ސޮބާހުގެ މައްސަލަ ވެސް އިސްތިއުނާފުކުރަން ނިންމައިފި

ޖުމްހޫރީ ޕާޓީގެ ފޮރިން އެންޑް ޕަބްލިކް ރިލޭޝަންސް ސޮބާހު ރަޝީދު: މުޒާހަރާގެ ބައިވެރިންނަށް ހަމަނުޖެހުން ހިންގަން ހިތްވަރުލިބޭގޮތަށް މުޒާހަރާތަކުގައި ވާހަކަދައްކާފައިވާ ކަމުގެ ތުހުމަތުގައި ސޮބާ ވަނީ ހައްޔަރުކޮށްފައި -- ސަން ފައިލް ފޮޓޯ

އިދިކޮޅު ފަރާތްތަކުން ކުރިއަށްގެންދާ މުޒާހަރާތަކުގައި އިސްކޮށް ހަރަކާތްތެރިވާ ޖުމްހޫރީ ޕާޓީގެ ފޮރިން އެންޑް ޕަބްލިކް ރިލޭޝަންސް ސޮބާހު ރަޝީދަށް މުއްދަތުޖެހި މައްސަލަ އިސްތިއުނާފުކުރަން ނިންމައިފި އެވެ.

ސޮބާހުގެ ގާނޫނީ ވަކީލު އަބްދުﷲ ހަސީން މިއަދު ސަން އަށް ވިދާޅުވީ އެ މައްސަލަ އިސްތިއުނާފުކުރުމަށްޓަކައި ތައްޔާރުވަމުން އަންނަ ކަމަށާއި ވީއެންމެ އަވަހަކަށް އެ މައްސަލަ ކޯޓަށް ހުށަހަޅާނެ ކަމަށެވެ.

ފުލުހުން ސޮބާހު ހައްޔަރުކޮށްފައި ވަނީ މިދިޔަ އާދީއްތަ ދުވަހުގެރޭ 10:50 އެހާކަންހާއިރު އާޓިފިޝަލް ބީޗު ސަރަހައްދުގައި މުޒާހަރާގައި ހުންނަވަނިކޮށް ކޯޓު އަމުރެއްގެ ދަށުންނެވެ.

ސަން އަށް އެނގިފައިވާގޮތުގައި އޭނާ ހައްޔަރުކޮށްފައި ވަނީ މުޒާހަރާގެ ބައިވެރިންނަށް ހަމަނުޖެހުން ހިންގަން ހިތްވަރުލިބޭގޮތަށް މުޒާހަރާތަކުގައި ވާހަކަދައްކާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެންނެވެ.

މޯލްޑިވްސް ޕޮލިސް ސާވިސްގެ ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ އެ މައްސަލައާ ގުޅިގެން މީގެކުރިން ވަނީ ތިން ބޭފުޅަކު ހައްޔަރުކޮށްފައެވެ. އެއީ އަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާން އަބްދުﷲ އާއި ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަމީން އިބްރާހީމްގެ އިތުރުން އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދެވެ.

އެބޭފުޅުންގެ ތެރެއިން އިމްރާނާއި އަލީ ވަހީދުގެ މައްސަލަ ވަނީ އިސްތިއުނާފުކޮށްފަ އެވެ.

comment ކޮމެންޓް