ފަލަކީ ޢިލްމާ ގުޅޭ ކަންކަމުގައި، ރާއްޖޭގައި ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމު ޝައުގުވެރިވެވަޑައިގަންނަވާ މިންވަރަށް، އެ ކަމާ އުޅުއްވައި، ދިރާސާކުރައްވައި އިތުރު ބޭފުޅެއް ނުހުންނާނޭ ބުންޏަސް އެއީ ދޮގަކަށް ނުވާނެއެވެ.
ފަލަކީ ޢިލްމުގެ ދާއިރާއަކީ، އެމަނިކުފާނު އެންމެ ޝައުގުވެރިކަމާއެކު ދިރާސާކުރައްވާ އެއް ދާއިރާއެވެ. އެ ކަމާ ގުޅޭ އިލްމު ހޯދައި، ދެގޮތެއް ނުވެ މިއަދާ ހަމައަށް ވެސް ހުންނެވީ އެހެންވެއެވެ. ޚުދު ދިވެހީން ވެސް އެ މަނިކުފާނު ދެއްވާ ހިސާބުތަކާއި ލަފާތައް ބަލައިގަންނަނީ އިތުރު ސުވާލެއް އުފެއްދުމެއް ނެތިއެވެ.
ޓީވީއެމްގެ 'ހެއްޔަންބޯ' ގައި ރައީސް މައުމޫންވަނީ މި ދުވަސްވަރު ގުރަހަތައް އެއްސަފަކަށް އެތުރެމުން އަންނަ އައުމާ ގުޅޭ ޝައުގުވެރި މައުލޫމާތުތަކެއް ހިއްސާކޮށްދެއްވައިފައެވެ.
މި ދުވަސްވަރު ހުރިހާ ގުރަހައެއް އެއްސަފަކަށް، މިވަނީ ކިހިނެއް؟
އެމަނިކުފާނު ވިދާޅުވީ މިއީ އެތައް 100 އަހަރަކުން އެއް ފަހަރު ވާ ކަމެއް ކަމަށެވެ.
ގުރަހަތަކަކީ އިނގިރޭސިބަހުން ޕްލެނެޓްތައްކަން ފާހަގަކުރައްވައި މައުމޫން ވިދާޅުވީ ޕްލެނެޓަކީ އިރުގެ ވަށައިގެން ދައުރުކުރާ 'ހެވަންލީ ބޮޑީއެއް' ކަމަށެވެ. އެގޮތަށް ދަތުރުކުރާ އަށް ޕްލެނެޓް އޮތް އިރު ދުނިޔެ މިއީ އޭގެ ތެރެއިން އެއް ޕްލެނެޓް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އިރާއި ކައިރިން ދަތުރުކުރާ ޕްލެނެޓެއްނަމަ އޭގެ ބުރު ކުޑަވާނެ ކަމަށާއި އިރާއި ދުރުން ދަތުރުކުރާ ޕްލެނެޓުތަކުގެ ބުރު ބޮޑުވާނެ ކަމަށް ވިދާޅުވިއެވެ.
"އެހެންވީމަ އެކި ދުވަސްވަރު އެކި ތަނުގައި އެކި ޕްލެނެޓް ހުންނާނި. އެހެން ގޮސް މި ދުވަސްވަރު މި ދިމާވަނީ ގާތްގަނޑަކަށް އެއް ފަޅީގައި ހުރިހާ ޕްލެނެޓެއް މިހުންނަނީ. އެހެންވެސް ދިމާވާނެ. އެހެންވީމަ ޕްލެނެޓަރީ އެލައިންމަންޓޭ މިކިޔަނީ. އެއީ އެއް ސަފަކަށް، ނުވަތަ އެއް ފަރާތަކަށް ހުރިހާ ޕްލެނެޓްތަކެއް އައީމައި،" މައުމޫން ވިދާޅުވިއެވެ.
