"އަހަރެމެން ފަލަސްތީނާއެކު" ޓެލެތޯނުން 13 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ އެހީ

ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ މުސްލިމުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން "އަހަރެމެން ފަލަސްތީނާ އެކު" މި ނަމުގައި ރާއްޖޭގެ މީޑިއާތަކުން ގުޅިގެން ބޭއްވި ޚާއްޞަ ޓެލެތޯނަށް 13 މިލިއަނަށްވުރެ ގިނަ ރުފިޔާގެ އެހީ ލިބިއްޖެއެވެ.

މި ޓެލެތޯނުން ލިބިފައި ވަނީ، 12،989،372.72 ރުފިޔާއާއި 8،672.38 ޑޮލަރެވެ.

އެއް ދުވަހަށް ދިގު ދެމިގެންދިޔަ މި ޓެލެތޯންގެ ފަށައިފައިވަނީ މިއަދު ހެނދުނު 10:30ގައެވެ. އަދި، ނިންމާލާފައި ވަނީ 00:00 ގައެވެ.

މިދިޔަ ހޮނިހިރު، އާދިއްތަ އަދި ހޯމަ ދުވަހު ވަނީ މި ޓެލެތޯންގެ ޕްރީ ޝޯ ކޮންމެ ދުވަހެއްގެ ހަވީރު 17:00އިން 18:00އަށް ކުރިއަށް ގެންގޮސްފައެވެ.

މި ޓެލެތޯނުގެ ތެރެއިން އެސްޓީއޯއާއި އެ ކުންފުންޏާ ގުޅިފައިވާ ސަބްސިޑަރީ ކުންފުނިތަކާއި، މުވައްޒަފުންނާއި ހިއްސާދާރުންގެ ނަމުގައި ފަލަސްތީނަށް އެއް މިލިއަން ރުފިޔާ ހަދިޔާ ކޮށްފައި ވެއެވެ.

މި ޓެލެތޯންގެ އެންމެ ބޮޑު ބޭނުމަކީ ޕަލަސްތީނުގެ ހާލަތު ރައްޔިތުންނާ ހަމައަށް ގެނެސްދިނުމެވެ.

މި މަހުގެ ހަތްވަނަ ދުވަހު ފަލަސްތީނުގެ ހަމާސް ޖަމާއަތުން އިޒްރޭލަށް ދިން ކުއްލި ހަމަލާއަށް ފަހު އިޒްރޭލުން ވަނީ ފަލަސްތީނާ ދެކޮޅަށް ހަނގުރާމަ އިއުލާނުކޮށްފައެވެ. އެއަށް ފަހު، ބަދަލު ކުރަމުންދާ ހަމަލާތަކުގައި ފަލަސްތީނަށް ބޮޑެތި ގެއްލުންތަކެއް ލިބި، އެތައް ބަޔަކު ވަނީ ޝަހީދު ކޮށްލައިފައެވެ.

ޣައްޒާގައި މި ވަގުތު ދެމުން އަންނަ ހަމަލާތަކާ ގުޅިގެން މަރުވާ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. އަދި، އެތައް ބައެއްގެ ގެދޮރު ވެސް ވަނީ ނެތި ގޮސްފައެވެ. މީގެ އިތުރުން އިޒްރޭލުން ވަނީ ޣައްޒާއަށް ފެނާއި ކަރަންޓު އަދި ކާބޯތަކެތި ލިބުން ވެސް ހުއްޓުވައިފައެވެ.

އިސްރާއީލުން މިހާތަނަށް ވަނީ ފަލަސްތީނުގެ ދެ ހާހަށްވުރެ ގިނަ މީހުން ޝަހީދުކޮށް، 10،000އަށްވުރެ ގިނަ މީހުން ޒަޚަމް ކޮށްލާފައެވެ.

comment ކޮމެންޓް