އިދިކޮޅު ފަރާތްތަކުން ކުރިއަށްގެންދާ މުޒާހަރާތަކުގައި އިސްކޮށް ހަރަކާތްތެރިވާ ޖުމްހޫރީ ޕާޓީގެ ފޮރިން އެންޑް ޕަބްލިކް ރިލޭޝަންސް، ސޮބާހު ރަޝީދު ފުލުހުންގެ ތަހުގީގުގައި ހަނުރުމުގެ ހައްގު އިޚްތިޔާރުކުރައްވައިފި އެވެ.
ސޮބާހުގެ ގާނޫނީ ވަކީލު އަބްދުﷲ ހަސީން ސަން އަށް ވިދާޅުވީ، މިއަދު މެންދުރުފަހު 2:30 ގައި ފުލުހުންގެ ތަހުގީގު ޓީމުން ސޮބާހުއާ ސުވާލު ކުރުމުން އޭނާ އިޚްތިޔާރުކުރެއްވީ ގާނޫނު އަސާސީން ލިބިދޭ ހަނުހުރުމުގެ ހައްގު ކަމަށެވެ.
ފުލުހުން ސޮބާހު ހައްޔަރުކޮށްފައި ވަނީ މިދިޔަ އާދީއްތަ ދުވަހުގެރޭ 10:50 އެހާކަންހާއިރު އާޓިފިޝަލް ބީޗު ސަރަހައްދުގައި މުޒާހަރާގައި ހުންނަވަނިކޮށް ކޯޓު އަމުރެއްގެ ދަށުންނެވެ.
ސޮބާހާ ގުޅޭގޮތުން މޯލްޑިވްސް ޕޮލިސް ސާވިސްގެ ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ މައްސަލައަކީ އިދިކޮޅު ފަރާތްތަކުން ބާއްވާ މުޒާހަރާތަކުގައި މުޒާހަރާގެ ބައިވެރިންނަށް ހަމަނުޖެހުން ހިންގަން ހިތްވަރުލިބޭގޮތަށް އޭނާ ވާހަކަދައްކާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެވެ.
އެ މައްސަލައާ ގުޅިގެން އަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާން އަބްދުﷲ އާއި ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަމީން އިބްރާހީމްގެ އިތުރުން އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދު ވެސް ވަނީ ހައްޔަރުކޮށްފައެވެ.
އެ ހަތަރު ބޭފުޅުން ވެސް ވަނީ 15 ދުވަހަށް ބަންދުގެ މުއްދަތު ޖެހި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ.