ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު ނާޒިމްގެ އަގުވަޒަން ކުރަން ޖެހޭ: މައުމޫނު

ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ ---- ސަން ފޮޓޯ/ އަލީ ނަސީރު

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނާޒިމްގެ އަގުވަޒަން ކުރަން ޖެހޭ ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީށް މައުމޫނު އަބްދުލްގައްޔޫމު ވިދަޅުވެއްޖެ އެވެ.

ޕީޕީއެމް އިން މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން މައުމޫން ވިދާޅުވީ ނާޒިމްގެ ޚިދުމަތް ރައްޔިތުންގެ މަޖިލީހަށާއި ޕީޕީއެމްއަށް ވަނީ ލިބިފައި ކަމަށެވެ.

ވޭތުވެ ދިޔަ ރިޔާސީ އިންތިޚާބުގައިވެސް ނާޒިމްގެ ޚިދުމަތް ޕީޕީއެމަށް ލިބިފައިވާ ކަމަށާއި، އެކަމުގެ އަގުވަޒަން ކުރަންޖެހޭ ކަމަށް މައުމޫން ވިދާޅުވި އެވެ.

" އެމަނިކުފާނުގެ ޚިދުމަތް ވަނީ ރައްޔިތުންގެ މަޖިލީހަށް ލިބިފައި. އެމަނިކުފާނުގެ ޚިދުމަތް ވަނީ އަޅުގަނޑުމެންގެ މި ޕީޕީއެމް އަށްވެސް ލިބިފައި އަދި އަޅުގަނޑަށް އެނގޭ ގޮތުގައި މިދިޔަ ރިޔާސީ އިންތިޚާބުގައިވެސް އެމަނިކުފާނު ވަނީ އަޅުގަނޑުމެންނަށް ވަރަށް ބޮޑެތި ޚިދުމަތް ތަކެއް ކޮށްދެއްވާފައި. އެހެންވީމައި އެމަސައްކަތުގެ އަގު ވަޒަން ކުރަން އެބަޖެހޭ،" މައުމޫނު ވިދާޅުވި އެވެ.

ޝަރުއީ ހުކުމަކީ އެންމެންވެސް ތަބާވާން ޖެހޭނެ ހުކުމެއްކަން ފާހަގަކުރައްވައި މައުމޫނު ވިދާޅުވީ ނާޒިމްގެ މައްޗަށް ސުޕްރީމް ކޯޓުން އިއްވި ހުކުމާ ބެހޭގޮތުން އެއްޗެއް ދަންނަވަން ބޭނުންފުޅު ނުވާ ކަމަށެެވެ.

"ނަމަވެސް ޝަރުއީ ހުކުމަކީ އަޅުގަނޑުމެން އެންމެންވެސް ތަބާވާން ޖެހޭނެ ހުކުމެއް. ގަބޫލުކުރަން ޖެހޭނެ ހުކުމެއް އެޔާ ބެހޭ ގޮތުން އެއްޗެއް ދަންނަވާކަށް ނެތިން. އެފަދަ ހުކުމެއް އައިސްގެން އަހުމަދު ނާޒިމް ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ދޫކޮށްލަން ޖެހުނަސް، ރައްޔިތުންގެ މަޖިލީހަށް ކޮށްދެއްވާފައިވާ ހިދުމަތް އަޅުގަނޑުމެން އެންމެން ޖެހޭ ގަބޫލުކުރަން،" މައުމޫނު ވިދާޅުވި އެވެ.

މައުމޫނު ވިދާޅުވީ ދިއްގަރު ދާއިރާގެ ގޮނޑި ޕީޕީއެމުން ކާމިޔާބުކުރަން ޖެހޭ ކަމަށެވެ. އަދި އެގޮނޑިއަށް ޕީޕީއެމް ޕްރައިމެރީގައި ވާދަކުރައްވަން ބޭނުންފުޅުވާ ބޭފުޅުންނަށް އެފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.

comment ކޮމެންޓް