ދިވެހީންގެ ފަރާތުން ފަލަސްޠީނުގެ އާއިލާތަކަށް އެއްލައްކަ ޑޮލަރު ބަހައިފި

ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ 200 އާއިލާއަކަށް ދިވެހީންގެ ފަރާތުން އެހީތެރިވުމަށް ޑޮލަރު ބަހަނީ -- ފޮޓޯ/ އައިއޭސީ

ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ 200 އާއިލާއަކަށް ދިވެހީންގެ ފަރާތުން އެހީތެރިވުމަށް އެއް ލައްކަ ޑޮލަރު ބަހައިފިއެވެ.

މިކަމާ ގުޅިގެން އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ)ން ބުނީ، އެ އާއިލާތަކަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފައި ވަނީ، ވަރަށް ގިނަ އާއިލާތަކުގެ އެދުމުގެ މަތިން ކަމަށެވެ.

އެ ގޮތުން ފައިސާ ބަހާފައި ވަނީ 200 އާއިލާއަށް 500 ޑޮލަރުގެ މަގުން ނަގުދު ފައިސާއިން ކަން އޭއައިސީން ވަނީ ބުނެފައެވެ.

މި މީހުންގެ ތެރޭގައި، ފަލަސްތީނަށް ދެމުންދާ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އާއިލާއާއި ހަމަލާތަކުގައި އެކީ އެކަށް ގެތައް ހަލާކުވެފައިވާ މީހުން ވެސް ހިމެނެއެވެ.

ފައިސާ ބަހާފައި ވާ ސަރަހައްދަކީ މާރުކޭޓުތަކާއި ފިހާރަތައް މިހާރު ވެސް ހުޅުވާ، މަސައްކަތް ކުރާ ސަރަހައްދެކެވެ. ފައިސާ ބަހާފައި ވަނީ އެ ގައުމުގައި މަސައްކަތްކުރާ އައިއޭސީގެ މަސައްކަތްތެރިންނެވެ.

ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ މުސްލިމުންނަށް އެހީވުމަށް އޭއައިސީން ވަނީ ފަންޑެއް ހުޅުވާލާފައެވެ. އަދި އެ ގައުމުގެ ރައްޔިތުންނަށް އެހީވުމަށް އެކި މީހުންނާއި އެކި ޖަމާއަތްތަކުން މަސައްކަތް ކުރާއިރު، މިދިޔަ އަންގާރަ ދުވަހު ރާއްޖޭގެ ގިނަ މީޑިއާތަކެއް ގުޅިގެން ވަނީ ޓެލެތޯނެއް ވެސް ބާއްވާފައެވެ.

https://sun.mv/183307

މި ޓެލެތޯނުން ލިބިފައި ވަނީ، 12،989،372.72 ރުފިޔާއާއި 8،672.38 ޑޮލަރެވެ.

މި ޓެލެތޯނުގެ ތެރެއިން އެސްޓީއޯއާއި އެ ކުންފުންޏާ ގުޅިފައިވާ ސަބްސިޑަރީ ކުންފުނިތަކާއި، މުވައްޒަފުންނާއި ހިއްސާދާރުންގެ ނަމުގައި ފަލަސްތީނަށް އެއް މިލިއަން ރުފިޔާ ހަދިޔާ ކޮށްފައި ވެއެވެ.

މި މަހުގެ ހަތްވަނަ ދުވަހު ފަލަސްތީނުގެ ހަމާސް ޖަމާއަތުން އިޒްރޭލަށް ދިން ކުއްލި ހަމަލާއަށް ފަހު، އިޒްރޭލުން ވަނީ ފަލަސްތީނާ ދެކޮޅަށް ހަނގުރާމަ އިއުލާނު ކޮށްފައެވެ. އިޒްރޭލުން ރައްދުގައި ދެމުންދާ ހަމަލާތަކުގައި ކޮންމެ ފަސް މިނެޓަކު ފަލަސްތީނުގެ ރައްޔިތަކު ޝަހީދުވާ ކަމަށް އެ ގައުމުގެ ހެލްތު މިނިސްޓްރީން މީގެ ކުރިން ވަނީ އާންމުކޮށްފައެވެ.

އިޒްރޭލުން އަންނަނީ ޣައްޒާއިން ފެނާއި ކަރަންޓު ފަދަ ޒަރޫރީ ޚިދުމަތްތައް ކަނޑާލައި ދެ މިލިއަނަށް ވުރެ ގިނަ ފަލަސްތީނުގެ މުސްލިމުން ނައްތައިލުމަށް ހަނގުރާމަ ކުރަމުންނެވެ. މިހާތަނަށް މި ހަނގުރާމައިގައި 2،800 އަށްވުރެ ގިނަ ފަލަސްތީނުގެ މުސްލިމުން ވަނީ ޝަހީދުކޮށްލައިފައެވެ. އަދި، 10،000 އަށްވުރެ ގިނަ މީހުންނަށް ވަނީ އެކިއެކި އަނިޔާތައް ވެފައެވެ.

comment ކޮމެންޓް