އިންސާނީ ހައްގުތަކުގެ ދާއިރާ ދަށަށް ދިޔުން ހުއްޓުވުމަށް އިސްލާހީ ފިޔަވަޅުތައް އެޅުމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ދައުލަތުގެ ފަރާތްތަކަށް އިލްތިމާސްކޮށްފި އެވެ.
އެ ޖަމިއްޔާ އިން މިއަދު އާންމު ކުރި ނޫސްބަޔާނެއްގައި ބުނީ އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ ޔުނިވާސަލް ޕީރިއޮޑިކް ރިވިއު (ޔޫޕީއާރު) އަށް ހުށަހަޅާފައިވާ ކަރުދާހުގައި ރާއްޖޭގެ އިންސާނީ ހައްގުތަކުގެ ދަށަށްދާ ކަންތައްތަކާ ގުޅުން ހުރި މައްސަލަތައް ފާހަގަކޮށްފައިވާނެ ކަމަށެވެ. އަދި މިހާރުން މިހާރަށް އިސްލާހު ކުރަން ޖެހޭ ކަންތައްތައް ފާހަގަކޮށް ފިޔަވަޅު އެޅުމަށް ދައުލަތުގެ ފަރާތްތަކަށް އެ ކަރުދާހުގައި ގޮވާލާފައިވާނެ ކަމަށް ވެސް ބުނެފައިވެ އެވެ.
އެގޮތުން ދައުލަތުގެ ފަރާތްތަކުން ކުރުމަށް އެ ކަރުދާހުގައި ފާހަގަކޮށްފައިވާ ބައެއް ކަންތަކުގެ ތެރޭ މަދަނީ ހަރަކާތްތެރިންނާއި މިނިވަން މުއައްސަސާތަކުގެ ހަރަކާތް ކުޑަކުރުމަށް އަޅާފައިވާ ފިޔަވަޅުތައް އުވާލުމާއި ޖަމިއްޔާ، ޖަމާއަތްތައް ހެދުމުގެ މިނިވަންކަން ކަށަވަރު ކުރުމަށް ނިޒާމްތަކެއް އެކަށައެޅުން ހިމެނެ އެވެ. އަދި ނޫސްވެރިންނާއި މީޑިއާތަކުގެ ސަލާމަތާއި ރައްކާތެރިކަން އޭގެ އެންމެ މަތީ ދަރަޖަ އަށް ކަށަވަރުކޮށްދިނުމުގެ އިތުރުން 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ސުޕްރީމް ކޯޓުން ބާތިލުކޮށް ނެރެފައިވާ އަމުރުތަކުގެ ސަބަބުން އުފެދިފައިވާ ގާނޫނީ ފުށުއެރުންތައް ނައްތާލުމަށް އެދިފައިވެ އެވެ. މީގެ އިތުރުން ވެސް ބިދޭސީންނަށް ކުރިމަތިވަމުންދާ މައްސަލަތައް ހައްލުކުރުމަށް މަސައްކަތް ކުރުމާއި ފަނޑިޔާރުންނާއި ވަކީލުންގެ މިނިވަންކަން ދެނެގަތުމަށް އދ.އިން ކަނޑައެޅި ހާއްސަ މަންދޫބުގެ ހުށަހެޅުންތަކުގައި ހުރިކަންކަން ތަންފީޒުކުރުން ހިމެނެ އެވެ.
ޔޫޕީއާރުގައި ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ފުރަތަމަ ބައިވެރިވެފައި ވަނީ 2010 ވަނަ އަހަރު މަދަނީ ޖަމިއްޔާތައް ގުޅިގެން ހުށަހެޅި ހުށަހެޅުންތަކުގަ އެވެ.