕްރޮގުރާމްތަކުގައި ބައިވެރިވުމަށް ރަޖިސްޓްރީ ވުމުގެ ފުރުޞަތު ފެއާއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ހުޅުވާލެވޭނެ،" ޔޫތު މިނިސްޓްރީން ބުންޏެވެ.

އެ ފެއާގައި ބައިވެރިވި ކުންފުނިތަކުގެ ތެރޭގައި ފެނަކަ ކޯޕަރޭޝަނާއި މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ ފަދަ ކުންފުނިތައް ހިމެނެއެވެ. ހަމައެހެންމެ އެ ފެއާގައި ބައިވެރިވާ ސަރުކާރުގެ މުއައްސަސާތަކުގެ ތެރޭގައި މިނިސްޓްރީގެ ފަރާތުން ނެޝަނަލް ލައިބްރަރީއާއި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް އާއި ނޫނު އަތޮޅުގެ އެކި އިދާރާތަކާއި ފުލުހުން ހިމެނެއެވެ. އަދި ފަސް ރިސޯޓަކުންވެސް ވަނީ ފެއާގައި ބައިވެރިވެފައެވެ.

އެ ފެއައަކީ އަތޮޅުތަކަށް އަމާޒުކުރެވިގެން ބޭއްވޭ 5 ވަނަ ފެއާއެވެ. އެފަދަ ގިނަ ފެއާތަކެއް ކުރިއަށްއޮތް ތަނުގައިވެސް އަތޮޅު ތެރޭގައި ބޭއްވިގެންދާނެ ކަމަށް ޔޫތު މިނިސްޓްރީން ބުންޏެވެ.

comment ކޮމެންޓް