އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ މައްސަލައިގައި ކުށް ސާބިތުވެފައިވާ ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބަށް މައާފު ދީ މިނިވަން ކުރި ނަމަވެސް، ދައުލަތަށް ގެއްލުނު ފައިސާ ހޯދުމަށް މިހާރުގެ ސަރުކާރަށް އެއްވެސް ހުރަހެއް ނެތް ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި ރައީސް މުހައްމަދު ނަޝީދާ އެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޞާލިޙް ވިދާޅުވީ އަދީބަށް ލުއިދިނުމުގައި އަމަލުކޮށްފައި ވާނީ ގާނޫނީ އިމުގެ ތެރެއިން ކަމަށެވެ. އެގޮތުން، އެމަނިކުފާނުގެ ވެރިކަމުގައި އެމްއެމްޕީއާރުސީގެ މައްސަލަ ތަހުގީގު ކުރުމަށް ކޮމިޝަނެއް އުފައްދައި، ތަހުގީގުތައް ނިންމައި ބައެއް ފަރާތްތައް ޝަރީއަތަށް ފޮނުވިކަން ފާހަގަކުރެއްވިއެވެ. އަދި އަދީބަށް ލުއި ދިނުމުގެ ކުރިން، އޭނާ ހުކުމުގެ ބޮޑު ބައެއް ތަންފީޒު ކޮށްފައިވޭތޯއާއި ކަރެކްޝަންސްގެ ލަފަޔަށް ބަލާފައިވާނެ ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑު އަދީބަށް ލުއިދިނީ ހަމައެކަނި ޖިނާއީ މައްސަލައަށް. އޭގެ އަނެއް ފަޅިއަކީ މަދަނީ މައްސަލަ ނުވަތަ ފައިސާ ހޯދުމުގެ މައްސަލަ. އެ މައްސަލަތައް ހުންނާނީ ބަލައި ނިންމާ ޝަރީއަތް ކުރާ ހިސާބުގައި،" ޞާލިޙް ވިދާޅުވިއެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ އެ ފައިސާ ހޯދުމުގެ މައްސަލަ މި ސަރުކާރަށް ވެސް ކުރިއަށް ގެންދެވޭނެ ކަމަށާއި، ނަމަވެސް އެކަން ނުކުރަނީ ކީއްވެތޯ ސުވާލު އުފެދޭ ކަމަށެވެ.
ގައުމުގެ މިހާރުގެ ހާލަތާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޞާލިޙް ވިދާޅުވީ، ކުރީގެ ތިން ރައީސުން އެކުވެގެން މަސައްކަތް ކުރަން ޖެހުނީ މިހާރުގެ ސަރުކާރުގެ ކަންކަން މާ ބޮޑަށް ގޯސްވެފައިވާ ކަމަށް ގަބޫލުކުރެވޭތީ ކަމަށެވެ. އަދި އެމަނިކުފާނުގެ ވެރިކަމަކީ ވެސް ރައްޔިތުން ބޭނުންވާ ގޮތަށް އެންމެ ފުރިހަމައަށް ކުރެވުނު ވެރިކަމަށް ނުވެދާނެ ކަމަށާއި، ސުވާލު އުފެދޭ ކަންކަން ހުރެދާނެ ކަމަށް ވެސް އެމަނިކުފާނު އެއްބަސްވެވަޑައިގަތެވެ.
ޞާލިޙް ވިދާޅުވީ އަދީބުގެ އިތުރުން އެހެން ފަރާތްތަކަށް ވެސް ގާނޫނީ އިމުގެ ތެރެއިން ލުއިތައް ދީފައިވާނެ ކަމަށެވެ. އަދި ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމުގެ މަސައްކަތަކީ ހުއްޓިފައި އޮންނަންޖެހޭނެ ކަމެއް ނޫން ކަމަށް އެމަނިކުފާނު ތަކުރާރުކުރެއްވިއެވެ.
އެމަނިކުފާނު އެފަދައިން ވިދާޅުވިއިރު މިރޭ ޝޯޝަލް މިޑިއާގައި ކުރެއްވި ޕޯސްޓެއްގައި އަދީބު ވަނީ ތިން ރައީސުން ބައްދަލުކުރެއްވި ފޮޓޮއެއް ހިއްސާކުރައްވައި ރައްދު ދެއްވައިފައެވެ.
"މިރޭގެ ތިން ރައީސުންގެ ބައްދަލުވުމަށް ފަހު އަޅުގަނޑު ވެސް މި ރައީސުންނާ ބެހޭ ގޮތުން ދައްކާލަން ލައްކަ ގިނަ ވާހަކަ އެބަހުރި!" އަދީބުގެ ޕޯސްޓުގައި ވިދާޅުވިއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތް ހިންގިކަން ސާބިތު ވެފައިވާ އަދީބަށާއި އަބްދުﷲ ޒިޔަތުއަށް، ރައީސް ޞާލިޙް މައާފު ދެއްވީ، އެމަނިކުފާނުގެ ވެރިކަން ނިމެން ގާތްވެފައި ވަނިކޮށް، 2023ގައެވެ. ރައީސް ޞާލިޙް 2018 ވަނަ އަހަރު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު އަދީބާއި ޒިޔަތު ވެސް ހުންނެވީ ޖަލު ބަންދުގައެވެ. އެ ދެ ބޭފުޅުން ގޭ ބަންދަށް ބަދަލު ކުރެއްވީ ރައީސް ޞާލިހެވެ.