ޕީޕީއެމް ދިއްގަރު ދާއިރާގެ ޕްރައިމަރީ: ޕާޓީގެ ސިޔާސަތަށް އަންނަ ލޮޅުމެއް!؟

ދިއްގަރު ދާއިރާގެ ޕީޕީއެމް ޕްރައިމެރީގައި ވާދަކުރައްވާ ހަތަރު ކެންޑިޑޭޓުން -- ސަން ފައިލް ފޮޓޯ

"ޕްރައިމަރީގެ ކުރިން ވާދަވެރިކަމާ އެކު ވާހަކަފުޅުދައްކަވާ އިރު ކޮންމެ ބޭފުޅަކުވެސް ވިދާޅުވާނެ މި ޕްރައިމަރީ ކާމިޔާބު ކުރައްވާ ބޭފުޅެއްގެ ފަހަތްޕުޅުގައި ތިމަންނަ ހުންނާނަމޭ. ތިމަންނަ އެބޭފުޅަކަށް ފުރިހަމަ ތާއީދު އަރުވާނަމޭ. އެހެންނަމަވެސް އަޅުގަނޑުމެންނަށް ތަޖުރިބާ ކުރެވިފައި އެބަ ހުރި އެނޫން ގޮތްގޮތް ވެސް. އިންތިހާބުގައި ޕްރައިމަރީގައި ކާމިޔާބު ލިބިވަޑައި ނުގަންނަވާ ބޭފުޅުން އެހެން ގޮތަކަށް ބަދަލުވެގެން ދާތަން. މިވެސް ވެދާނެ ކަމެއް. އެހެންވީމަ މި ނުކުތާއަށް ވެސް އަޅުގަނޑުމެން ވިސްނާލަން ޖެހޭ."

މި ވާހަކަ ކޮޅަކީ މިހާރު އެންމެ ގަދަޔަށް ދެކެވެމުންދާ އެއްވާހަކަ ކަމަށްވާ ރައްޔިތުންގެ މަޖިލީހުގެ ދިއްގަރުދާއިރާގެ ޕީޕީއެމް ޕްރައިމަރީ އިއުލާނުކުރުމުގެ ކުރިން "ގިނަވަނީ"ގެ ނަމުގައި ޕީޕީއެމުން ބޭއްވި ޖަލްސާގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ޕީޕީއެމްގެ ރައީސް މައުމޫނު އަބްދުލްގައްޔޫމު ވިދާޅުވި ވާހަކަފުޅެކެވެ. މައުމޫނު ފާހަގަކުރައްވާފައިވާ ގޮތުން ޕްރައިމަރީއެއް ބާއްވައިފި ނަމަ ޕާޓީގެ ސިޔާސީ މަސްރަހަށް ލޮޅުންތަކެއް އަންނާނެ އެވެ. އެހެންނަމަވެސް ޕާޓީގެ އަސާސީ ގަވާއިދަށް ބޯލަނބައި ދިމިޤްރާތީ އުސޫލުތަކަށް ތާއީދު ކުރުމުގެ ގޮތުން ޕްރައިމަރީއެއް ބާއްވަން ޖެހޭ ކަމަށް މައުމޫނު ވަނީ ފާހަގަކުރައްވާފަ އެވެ.

ޕީޕީއެމުން "ގިނަވަނީ"ގެ ނަމުގައި ބޭއްވި ޖަލްސާގައި ކުރީގެ ރައީސް މައުމޫނު ވާހަކަފުޅު ދައްކަވަނީ -- ސަން ފައިލްފޮޓޯ

ކުރީގެ ރައީސް މައުމޫނު ވިދާޅުވެފައި ވާފަދައިން މީގެ ކުރިން ސިޔާސީ ޕާޓީތަކުގައި ބާއްވާފައިވާ ޕްރައިމަރީތަކާ ގުޅިގެން ޕާޓީތަކުގެ އެތެރޭގެ މަސްރަހަށް ލޮޅުން އައިސް ޕާޓީ ބައިބައިވެފައި އެބަހުއްޓެވެ. އެގޮތުން ރިޔާސީ އިންތިހާބުތަކާއި، މަޖިލިސް އިންތިހާބު ތަކުގައި އެފަދަ ކަންކަން ވަނީ ފާހަގަކުރެވިފަ އެވެ. ޕީޕީއެމްގެ 2013 ވަނަ އަހަރުގެ ރިޔާސީ ޕްރައިމަރީގައި މިހާރުގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު އަދި ހޯމް މިނިސްޓަރު އުމަރު ނަސީރު ވާދަކުރެއްވި އިންތިހާބުގައި ވެސް ހަމަ އެމަންޒަރު ވަނީ ފެނިފަ އެވެ. އެހެންކަމުން ޕާޓީތަކުގެ އެތެރޭގެ އިންތިހާބަކީ ހަގީގަތުގައި ވެސް ޕާޓީއަށް އަންނަ "ލޮޅުމެއް" ކަމަށް ބެލުމުގެ ޖާގަ އެބަ އޮތެވެ.

