ދައްކަންޖެހޭ ފައިސާއެއް ނޯންނާނެ، އަދީބު ދައްކަވަނީ ސިޔާސީ ވާހަކަ: ގާސިމް

ގާސިމް އިބްރާހީމް ނޫސްވެރިންގެ ބައްދަލުވުމެއްގައި ---- ސަން ފައިލް ފޮޓޯ

ވިލާ ގްރޫޕުން ފައިސާތަކެއް ނުދައްކާ ކަމަށް ވިދާޅުވެ، ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބު ދައްކަވަނީ ސިޔާސީ ވާހަކަފުޅެއް ކަމަށާއި އެއީ ހަގީގަތެއް ނޫން ކަމަށް ވިލާގެ ޗެއާމަން އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ވީޓިވީ މެދުވެރިކޮށް މިއަދު ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި ގާސިމް ވިދާޅުވީ 100 މިލިއަން ޑޮލަރު ވިލާއިން ދައުލަތަށް ދައްކަންޖެހޭ ކަމަށް ވިދާޅުވާއިރު، އަދީބު ރަނގަޅަށް ބައްލަވައިފިނަމަ އެއީ ދައްކަންޖެހޭ ފައިސާއެއް ނޫންކަން އެނގިވަޑައިގަންނަވާނެ ކަމަށެވެ.

"އެ ވިދާޅުވާ ރަށްރަށުގެ، ތ. އަތޮޅު އެލާ އާއި ލ. ކައްދޫ އާއި އަދި ހދ. ހަނިމާދޫ އާއި ގދ. ގަޒީރާ އަދި ރ. އަތޮޅު މާނެންފުށި، މިރަށްރަށަށް އެ ވިދާޅުވާ ފައިސާއެއް ދައްކަވަންޖެހޭ ކަމަށް އެ ވިދާޅުވަނީ. ހަގީގަތުގައި އެމަނިކުފާނު ބައްލަވާލައްވައިފިއްޔާ އެނގިވަޑައިގަންނަވާނެ. އެއީ ބޮޑު ޕޮލިޓިކަލް ވާހަކަގަނޑެއް ކަމަށް އަޅުގަނޑު ގަބޫލުކުރާ ހިތް އޮތީ. އެއީ ހަގީގަތެއް އޮތް ވާހަކައެއް ނޫން،" ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ، 100 މިލިއަން ޑޮލަރު ދެއްކުމަށް މީރާއިން އަންގާފައިވާތީ ޔޫރަޕްގެ ބޭންކަކުން ލިބެން އޮތް 60 މިލިއަން ޑޮލަރުގެ ލޯނަކާއި 20 މިލިއަން ޑޮލަރުގެ ލޯނެއް އެ ބޭންކުން ކެންސަލްކޮށްފައިވާ ކަމަށާއި އެ ނޫންވެސް ބޮޑެތި ގެއްލުންތަކެއް ވިލާއަށް ލިބެމުން އަންނަ ކަމަށެވެ.

މީރާއަށް ދެއްކުމަށް އަންގާފައިވާ 100 މިލިއަން ޑޮލަރަކީ ޚިޔާލީ އަދަދެއް ކަމަށާއި އިންސާފުގެ ކަންފުޅެއް ވެސް އޮތްތަނެއްނަމަ، އެ ފައިސާ ވިލާއިން ދައްކަން ނުޖެހޭނެ ކަމަށް ގާސިމް ވިދާޅުވިއެވެ.

"އެ ވިދާޅުވާ 100 މިލިއަން ޑޮލަރަކީ ޚިޔާލީ އަދަދެއް. ޖުޑީޝަރީއެއް ޖަސްޓިސްއެއް އަދާލަތެއް، އޭގެކަންފުޅެއް އޮތްތަނަކުން ވެސް އަޅުގަނޑުމެން ދޭން ނުޖެހޭނެ،" ގާސިމް ވިދާޅުވިއެވެ.

ދައުލަތަށް ޓެކްސް ނުދައްކާ ކަމަށް ވިދާޅުވާއިރު، މިދިޔަ އަހަރު ވެސް ތަފާތު އެކި ނަންނަމުގައި 40 އެތައް މިލިއަން ޑޮލަރެއް ދައުލަތަށް ދައްކާފައިވާނެ ކަމަށް ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ، އަދީބާއެކު އެއްމޭޒުދޮށަށް ގޮސް މަޝްވަރާ ކުރަން އޭނާ ހުންނެވީ ތައްޔާރަށް ކަމަށާއި އަދީބާ ބައްދަލުކުރެއްވުމަށް އެތައް ފަހަރަކު އެދުމުން އެކަމަށް ވަގުތު ދެއްވާފައިނުވާ ކަމަށެވެ.

ގާސިމް މިހެން ވިދާޅުވެފައިވާއިރު، މީގެ ކުރިން ދެފަހަރެއްގެ މަތިން އަދީބާއި ގާސިމްވަނީ ސިއްރު ބައްދަލުވުންތަކެއް ކުރިއަށް ގެންގޮސްފައެވެ. އެހެންނަމަވެސް އެ ބައްދަލުވުންތަކުގައި މަޝްވަރާކުރެވުނު ކަންކަމާ ބެހޭގޮތުން އެއިން އެއްވެސް ބޭފުޅަކު ވާހަކަފުޅު ދައްކަވާފައެއް ނުވެއެވެ.

comment ކޮމެންޓް