ނޫރު މަރާލިކަމަށް ތުހުމަތު ކުރެވޭ ކުއްޖާއާއި އެކަމުގައި ބައިވެރިވި ކަމަށް ތުހުމަތުކުރެވޭ ކުއްޖާގެ ޝަރީއަތް ފަށައިފި

އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް ކައިރިން ވަޅިން ހަމަލާދީ، މާލޭ ދަފްތަރު 074 ނޫރު އާދަމް ހަސަންފުޅު މަރާލި ކަމަށް ތުހުމަތު ކުރެވޭ ކުއްޖާ އާއި އެކަމުގައި ބައިވެރިވި ކުއްޖާގެ ޝަރީއަތް ފަށައިފި އެވެ.

ޖުވެނައިލް ކޯޓުގެ އިސް އޮފިޝަލަކު މިއަދު 'ސަން' އަށް ވިދާޅުވީ، އެ ދެ ކުދީންގެ ޝަރީއަތް ފަށާފައި ވަނީ އިއްޔެ ކަމަށެވެ.

އެ ދެކުދިންގެ މައްޗަށް ދައުލަތުން ކުރި ދައުވާގައި ވަނީ މިދިޔަ މާޗް މަހުގެ 28 ވަނަ ދުވަހުގެ ރޭ ދަންވަރު 1:42 އެހާކަންހާއިރު އައިޖީއެމްއެޗްގެ އެމަޖެންސީ ގޭޓް ކުރިމަތިން ބުރުޒު މަގުގައި ޕާކްކޮށްފައިވާ ސައިކަލްތަކާ ނޫރު އަރައި ހަމަވި ވަގުތު، އިތުރު ދެ މީހަކާއެކު ސައިކަލްގައި ގޮސް، އެދެކުދިންގެ ތެރެއިން އެކަކު ނޫރުގެ ވާތްފަރާތު އަރިކައްޓަށް ތިލައިގައި އަށްއިންޗި ހުންނަ ވަރުގެ ވަޅިއަކުން ހަމަލާ ދީފައިވާކަމަށެވެ.

އެ ހަމަލާގެ ސަބަބުން ލިބުނު ޒަޚަމްތަކަށް ބޭސްފަރުވާކުރަމުންދަނިކޮށް އެރޭ 3:20 އެހާކަންހާއިރު ނޫރު މަރުވެފައިވާ ކަމަށް ވެސް ދައުވާގައި ވެއެވެ.

ޖުވެނައިލް ކޯޓުގެ އޮފިޝަލް ވިދާޅުވީ، އިއްޔެ ބޭއްވި އެ މައްސަލައިގެ ފުރަތަމަ ޝަރީއަތުގެ މަޖިލީހުގައި އެ ދެ ކުދިންގެ ތެރެއިން އެއްކުއްޖަކު ވަކީލަކާ އެކު ދައުވާއަށް ޖަވާބުދާރީވެފައިވާ ކަމަށެވެ. އެގޮތުން އެކުއްޖާ ދައުވާއަށް އިންކާރުކޮށްފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އަދި އަނެއްކުއްޖާއަށް ވަކީލަކު ހަމަޖެއްސުމުގެ ފުރުސަތު ކޯޓުންދީފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

ހާދިސާ ހިނގިއިރު، ނޫރަށް ހަމަލާދިން ކަމަށް ތުހުމަތު ކުރެވޭ ކުއްޖާގެ އުމުރަކީ 15 އަހަރެވެ. އަދި އެކަމުގައި ބައިވެރިވި ކަމަށް ތުހުމަތުކުރެވޭ ކުއްޖާގެ އުމުރަކީ 17 އަހަރެވެ.

ނޫރު މަރާލި ކަމަށް ތުހުމަތު ކުރެވޭ ކުއްޖާގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އެވެ.

އެ ދައުވާ އުފުލާފައި ވަނީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނުއެއްޗިހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ފަސް ވަނަ މާއްދާގެ (ހ)އާ ހަވާލާދީ އެ މާއްދާގެ (ނ) ގެ ދަށުންނެވެ.

ނޫރު މަރާލުމުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ ކުއްޖާގެ މައްޗަށް އުފުލާފައި ވަނީ ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ.

އެކުއްޖާގެ މައްޗަށް އެ ދައުވާ އުފުލާފައި ވަނީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނުއެއްޗިހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ފަސް ވަނަ މާއްދާގެ (ބ)އާ ހަމާލާދީ އެ މާއްދާގެ (ޅ) ގެ ދަށުންނެވެ.

ނޫރު މަރާލުމުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި ދެ މީހެއްގެ މައްޗަށް ވެސް ވަނީ ދައުވާ އުފުލާފައެވެ. އެއީ ޏ. ފުވައްމުލައް، ދަނޑިމަގު ޝައިނީ މުހައްމަދު ސަމީހު އާއި ހަމައެރަށު ނޯވަލް މުހައްމަދު ޝަމްލު އެވެ.

comment ކޮމެންޓް