އުރީދޫ ދިވެހި ޕްރިމިއާ ލީގް ގައި މިއަދު ހަވީރު ކުޅުނު މެޗް
3-0 ގެ ނަތީޖާއަކުން މަހިބަދޫ ސްޕޯޓްސް ކްލަބްގެ މައްޗަށް ކްލަބް އީގަލްސްއިން ކާމިޔާބު ހޯދައިފި އެވެ.
އީގަލްސްއިން ކާމިޔާބުކުރި ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބު ކުރީ ޙަސަން އަދުހަމް (ސަޑޭ) އެވެ. އީގަލްސްގެ ފުރަތަމަ ލަނޑު އަދުހަމް ކާމިޔާބުކުރީ ފުރަތަމަ ހާފުގެ 13 ވަނަ މިނެޓްގައި އީގަލްސްގެ ކެޕްޓަން އިސްމާޢިލް ޢީސާ (މެސީ) ހުރަސްކުރި ބޯޅަ ހަމަޖެހިލައިފައި މަހިބަދޫގެ ގޯލަށް ފޮނުވާލައިގެންނެވެ.
އެލަނޑު ކާމިޔާބު ކުރިތާ ފަސް މިނެޓް ފަހުން ފުރަތަމަ ހާފުގެ 18 ވަނަ މިނެޓްގައި އަދުހަމް ވަނީ އީގަލްސްގެ ދެ ވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. އެޓީމްގެ ތިން ވަނަ ލަނޑު ދެވަނަ ހާފުގެ 28 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ރިޒުވާންއެވެ. އޭނާ މިލަނޑު ކާމިޔާބު ކުރީ މަހިބަދޫ ޕެނަލްޓީ އޭރިއާގެ ބޭރުން އީގަލްސްއަށް ލިބުނު ހިލޭޖެހުން މެސީ އޭރިއާތެރެޔަށް ހުރަސް ކުރުމުން ރިޒުވާން ކަކުލުން ޖަހައި މަހިބަދޫގެ ގޯލަށް ފޮނުވާލައިގެންނެވެ.
މެޗަށް ފަހު ވާހަކަ ދައްކަމުން އީގަލްސްގެ ކޯޗް އިހްސާން ޢަބްދުލް ޣަނީ (ސާންތީ) ބުނީ ތިން ލަނޑުން މޮޅުވި ނަމަވެސް މިއަދު ކުޅެން ބޭނުންވިގޮތަށް ނުކުޅެވޭ ކަމަށެވެ. މަހިބަދޫގެ ކޯޗް ސްޓައިކޯވް ބުނީ، މަހިބަދޫގެ ޓީމްގެ ފަހަތުގައިވެސް އަދު ކުރީގައިވެސް މައްސަލަ އުޅޭކަމަށާއި ނަމަވެސް ފުރަތަމަ މެޗާށްވުރެޓީމްގެ ކުޅުން ރަނގަޅުކަމަށެވެ.
މިމެޗަށްފަހު ޤައުމީޓީމް ވޯލްޑްކަޕް ކޮލިފައިންގައި ކުޅެންޖެހޭ މެޗަށް ތައްޔާރުވުމުގެ ގޮތުން އެއް މަސްދުވަހުގެ ބްރޭކަކަށް ލީގް މެދު ކަނޑާލެވޭނެއެވެ.