"އެހެންވީމަ މިހާރު ރޭގަނޑު 20:00 ނުވަތަ 21:00 ޖަހާއިރު ނުކުމެވަޑައިގެން ބައްލަވާއިރު ފެންނާނެ. އެކަމަކު ދެން ވިސްނަވާލައްވަންވީ ތަންކޮޅަކީ އެއަށްވުރެ މާ އަލިގަދަ ތަންތަން ވެސް ހުންނާނެ. ޕްލެނެޓްތައް އެހާ އަލިގަދައެއް ނުވާނެ. އެއަށްވުރެ މާ އަލިގަދަ ސްޓާޒް [ތަރި]،" މައުމޫން ވިދާޅުވިއެވެ.
އެތައް އަހަރެއް ފަހުން މިހާރު ޕްލެނެޓަރީ އެލައިންމަންޓަކާ ދިމާވެފައިވާއިރު، މައުމޫން އެ ވާހަކަފުޅުތައް ހިއްސާކުރެއްވީ ވަރަށް ވެސް ޝައުގުވެރި ގޮތަކަށެވެ. އެމަނިކުފާނު ވިދާޅުވީ އެއީ ބަލައިލަން ވަރަށް ހިތްގައިމު ވަރަށް ޝައުގުވެރި މަންޒަރެއް ކަމަށެވެ.
މައުމޫންގެ މި ވާހަކަފުޅުތަކާއެކު މި ދުވަސްވަރު މި މެދުވެރިވާ ގުރަހަތަކުގެ އެތުރުމުގެ ބަދަލަކީ ވެސް އެތައް ބައެއްގެ ޝައުގުވެރިކަން އިތުރުވެ، ހަމަލޮލުން ތަޖުރިބާކޮށްލުުމުގެ ޝައުގު ވެސް އިތުރުވާނެ ކަމެކެވެ.
ފަލަކީ އިލްމަށް ޝައުގު އުފެދުނު ގޮތް
ޕްރޮގްރާމްގައި މައުމޫން ވަނީ ފަލަކީ އިލްމާމެދު އުފަންވި ޝައުގުވެރިކަމުގެ ވާހަކަފުޅު ކުރު އެހެނަސް، ތަފްސީލީ ގޮތެއްގައި ހިއްސާކުރައްވައިފައެވެ.
އެއީ އެ މަނިކުފާނުގެ ޒުވާން ދުވަސްވަރު ނައިޖީރިއާގައި ކިޔަވައިދެއްވަން ހުންނެވި ދުވަސްވަރެވެ. ދެ އަހަރެއްހައި ދުވަސް ނައިޖީރީގައި އެ މަސައްކަތުގައި ހޭދަކުރެއްވިއިރު، އެ ތަނުގެ ވަށައިގެންވާ މާހައުލުން އެތައް ކަމެއް އެ މަނިކުފާނަށް ފާހަގަކުރެވުނެވެ. ވަކިން ޚާއްސަކޮށް އުޑުމަތީގެ ސާފުކަމާއެކު ފެނުނު ހަނދުގެ މަންޒަރުތަކާއި، ކޮންމެ މަހަކު ވެސް ހަނދަށް އަންނަ ބަދަލުތައް އެހައި ރީތިކޮށް ފެނުމުން އުފަންކުރުވީ ސުވާލެކެވެ.
"ދެން އެތަނުގެ އުޑުމަތި ވަރަށް ސާފު. ދެން އަޅުގަނޑަށް އަޅައިގަތީ ހަނދުމަހުގެ ފުރަތަމަ ކޮޅުގައި ހަނދު ފެނުނީ ވަކި ދިމާލަކުން އޮއްސޭތަން. ދެން މަހުގެ 15އަށް ދިޔަތަނާ އެހެން ދިމާއަކަށް ހިނގައްޖެ. ދެން އަޅުގަނޑު ހިތަށް އަރައިފި މި ކިހިނެއްވާ ކަމެއްބާއޭ؟" ޝައުގުވެރިވެވަޑައިގަތް ގޮތް ހިއްސާކުރައްވައި މައުމޫން ވިދާޅުވިއެވެ.
"ދެން އަޅުގަނޑު ހިތަށް އެރީ ހަނދު ހިނގާނީ އެއް ރޮނގަކުންނޭ. އެއް މަގަކުންނޭ. އެކަމަކު ތަފާތުވެއްޖެ 15 ދުވަހުގެ ތެރޭގައި. އެހެންވީމަ އެކަމާ އަޅުގަނޑަށް ޝައުގުވެރިވެވުނީ،" މައުމޫން ވިދާޅުވިއެވެ.
