ވަކި ބަޔަކަށް ތާއިދު ކުރާނެ ސްޓޭންޑެއް މިހާރަކު ނެތް: ގާސިމް

ގާސިމް އިބްރާހިމް: އިދިކޮޅު ހަރަކާތްތަކުގައި ޕާޓީގެ މެމްބަރުން ބައިވެރިވަނީ އަމިއްލަ ހައިސިއްޔަތުން ކަމަށް ވިދާޅުވި-- ސަން ފައިލް ފޮޓޯ

ވަކި ބަޔަކަށް ތާއީދު ކުރަން ނުވަތަ ނުކުރަން ޖުމްހޫރީ ޕާޓީ (ޖެޕީ)އިން ނިންމާފައިވާ ވަކި ނިންމުމެއް މިހާރަކު ނޯންނާނެ ކަމަށް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ވީޓީވީން މިއަދު ދެއްކި އިންޓަވިއުއެއްގައި ގާސިމް ވިދާޅުވީ ޕާޓީގެ ބައެއް އިސް ބޭފުޅުން އިދިކޮޅު މީހުންނާއެކު މުޒާހަރާތަކުގައި ބައިވެރިވަމުން ދަނީ އަމިއްލަ ހައިސިއްޔަތުން ކަމަށެވެ. އަދި އެކަމަށް ކުރެވޭނެ "ކަމެއް ނޯންނާނެ" ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"...ވަރަށް ސައިލެޓްކޮށް މިހާރު އޮތީ. އެކަމަކު ޕާޓީގައި ހިމެނޭ ބައެއް މަދު ބޭފުޅުން ބައެއް ހަރަކާތްތަކުގައި ބައިވެރިވެގެން މަގުމަތިން ވެސް އެބަ ފެނޭ. އެއީ އަމިއްލަ ގޮތުން. އަޅުގަނޑަކަށް އެބޭފުޅުންނަށް އަނެއްހެން ކުރެވޭނެ ކަމެއް ނޯންނާނެ. ޕާޓީގެ ސްޓޭންޑެއް ނޯންނާނެ މިހާރު ވަކި ބަޔަކަށް ތާއީދުކޮށް ނުކޮށް އެކަން ކުރާ ކަށެއް،" ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަދަބު ދެވިއްޖެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ކުރިން ވިދާޅުވީ އަބުދުﷲ ގާޒީ ހައްޔަރު ކުރި މައްސަލައިގައި އިސްތިއުފާދޭން ވިދާޅުވުމުން ނަޝީދު އިސްތިއުފާ ދެއްވާފައި ވާތީ އެއީ އެމަނިކުފާނަށް ދެވުނު އަދަބެއް ކަމަށް ދެކެވަޑައިގަންނަވާތީ ކަމަށެވެ. ނަމަވެސް ނަޝީދަށް ކޯޓުން ހުކުމް ކުރުމުން ދެން އެކަމާ ބެހޭ ގޮތުން އިތުރަށް ވާހަކަ ދައްކަވަން ބޭނުންވެވަޑައިނުގަންނަވާ ކަމަށް ވެސް ވިދާޅުވި އެވެ.

"...އަޅުގަނޑުމެން އޭގެ ފަހަކުން ނުބުނަންތާ އެއްވެސް އެއްޗެއް، ކަމުދެއޭ ވެސް ކަމަކު ނުދެއޭ ވެސް އެއްވެސް އެއްޗެއް. އޭގެ މާނައަކީ ޖުޑިޝަރީން ނިޔާ ކަނޑައެޅީމާ އަޅުގަނޑު އެއަށް ކޮމެންޓެއް ކުރާކަށް ބޭނުމެއް ނޫނޭ،" ގާސިމް ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ މައްސަލަ އެހެން މަރުހަލާއަކަށް ގެންދާނީ އެކަމާ ހިތްހަމަ ނުޖެހޭ ބަޔަކު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިދިކޮޅު އެމްޑީޕީ އާއި އަދާލަތު ޕާޓީ އާއެކު މުޒާހަރާތަކުގައި ހަރަކާތްތެރިވެވަޑައިގަންނަވާ ޖޭޕީގެ އިސް ދެބޭފުޅުންނަކީ އެ ޕާޓީގެ ނައިބު ލީޑަރު އަމީން އިބުރާހީ މާއި ޑރ. ހުސައިން ރަޝީދުގެ އިތުރުން ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ސަމީރެވެ.

comment ކޮމެންޓް