ރައްޔިތުން ކަމަކަށް ނުކުމެއްޖެނަމަ އެކަން ކާމިޔާބުކުރާނެ ކަަމަށް އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވެއްޖެ އެވެ.
"އަނިޔާވެރިކަން ނިންމަން" މިނަމުގައި އިދިކޮޅުފަރާތްތަކުން އާޓިފިޝިއަލް ބީޗުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އިބޫ ވިދާޅުވީ ރައްޔިތުންނަށް ގާނޫނު އަސާސީ އިން ލިބޭ ބާރުގެ ބޭނުންކުރަންޖެހޭ ކަމަށެވެ.
އޭނާ ވިދާޅުވީ "އަނިޔާވެރިކަން ނިންމަން ހިންގާ ހަރަކާތުގައި" އަދާލަތު ޕާޓީއާ އެކު އެމްޑީޕީ ދެމިއޮންނާނެ ކަމަށެވެ.
"އިރާދަކުރެއްވިއްޔާ މި ހަރަކާތް މަޑު ނުޖެހި ކުރިއަށްދާނެ. އަޅުގަނޑުމެންގެ މަސައްކަތްތައް ނިމޭނީ މި ރާއްޖޭން އަނިޔާވެރިކަން. ޚާއްސަކޮށް ސަރުކާރުގެ ފަރާތުން ކުރަމުންދާ އަނިޔާވެރިކަން ހުއްޓުވާނަން،" އިބޫ ވިދާޅުވިއެވެ.
އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދާއި އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބުދުﷲ އާއި ޖުމުހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަމީން އިބުރާހިމް ނެތުމުން ޖަލްސާއަށް 'ފަޅު' ކަމެއް ލިބިފައިވާ ކަމަށް އިބޫ ވިދާޅުވިއެވެ. އަދި އެ ބޭފުޅުން ވަނީ އެމްޑީޕީ އާއި ޖުމުހޫރީ ޕާޓީ އާއި އަދާލަތު ޕާޓީގެ މެމްބަރުންނަށް ހިތްވަރު ލިބޭ ފަދަ އެތައް ތަގުރީރެއް ދެއްވާފައި ކަަމަށް އިބޫ ވިދާޅުވިއެވެ.
އިމްރާނާއި އަލީ ވަހީދާއި އަމީންގެ އިތުރުން ޖުމްހޫރީ ޕާޓީގެ ފޮރިން އެންޑް ޕަބްލިކް ރިލޭޝަންސް ސޮބާހު ރަޝީދު ވެސް ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ.
އެ އެންމެން ހައްޔަރުކޮށްފައި ވަނީ މުޒާހަރާގެ ބައިވެރިންނަށް ހަމަނުޖެހުން ހިންގަން ހިތްވަރުލިބޭގޮތަށް މުޒާހަރާތަކުގައި ވާހަކަދެއްކި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގެ ތަހުގީގަށެވެ.