އެ ޝައުގުވެރިކަމުގެ ތެރެއިން، ދ ފަލަކީ އިލްމުގެ މައުލޫމާތާ ގުޅޭ، އަތްތިލަ ކިރިޔާ ފޮރުވޭވަރުގެ ކުދިކުދި ފޮތްތަކެއް އެ މަނިކުފާނު ހޯއްދެވިއެވެ. ހަނދަށް އެ ވާ ގޮތަކާމެދު އުފެދުނު ސުވާލުތަކަށް ޖަވާބު ހޯދުމަށް އެ ފޮތްތައް ވިދާޅުވިއެވެ. އޭގެ އިތުރުން އިންޓަނެޓުގައި ހުރި މައުލޫމާތުތައް ވެސް އެއްކުރައްވައި ބައްލަވައި، ހިތްޕުޅުގައި އުފެދުނު ސުވާލުތަކަށް ޖަވާބު ހޯއްދަވައިފިއެވެ.
"ވަރަށް ޝައުގުވެރި މަންޒަރެއް މިއީ،" އެ މަނިކުފާނު ވިދާޅުވިއެވެ.
ހަނދު ބަލަނީތަ؟: އެންމެން ވެސް ބަލަނީ މައުމޫންގެ ރައުޔަކަށް
ދިވެހިންގެ މެދުގައި އެންމެ ބޮޑު ޝައުގުވެރިކަމެއް އުފެދޭ އެއް ކަމަކީ ކޮންމެ އަހަރެއްގެ ރަމަޟާން މަހާއި ޝައްވާލު މަހަށް ހަނދުބަލާ ދުވަސްވަރެވެ. ހަނދު ބަލާނަމަ އަބަދުވެސް މައުމޫން އެ ކަމާމެދު ހިއްސާކުރައްވައި ރައުޔަކީ އެންމެހާ ދިވެހީން އަބަދު ވެސް އިންތިޒާރުކުރާ އެއްޗެކެވެ.
ރަމަޟާންމަހާއި، ޝައްވާލު މަހަށް ހަނދު ބެލުމުގައި ސަމާލުވާންނީ ކަންތައްތަކާއި، ހަނދު ދެނެގަންނާނެ ގޮތްތަކަކީ އެ ކަމުގެ އެންމެ ފުރިހަަމަ މައުލޫމާތު އެމަނިކުފާނު ދެނެވަޑައިގަންނަވާ ކަންކަމެވެ.
"ހަނދު ފެނުމާއި ނުފެނުން އެއީ ވަރަށް އުނދަގޫ ކަމެއް. ހަނދު ފެންނަނީ ވަކި ގޮތްތަކެއް ދިމާވެގެން. ހަނދު ފެނުމޭ ބުނަނީ އިރުއޮއްސުމަށް ފަހުގައި ހަނދު ނުއޮއްސި ހުންނަ ހުރުމަށް. މަހުގެ ކުރީކޮޅު ވަރަށް ހިމަކޮށް ހުންނާނީ. އެހެންވީމަ ވަރަށް ގިނަ ފަހަރު ނުފެނި ހިނގައިދާނެ ފުރަތަމަ ރޭ ދެވަނަ ރޭ،" މައުމޫން ވިދާޅުވިއެވެ.
"މަސް ކުރިއަށް ދިޔަ ވަރަކަށް އެ ހަނދު ބޮޑުވަމުން ދާނީ. އަލިކަން އިތުރުވާނެ. އެއީ ދެން މާ ފަސޭހަ ކަމެއް ނޫން،" އެކަން ދެނެގަތުމުގައި ހުރި އުނދަގޫކަން ހިއްސާކުރައްވައި އެމަނިކުފާނު ވިދާޅުވިއެވެ.
އެއާއެކު ފަލަކީ އިލްމާ ގުޅޭގޮތުން މައުމޫން ލިޔުއްވާ ވާހަަކަފުޅުތަކަކީ ގިނަ ބަޔަކު ބަލައިގަންނަ އަދި ޝައުގުވެރިވާ ވާހަކަތަކެކެވެ.