އަންނަ ހުކުރު ދުވަހު ޕީޕީއެމުން ބާއްވަން ތައްޔާރުވަމުންދާ ދިއްގަރު ދާއިރާގެ ޕްރައިމަރީއަކީ ވެސް ޕާޓީއަށް އަންނަ ލޮޅުމަކަށް ވެދާނެ އެވެ. ޕްރައިމަރީ ބޭއްވުމަށް ޕާޓިން މިހާރު ތައްޔާރުވަމުން ދާއިރު ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫންގެ ދަރިކަލުން މުހައްމަދު ފާރިސް މައުމޫނާއި އެންވަޔަރަންމަންޓް މިނިސްޓްރީގެ ނައިބުކަން ކުރައްވާ މުހައްމަދު ހާނިމާއި މ. އަތޮޅު ކައުންސިލްގެ ރައީސް މޫސާ ނަސީރުގެ އިތުރުން ދިއްގަރު ކައުންސިލްގެ ރައީސް އިމްރާން އިސްމާއީލު ވަނީ އިންތިހާބުގައި ވާދަކުރައްވާނެ ކަން އިއުލާނު ކުރައްވާފަ އެވެ. އަދި ބޭފުޅުންގެ ކެންޑިޑޭޓް ނަމްބަރުތައް ވެސް މިހާރު ވަނީ ގުރުނަގައި ތަރުތީބުކޮށް ނިމިފަ އެވެ. އެހެންނަމަވެސް ޕްރައިމަރީއަށް އަދި ކެމްޕޭން ކުރައްވާ ހަމައެކަނި ކެނޑިޑޭޓަކީ ވެސް ފާރިސް އެވެ.

ދިއްގަރު ދާއިރާއަށް ޕީޕީއެމްގެ ފަރާތުން ވާދަކުރައްވާ މުހައްމަދު ހާނިމް-- ފޮޓޯ/ ޕީޕީއެމް

ޕީޕީއެމްގެ ރައީސް މައުމޫނުގެ ދަރިކަލުން މުހައްމަދު ފާރިސް މައުމޫނު ވާދަކުރައްވާ މި އިންތިހާބުގެ ޕްރައިމަރީއާ ގުޅުވައިގެން މައުމޫނު ވިދާޅުވެފައި ވަނީ ޕީޕީއެމްގެ ފަރާތުން ދިއްގަރު ދާއިރާގެ އިންތިހާބުގައި ވާދަކުރައްވަން ޖެހޭނީ ރައްޔިތުންގެ ތާއީދު ލިބޭ ފަދަ މެންބަރެއް ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ގޮނޑި މިވަނީ ހުސްވެފައި. އެގޮނޑިއަށް އެބަޖެހޭ އަޅުގަނޑުމެންގެ ފަރާތުން ރައްޔިތުންގެ ތާއީދު ވަރަށް ލިބޭ ފަދަ މެންބަރަކު ކުރިމަތި ލައްވަން،" މައުމޫނު ވިދާޅުވެފައިވެ އެވެ.

ފަހަރުގައި ރައީސް މައުމޫނު އެ ވިދާޅުވި "ރައްޔިތުންގެ ތާއީދު ލިބޭފަދަ މެންބަރެއް" އެއީ އެމަނިކުފާނުގެ ދަރިކަލުން ފާރިސް މައުމޫނު ކަމަށް ވެދާނެ އެވެ. ގިނަ ރައްޔިތުންގެ ތާއީދު ލިބިފައިވާ ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ މައުމޫނުގެ ދަރިކަލުން ޕްރައިމަރީގައި ވާދަކުރުމަކީ ޕްރައިމަރީގައި ވާދަކުރައްވާ އެހެން ކެންޑިޑޭޓުން ޖެހިލުންވާނެ ކަމަކަށް ވެސް ވެދާނެ އެވެ.

