ޝިފާނުގެ މަރުގެ މައްސަލައިގައި ހައިކޯޓުގައި ބޭއްވި އަޑުއެހުންތަށް ނިންމާލައިފި

ޝިފާނު މަރުގެ މައްސަލާގައި ދައުލަތުން ދައުވާ އުފުލާފައިވާ ހަ މީހުން --

މާފަންނު ފެއަރީ ކޯނަރު އަލީ ޝިފާން މަރާލި މައްސަލައިގެ އަޑުއެހުންތަށް ހައިކޯޓުން މިއަދު ނިންމާލައިފި އެވެ.

އަލީ ޝިފާން މަރުވެފައި ވަނީ 2012 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ފުރަތަމަ ދުވަހުގެ ހަވީރު 4:40 ހާއިރު ވެސްޓުޕާކް ރެސްޓޯރަންޓު ކުރިމަތީގައި ހުއްޓައި ހަތަރު ސައިކަލެއްގައި ދިޔަ ބަޔަކު އޭނާއަށް ތޫނު އެއްޗަކުން ހަމަލާދީ މާރާމާރީ ހިންގުމާ ގުޅިގެންނެވެ. ޝިފާން މަރާލި މައްސަލާގައި ދައުލަތުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައި ވަނީ މ. ދިންމަނަ އަބްދުﷲ ތިލްމީޒު އާއި މާލޭ މުނިސިޕަލްޓީގެ ޚާއްސަ ދަފްތަރު 2193 މުހައްމަދު ޝައިފަން އާއި މ. ސިލްވަނެސްޓް މުހައްމަދު މިޝާން އަބްދުލް ހާދީގެ މައްޗަށެވެ.

އެ މީހުންގެ މައްޗަށް މައްސަލަ ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ބާތިލްކުރަން ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް މީގެ ކުރިން ނިންމާލިކަން ވަނީ އިއުލާނުކޮށްފައެވެ.

ނަމަވެސް ފަސް ފަނޑިޔާރުން ބައްލަވާ އެ މައްސަލައިގެ އަޑުއެހުންތައް ނިންމާފައި ވަނިކޮށް، އޭގެ ތެރެއިން އެއް ފަނޑިޔާރަކު ބަދަލުވުމާ ގުޅިގެން މިއަދު ވަނީ އިތުރު އަޑުއެހުމެއް ބާއްވައިފައެވެ.

މ. ފެއަރީކޯނަރު އަލީ ޝިފާން މަރާލި ކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާ އުފުލި މީހުންގެ ތެރެއިން ތިން މީހެއްގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ހުކުމް ކޮށްފައިވާތީ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފައި ވަނީ 2013 ވަނަ އަހަރު ޖުލައި މަހުގެ ތެރޭގައެވެ.

comment ކޮމެންޓް