މާލޭގެ ޓީޖެޓީ ސަރަހައްދުގައި މުދާ ބަރުކޮށްފައި އޮތް ދޯންޏެއް މިރޭ އަޑިއަށް ހިނގައްޖެއެވެ.
ފުލުހުން ބުނީ ޓީޖެޓީގައި އޮތް ދޯންޏެއް އަޑިއަށް ދާކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައި ވަނީ މިރޭ 19:31 ކަންހާއިރު ކަމަށެވެ. އަޑިއަށް ގޮސްފައި ވަނީ "ކުރިމަގު" ނަމަކަށް ކިޔާ މުދާ އުފުލާ ދޯންޏެއްކަމަށް ފުލުހުން ބުންޏެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބާ ގުޅޭގޮތުން ފުލުހުން ބުނީ، އެ ދޯނި އަޑިއަށް ގޮސްފައި ވަނީ މުދާ ބަރުކޮށްގެން ވ. އަތޮޅަށް ދިއުމަށްޓަކައި ޓީޖެޓީން ނުކުތް ވަގުތު ދިޔަވާން ފެށުމުން، އަނބުރާ ބަނދަރަށް ވަތް ފަހުން ކަމަށެވެ.
މި ހާދިސާ ހިނގި ވަގުތު ދޯނީގައި ތިބި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާކަން ފުލުހުން ވަނީ ބުނެފައިއެވެ.
އަޑިއަށް ދިޔަ ދޯނި ފުންކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. މި މަސައްކަތުގައި އެމްއެންޑީއެފް، އެމްޕީއެލް އަދި ދޯނީގެ ވެރިފަރާތުން ގުޅިގެން ހަރަކާތްތެރިވަމުންދާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސީދާ ސަބަބު ދެނެގަތުމަށްޓަކައި ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.