ދިއްގަރު ދާއިރާއަށް ޕީޕީއެމްގެ ފަރާތުން ވާދަކުރައްވާ ފާރިޝް މައުމޫން-- ފޮޓޯ/ ފޭސްބުކް

ދިއްގަރު ދާއިރާގެ ބައި-އިލެކްޝަނާއި ގުޅުވައިގެން ފާރިސް 'ސަން'އަށް ވިދާޅުވެފައި ވަނީ ދިއްގަރު ދާއިރާގެ އިންތިހާބުގައި ވާދަ ކުރެއްވުމަށް ނިންމެވީ ސަރުކާރު "ދެމެހެއްޓުމަށް" ކަމަށެވެ. އަދި ރައީސް ޔާމީންގެ ފަހަތްޕުޅުގައި މަސައްކަތްކޮށް ރައްޔިތުންނަށް ކަންތައްތަކެއް ކޮށްދިނުމަކީ އެންމެ ބޮޑު އެއް ބޭނުންކަމުގައި ފާރިސް ވަނީ ވިދާޅުވެފަ އެވެ. ޕްރައިމަރީއަށް ތައްޔާރުވުމަށް ކުޑަވަގުތުކޮޅެއް ލިބުމަކީ މައްސަލައެއް ނޫންކަން ފާހަގަކުރައްވައި ފާރިސް ހުއްނެވީ ޕްރައިމަރީ ކާމިޔާބުވާނެ ކަމުގެ ވަރަށް ބޮޑު އުންމީދެއްގަ އެވެ.

"އެއީ ދެން މާ ބޮޑު މައްސަލައެއް ނޫން ދެއްތޯ. ޕްރައިމަރީގައި ވާދަކުރުމަށް އޮތް މުއްދަތު ކުރު ނަމަވެސް އެއީ ހަމައެކަނި އަޅުގަނޑަށް އޮތް ވަގުތެއް ނޫން. ހަމަ ހުރިހާ ބޭފުޅުންނަށް ވެސް އެ މުއްދަތުގައި ދެއްތޯ ކެމްޕެއިން ކުރައްވަން މި ޖެހެނީ. އަނެއްކާ އަޅުގަނޑުމެންގެ ޕާޓީގައި ވަރަށް ސާފުކޮށް ބުނެފައި އޮންނާނެ ޕްރައިމަރީއަކުންނޭ ޓިކެޓު ލިބޭނީ. އިރާދަކުރެއްވިއްޔާ އަޅުގަނޑު އެ ޕްރައިމަރީން ކާމިޔާބު ހޯދުމަށް މަސައްކަތް ކުރަމުން މި ދަނީ،" ފާރިސް ވިދާޅުވި އެވެ.

ދިއްގަރު ދާއިރާއަށް ޕީޕީއެމްގެ ފަރާތުން ވާދަކުރައްވާ މޫސާ ނަސީރު-- ފޮޓޯ/ ޕީޕީއެމް

ދިއްގަރު ދާއިރާގެ ބައި- އިލެކްޝަނުގެ ޕީޕީއެމްގެ ޕްރައިމަރީގައި ވާދަކުރައްވާ ދިއްގަރު ދާއިރާގެ އަތޮޅު ކައުންސިލުގެ ރައީސް މޫސާ ނަސީރު 'ސަން' އަށް ވިދާޅުވީ މާޒީގައި ރަށުން އަދި އަތޮޅުން ވެސް ވާދަކޮށްފައިވާ އިންތިހާބުތަކުގައި އެންމެ ކުރިން ކާމިޔާބުވެފައިވާ ކަމަށާއި އެހެންކަމުން ޕްރައިމަރީ ކާމިޔާބު ވުމާމެދު އެއްވެސް ޝައްކެއް ނެތް ކަމަށެވެ. އަދި މިހާރު ޕްރައިމަރީގައި ވާދަކުރައްވާ ކެންޑީޑޭޓުންގެ ތެރޭގައި ޖެހިލުންވާ އެއްވެސް ބޭފުޅަކު ނެތް ކަމަށް ނަސީރު ވަނީ ވިދާޅުވެފަ އެވެ. އަދި ކާމިޔާބު ނުވިޔަސް ޕީޕީއެމްގައި ދެމި ހުންނާނެ ކަމަށާއި، ކާމިޔާބުވާ ކެންޑިޑޭޓަކަށް ގޮނޑި ހޯދައި ދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް ނަސީރު ވިދާޅުވި އެވެ. އެހެންކަމުން ނަސީރު ވެސް ފާހަގަކުރެވެނީ ވަރަށް އުންމީދީ، ރައްޔިތުންގެ ތާއީދު އޮތް ކެނޑިޑޭޓެއްގެ ގޮތުގަ އެވެ.

