ހައްގުތަކުގެ ދާއިރާއިން ރާއްޖެއަށް ހުށަހެޅި ގިނަ ކަންތައްތައް ވަނީ ފުރިހަމަ ވެފައި: ރިޕޯޓް

ޔޫއެން ހިއުމަން ރައިޓްސް ކައުންސިލްގެ 22 ވަނަ ސެޝަންގައި ޚާރިޖީ ވަޒީރު ދުންޔާ މައުމޫން ވާހަކަފުޅުދައްކަވަނީ -- ފޮޓޯ: ޚާރިޖީ ވުޒާރާ

ޔުނިވާސަލް ޕީރިއޮޑިކް ރިވިއު ( ޔޫޕީއާރް)ގެ ދަށުން ޔޫއެން ހިއުމަން ރައިޓްސް ކައުންސިލުން 2010 ވަނަ އަހަރު ރާއްޖެއަށް ހުށަހެޅި ގިނަ ކަންތައްތައް މިހާރު ވަނީ ފުރިހަމަ ވެފައި ކަމަށް ރާއްޖޭން ބުނެފި އެވެ.

ސްވިޒަލޭންޑްގެ ޖެނީވާގައި މިއަދު ބޭއްވި ހިއުމަން ރައިޓްސް ކައުންސިލްގެ 22 ވަނަ ސެޝަންގައި ރާއްޖޭން ހުށަހެޅި ރިޕޯޓްގައި ބުނެފައި ވަނީ ރާއްޖެއަށް ހުށަހެޅި 126 ހުށަހެޅުމުގެ ތެރެއިން ރާއްޖެއިން ފުރިހަމައަށް ބަލައިގަތީ 89 ހުށަހެޅުން ކަމަށާއި 11 ހުށަހެޅުމެއްގެ އެއްބައި ބަލައިގަތް ކަމަށެވެ. އަދި އޭގެ ތެރެއިން 58 ހުށަހެޅުން މިހާރު ފުރިހަމަކޮށްފައިވާ ކަމަށާއި 32 ހުށަހެޅުމެއްގެ އެއްބައި ފުރިހަމަކޮށްފައިވާ ކަމަށް ވެސް ރިޕޯޓްގައި ވެއެވެ.

ރާއްޖެއިން ހާސިލުކޮށްފައިވާ ބައެއް މުހިންމު ކަންތައްތަކުގެ ގޮތުގައި ރިޕޯޓްގައި ފާހަކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި 2630 ހައުސިން ޔުނިޓް އަޅައި 17500 މީހަށް ބޯހިޔާވަހިކަން ހޯދައިދިނުން ހިމެނެއެވެ. ޖިނާއީ އަދުލުގެ ނިޒާމު ހަރުދަނާ ކުރުމަށާއި އަދުލު އިންސާފުގެ ނިޒާމަށް ފަސޭހައިން ވާސިލުވެވޭނެ ގޮތް ހެދުމަށް މަސައްކަތް ކޮށްފައިވާނެ ކަމަށް ވެސް ރިޕޯޓްގައި ބުނެފައި ވެއެވެ.

ރާއްޖޭގައި 2014 ވަނަ އަހަރު ފާސްކޮށް، ތަސްދީގުކޮށް، އަންނަ ޖުލައިމަހު އަމަލުކުރަން ފަށާ ގާނޫނުލް އުގޫބާތަކީ ވެސް ހާސިލުވި މުހިއްމު ކަމެއް ކަމަށް ވަނީ ފާހަގަކޮށްފައެވެ. ލާއިންސާނީ އަނިޔާކުރުން ހުއްޓުވުމާ ބެހޭ ގާނޫނާއި ޖަލުތަކާއި ޕެރޯލްގެ ގާނޫނާއި މަނީ ލޯންޑްރިން ހުއްޓުވުމާ ބެހޭ ގާނޫނާއި ޓެރަރިޒަމަށް ފައިސާ ހަރަދުކުރުން ހުއްޓުވުމުގެ ގާނޫނު ފާސްކުރުން ވެސް އެފަދަ ކަމެއްގެ ގޮތުގައި ފާހަގަކޮށްފައި ވެއެވެ.

comment ކޮމެންޓް