ޒިޔާދުގެ މައްސަލައިގެ ރިޕޯޓު ނުލިބޭތީ އިސްތިއުނާފާ މެދު ގޮތެއް ނިންމޭކަށް ނެތް: ޕީޖީ

ކާނަލް ޒިޔާދު ކްރިމިނަލް ކޯޓަށް ހާޒިރުވެވަޑައިގަންނަވަނީ ---- ސަން ފައިލް ފޮޓޯ

އެމްއެންޑީއެފްގެ ކުރީގެ ކާނަލް މުހައްމަދު ޒިޔާދުގެ މައްޗަށް ޓެރަރިޒަމްގެ ކުށް ސާބިތުނުވާ ކަމަށް އިއްވި ހުކުމް، އިސްތިއުނާފު ކުރުމާ މެދު ގޮތެއް ނިންމިފައިނުވަނީ އެ މައްސަލައިގެ ރިޕޯޓު ކްރިމިނަލް ކޯޓުން ދޫކޮށްފައިނުވާތީ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.

ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަހްމަދު ހިޝާމް ވަޖީހު ވިދާޅުވީ، ޒިޔާދުގެ މައްސަލަ ނިމުނުގޮތުގެ ޚުލާސާ ރިޕޯޓު ވެސް އަދި ޝަރީއަތް ނިމުނުގޮތުގެ ރިޕޯޓު ވެސް ކޯޓުން މިހާތަށް ދޫކޮށްފައިނުވާ ކަމަށެވެ. އަދި އެ ރިޕޯޓު އަވަހަށް ދޫކޮށްދިނުމަށް އެ އޮފީހުން މީގެކުރިން ކްރިމިނަލް ކޯޓުގައި އެދިފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން އިއްވި ހުކުމްގައި ވަނީ އަބްދުﷲ ގާޒީ ހައްޔަރު ކުރުމަށް އެމްއެންޑީއެފް އިން ހިންގި އޮޕަރޭޝަންގައި ޒިޔާދު އަމަލުކޮށްފައި ވަނީ އެފަދަ މަގާމެއްގައި ހުރެ އެމްއެންޑީއެފްގެ އޮޕަރޭޝަންތަކުގައި އަމަލުކުރަންޖެހޭ އުސޫލުގެމަތިން ކަމަށެވެ. އަދި އެފަދަ ޖަރީމާއެއް ހިންގުމުގެ ނިޔަތެއް ޒިޔާދުގެ ކިބައިގައި އޮތްކަން އެނގެން ނެތް ކަމަށް ވެސް އެ ހުކުމްގައި ވެއެވެ.

ޒިޔާދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ސާބިތުނުވާ ކަމަށް ހުކުމް އިއްވާފައިވާއިރު، ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް އަދި މިހާރުގެ ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލުގެ މައްޗަށް ވެސް ކުށް ސާބިތުނުވާ ކަމަށް ވަނީ ހުކުމް ކޮށްފައެވެ. އެ މައްސަލަ ވެސް އިސްތިއުނާފު ކުރުމާ މެދު ގޮތެއް ނިންމިފައިނުވަނީ ރިޕޯޓު ލިބިފައިނުވާތީ ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.

comment ކޮމެންޓް