"ކެމްޕެއިން ވަރަށް ބާރަށް ކުރިއަށްދަނީ. ވަރަށް ސައިލެންޓް ކެމްޕެއިނެއް އަޅުގަނޑު މިކުރަނީ. އެއީ ކެމްޕެއިން ނިމިގެން ވެސް ޕާޓީ ތެރޭގައި އެއްވެސް ހަމަނުޖެހުމެއް ހިނގާކަށް އަޅުގަނޑު ބޭނުމެއް ނުވޭ،" ނަސީރު ވިދާޅުވި އެވެ.

އެހެންކަމުން ޕްރައިމަރީގައި ވާދަކުރައްވާ ކެނޑިޑޭޓުންގެ ފަރާތުން މިފަހަރު ވެސް މި ފާހަގަވެގެން ދަނީ ރައީސް މައުމޫނު ވިދާޅުވި ފަދައިން ކެމްޕެއިންގެ ކުރިއަށް ތާއީދުކުރާނެ ކަމަށް ބުނެ ދެކެވޭ ވާހަކަތަކެވެ. ހަގީގަތް އެނގޭނީ ޕްރައިމަރީއަށް ފަހު އެވެ.

މީގެ ކުރިންވެސް ޕްރައިމަރީތަކުގައި ޕާޓީގެ ތެރޭގައި ގިނަ މައްސަލަތަކެއް ޖެހި ލޮޅުންތަކެއް އައިސްފައިވާއިރު ޕީޕީއެމްގެ ރައީސް މައުމޫނު ވިދާޅުވެފައި ވަނީ "ޕްރައިމަރީ ބޭއްވުމުން ނިކުންނަ މައްސަލަތަކެއް ހުންނަކަން ގަބޫލުކުރަން ޖެހޭ" ކަމަށެވެ.

"ޕްރައިމަރީއެއް ބާއްވާ ވާހަކަ ދެއްކީމާ ވިސްނާލަން ޖެހޭ ނުކުތާއެއް އެބަ އޮތް. ހަގީގަތުގައި ޕްރައިމަރީ ބޭއްވުމަކީ ދިމިޤްރާތީ އުސޫލު. އެކަން ކުރަން ޖެހޭނެ ގޮތް. އަޅުގަނޑުމެންގެ ޕާޓީގައި ވެސް އޮންނަގޮތް. އެހެންނަމަވެސް އެކަން ކުރީމަ ނުކުންނަ މައްސަލަތަކެއް ހުންނަކަން ވެސް އަޅުގަނޑުމެން ގަބޫލުކުރަން ޖެހޭ،" މައުމޫނު ވިދާޅުވި އެވެ.

ދިއްގަރު ދާއިރާއަށް ޕީޕީއެމްގެ ފަރާތުން ވާދަކުރައްވާ އިމްރާން އިސްމާއިލް-- ފޮޓޯ/ ޕީޕީއެމް

މައުމޫނު ވިދާޅުވެފައި ވަނީ މިހާތަނަށް ވެސް ދިއްގަރުދާއިރާގެ މަޖިލިސް ގޮނޑިއަކީ ޕީޕީއެމްގެ ގޮނޑިއެއް ކަމަށާއި، އެހެންވީމާ ދެންވެސް އެ ގޮނޑި ވާން ޖެހޭނީ އެޕާޓީގެ ގޮނޑިއަކަށް ކަމަށެވެ. ޕީޕީއެމްގެ ޕްރައިމަރީ ނިމި، ބައި- އިލެކްޝަނުގައި ވާދަކުރުމާއި ހަމައަަށް ޕާޓީއަށް އަންނާނީ ކޮންކަހަލަ ލޮޅުމެއް ކަމެއް ވަޒަންކުރާކަށް ނޭނގެ އެވެ. އެހެން ފަހަރުތަކާ ހިލާފަށް ޕާޓީގެ މަސްލަހަތަށް ބަދަލެއް ނައިސް ހުރެދާނެ އެވެ. ޕާޓީގެ ތެރެއަށް އަންނާނެ ލޮޅުމެއް އެނގޭނީ ހުކުރު ދުވަހުގެ ފަހުންނެވެ.

comment ކޮމެންޓް