ފަލަސްތީނަށް އެހީވުމަށް ބާއްވާ ޓެލެތޯން ފަށައިފި

"އަހަރެމެން ފަލަސްތީނާއެކު" ޓެލެތޯން--

ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ މުސްލިމުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ރާއްޖޭގެ މީޑިއާތަކުން ގުޅިގެން ބާއްވާ ޚާއްޞަ ޓެލެތޯން "އަހަރެމެން ފަލަސްތީނާއެކު" މިއަދު ފަށައިފިއެވެ.

އެއް ދުވަހަށް ދިގު ދެމިގެންދާ މި ޓެލެތޯންގެ ފަށައިފައި ވަނީ މިއަދު ހެނދުނު 10:30ގައެވެ. މިރޭ 00:00 ހަމައަށް މި ޓެލެތޯން ކުރިއަށްދާނެއެވެ.

މިދިޔަ ހޮނިހިރު، އާދިއްތަ އަދި ހޯމަ ދުވަހު ވަނީ މި ޓެލެތޯންގެ ޕްރީ ޝޯ ކޮންމެ ދުވަހެއްގެ ހަވީރު 17:00އިން 18:00އަށް ކުރިއަށް ގެންގޮސްފައެވެ.

މި ޓެލެތޯން އަކީ އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) އާއި ރާއްޖޭގެ މީޑިއާތައް ގުޅިގެން ކުރިއަށްގެންދާ ޓެލެތޯނެކެވެ.

ދިވެހި ގިނަ ޓީވީ ޗެނަލްތަކުން މި ޓެލެތޯން ވަގުތުން ގެނެސްދެމުން ދާނެއެވެ. އެގޮތުން ޓީވީއެމް، އެސްއެސްޓީވީ، ދިވެހި ޗެނަލް، ޗެނަލް13، ވީޓީވީ، އައިސްޓީވީ، ސީއެންއެމް، ވަގުތުޓީވީ، ނެކްސްޓް އަދި މުއިއްޒު ޓީވީން ލައިވްކޮށް މި ޓެލެތޯން ގެނެސްދެމުންދާނެއެވެ. މީގެ އިތުރުން އޮންލައިން ނޫސްތައް ކަމަށްވާ ސަން އޮންލައިން، ވަން އޮންލައިން އަދި ވޮއިސް އިން ވެސް ވަނީ މި ޓެލެތޯންގައި ބައިވެރިވެފައެވެ.

އިންޓަނޭޝަނަލް އެއިޑް ކެމްޕޭނުން ފަލަސްތީނުގައި ކުރިއަށް ގެންދާ އެހީގެ މަސައްކަތުގެ ތެރެއިން -- ފޮޓޯ/ އައިއޭސީ

މި ޓެލެތޯންގެ އެންމެ ބޮޑު ބޭނުމަކީ ޕަލަސްތީނުގެ ހާލަތު ރައްޔިތުންނާ ހަމައަށް ގެނެސްދިނުމެވެ.

ހާލުގައި ޖެހިފައިވާ މުސްލިމުންނަށް އެހީތެރިވުމުގެ ގޮތުން އައިއޭސީން ހުޅުވާލި ފަންޑަށް ނުވަ މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ މިހާތަނަށް ލިބިފައެވެ.

މި ފަންޑަށް އެހީ ވުމުގެ ފުރުސަތު މިހާރުވެސް ހުޅުވާލައިފައި އޮތްއިރު، އެ ޖަމިއްޔާގެ ބީއެމްއެލް އެކައުންޓަށް ފައިސާ ފޮނުވައިގެން މިހާރުވެސް ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވެދެވޭނެއެވެ.

  • އެކައުންޓު ނަމްބަރު: 7770000062741
  • އެކައުންޓު ނަން: އިންޓަނޭޝަނަލް އެއިޑް ކެމްޕޭން

ފަލަސްތީނުގެ އާއިލާއެއް އިސްރާއީލުން ސުންނާފަތި ކޮށްލާފައިވާ ތަނެއްގައި -- ފައިލް ފޮޓޯ/ ރެއުޓާސް

މި މަހުގެ ހަތްވަނަ ދުވަހު ފަލަސްތީނުގެ ހަމާސް ޖަމާއަތުން އިޒްރޭލަށް ދިން ކުއްލި ހަމަލާއަށް ފަހު އިޒްރޭލުން ވަނީ ފަލަސްތީނާ ދެކޮޅަށް ހަނގުރާމަ އިއުލާނުކޮށްފައެވެ. އެއަށް ފަހު، ބަދަލު ކުރަމުންދާ ހަމަލާތަކުގައި ފަލަސްތީނަށް ބޮޑެތި ގެއްލުންތަކެއް ލިބި، އެތައް ބަޔަކު ވަނީ ޝަހީދު ކޮށްލައިފައެވެ.

ޣައްޒާގައި މި ވަގުތު ދެމުން އަންނަ ހަމަލާތަކާ ގުޅިގެން މަރުވާ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. އަދި، އެތައް ބައެއްގެ ގެދޮރު ވެސް ވަނީ ނެތި ގޮސްފައެވެ. މީގެ އިތުރުން އިޒްރޭލުން ވަނީ ޣައްޒާއަށް ފެނާއި ކަރަންޓު އަދި ކާބޯތަކެތި ލިބުން ވެސް ހުއްޓުވައިފައެވެ.

އިސްރާއީލުން މިހާތަނަށް ވަނީ ފަލަސްތީނުގެ ދެ ހާހަށްވުރެ ގިނަ މީހުން ޝަހީދުކޮށް، 10،000އަށްވުރެ ގިނަ މީހުން ޒަހަމް ކޮށްލާފައެވެ.

comment ކޮމެންޓް