މި މެޗު ކާމިޔާބު ކުރަން ކުރެވެން އޮތް ހުރިހާ ކަމެއް ކުރާނަން: ޑަކޭ

ނިއުގެ އެސިސްޓަންޓް ކޯޗް ޑަކޭ --- ސަން ފައިލް ފޮޓޯ

އޭއެފްސީ ކަޕް ގްރޫޕް ސްޓޭޖުގައި މާދަމާ ހަވީރު ނިއުރޭޑިއެންޓް ސްޕޯޓްސް ކްލަބް އިންޑޮނޭޝިއާގެ ޕާސިބް ބަންޑަންގްއާ ދެކޮޅަށް ކުޅޭ މެޗު ކާމިޔާބު ކުރަން ކުރެވެން އޮތް ހުރިހާ ކަމެއް ކުރާނެ ކަމަށް ނިއުގެ އެސިސްޓަންޓް ކޯޗް ހަސަން ހަމީދު (ޑަކޭ) ބުނެފިއެވެ.

އޭއެފްސީ ކަޕްގެ ފުރަތަމަ މެޗުގައި ޕާސިބްގެ އަމިއްލަ ދަނޑުގައި ނިއު އެ ޓީމާ ދެކޮޅަށް ކުޅެ ބަލިވީ 4-1 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ. ނަމަވެސް އެ މެޗުގައި ދިމާވި ގޮތަށް މިފަހަރު ދިމާ ނުވާނެ ކަމަށާއި، މާދަމާގެ މެޗަށް ނިކުންނާނީ ތިން ޕޮއިންޓް ހޯދަން ކަމަށް ޑަކޭ ބުންޏެވެ.

"ޕަރސިބްއާ ދެކޮޅަށް ކުޅުނު ފުރަތަމަ މެޗަށް ބަލާއިރު، ހުރިހާ ގޮތަކަށް ބެލިނަމަވެސް ޓީމްގެ ތައްޔާރީތައް ދިޔައީ އެހާ ރަނގަޅަކަށް ނޫން. ދަނޑުމަތީގައިވެސް ކުޅުންތެރިން މަސައްކަތް ކުރަން ޖެހޭ ވަރަށް ނުކުރެވިގެން ދިޔައީ، މިސްޓޭކްސް ތަކެއްވެސް ހެދުނު. ނަމަވެސް އެ މެޗުގައި ދިމާވި ގޮތަށް މި މެޗުގައެއް ނުވާނެ. މާލޭގަ މި ކުޅޭ މެޗަށް އަޅުގަނޑުމެން ހަމަ މިތިބީ ވަރަށް ތައްޔާރަށް،" ޑަކޭ ބުންޏެވެ.

"މިސްޓޭކްސްތައް ރަނގަޅުކޮށް މާދަމާގެ މެޗު ކާމިޔާބު ކުރަން އެންމެންވެސް ތިބީ ތައްޔާރަށް."

އޭއެފްސީ ކަޕްގައި މިހާތަނަށް ހަތަރު މެޗު ކުޅެފައިވާ ނިއު ދެ މެޗުން ބަލިވެ އެ މެޗު ކާމިޔާބުކޮށް އަދި އެއް މެޗުން އެއްވަރުވެފައި ވާއިރު، އެ ޓީމް މިހާރު އޮތީ ގްރޫޕް 'އެޗް' ތާވަލްގެ ތިންވަނައިގައެވެ. އަދި ތާވަލްގެ ދެވަނައިގައި ހަ ޕޮއިންޓާއެކު އަޔެވާދީ ޔުނައިޓަޑް އޮތްއިރު، އަށް ޕޮއިންޓާއެކު ތާވަލް މިހާރު ލީޑު ކުރަމުން ދަނީ ޕަރސިބް އެވެ.

މިހާތަނަށް އެ މުބާރާތުގައި ކުޅުނު މެޗުތަކުގައި ނިއު ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ހޯދާފައި ވާނަމަވެސް، އެ ޓީމަށް ވަނީ ގިނަ ފުރުސަތުތައް ގެއްލިފައެވެ. ޑަކޭ ބުނީ އެ މައްސަލަ ޓީމުގެ ކޯޗިން ސްޓާފުން ވެސް ފާހަގަ ކޮށްފައި ވާކަމަށާއި، އެ މައްސަލަ ހައްލުކުރަން މަސައްކަތްތަކެއް ކޮށްފައި ވާކަމަށެވެ.

"ލިބުނު ޗާންސްތައް ނިންމާނުލެވި އެތަށް މެޗެއް ގޮއްސި. އަޔެވާދީ މެޗު ހަމަ ފާހަގަ ކޮށްލަން. އެކަން ރަނގަޅުކުރަން ތަމްރީނުތަކުގައި ސްޓްރައިކަރުންނަށް ހާއްސަ އިސްކަމެއް ދީގެން ތަމްރީނުތަކެއް ކުރިއަށް ގެންދިޔައިން. ވަރަށް އުންމީދު އެބައޮތް އެކަން ރަނގަޅު ވާނެ ކަމަށް،" ޑަކޭ ބުންޏެވެ.

ޑަކޭގެ އިތުރުން އެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ނިއުގެ ކެޕްޓަން އައްސަދު އަލީ (އަޑޭ) ބުނީ، ޕަރސިބްއާ ދެކޮޅަށް ކުޅުނު ފުރަތަމަ މެޗާމެދު މިހާރު ނުވިސްނާ ކަމަށާއި، މިހާރުގެ ހަމައެކަނި ވިސްނުމަކީ މާދަމާގެ މެޗު ކާމިޔާބު ކުރުން ކަމަށެވެ.

"ފުރަތަމަ މެޗަކީ މިހާރު ނިމިގޮށްސަ އޮތް ކަމެއް. މާދަމާގެ މެޗުން މޮޅުވެއްޖެ ނަމަ ނިއު އަދިވެސް ދެވަނަ ބުރަށް ދަތުރު ކުރުމުގެ ފުރުސަތު އެބޮތް. އެ މެޗު މިހާރު ކޮންމެހެން މާ މުހިންމެއް ނޫން ކަންނޭންގެ. މުހިންމޫ މާދަމާގެ ނަތީޖާ. ވަރަށް އުންމީދު އެބޮތް،" އައްސަދު ބުންޏެވެ.

comment ކޮމެންޓް