މ.މަޑުއްވަރީ އިންޖީނުގެ ހުރިތަނުން އެހެންތަނަކަށް ބަދަލުކުރަން އެރަށު ކޯޓުން އަމުރުކޮށްފި

މ. މަޑުއްވަރީ -- ފޮޓޯ ފޭސްބުކް

މ. މަޑުއްވަރީގައި ފެނަކަ ކޯޕަރޭޝަނުން ހިންގަމުންދާ އިންޖީނުގެ ހުރިތަނުން އެހެންތަނަކަށް ބަދަލުކުރަން އެރަށު ކޯޓުން އިއްޔެ ހުކުމް ކޮށްފި އެވެ.

މަޑުއްވަރީ ކޯޓުން އެގޮތަށް ހުކުމް ކޮށްފައި ވަނީ މިއަހަރުގެ ޖެނުއަރީ މަހު މ. މަޑުއްވަރީ މުހައްމަދު ހުސައިންފުޅު، އޭނާ ދިރިއުޅުއްވާ ގެއާ ކައިރީ އިންޖީނުގެ ހުރުމުގެ ސަބަބުން ދިރިއުޅުމަށް އުނދަގޫތަކެއް ވަމުންދާ ކަމަށް ބުނެ ހުށަހެޅި މައްސަލަ ބެލުމަށްފަހު އެވެ.

މަޑުއްވަރީ ކޯޓުން އިއްޔެ ކުރި ހުކުމްގައި ވަނީ މުހައްމަދު ހުސައިންފުޅަށާއި އޭނާ ދިރުއުޅޭ ގޭގެ ފަރާތްތަކަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދައިދެވެން ނެތް ކަމަށާއި އެހެންނަމަވެސް 10 މަސް ދުވަހުގެ ތެރޭގައި އިންޖީނުގެ ހުރިތަނުން އެހެންތަނަކަށް ބަދަލުކުރަން ފެނަކަ ކޯޕަރޭޝަނުގެ މައްޗަށް އަމުރު ކުރާ ކަމަށެވެ.

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގް ޑިރެކްޓަރު މުހައްމަދު ނިމާލް ވިދާޅުވީ ކޯޓު އަމުރަށް އިހުތިރާމު ކުރައްވާ ކަމަށާއި، މިއަހަރުގެ ތެރޭގައި މަޑުއްވަރީގެ އިންޖީނުގެ ހުރިތަނުން އެހެންތަނަކަށް ބަދަލުވާނެ ކަމަށެެވެ. އަދި ކޯޓު އަމުރުގެ ކުރިންވެސް ސަރުކާރުގެ ބަޖެޓުގައި މަޑުއްވަރީ އިންޖީނުގެ ބަދަލުކުރުމުގެ މަސައްކަތް ހިމަނާފައިވާނެ ކަމަށް ނިމާލު ވިދާޅުވި އެވެ.

މަޑުއްވަރީގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުން 22 ރަށެއްގެ އިންޖީނުގެ މިހާރު ހުރިތަނުން އެހެންތަން ތަނަށް ބަދުަލުކުރަން ޖެހިފައިވާ ކަމަށް ނިމާލު ވަނީ ވިދާޅުވެފަ އެވެ.

" ފެނަކައިން އިމާރާތްކޮށްފައި ހުރި އިންޖީނުގެ ތަކެއް ނޫން އެއީ. ކުރިން ރައްޔިތުން ހިންގަމުން ދިޔަ އިންޖީނުގެތަށް. އެ ތަންތަން ހުރިތަނުގެ ގޮތުން އާންމު ރައްޔިތުންނަށް އުނދަގޫވަމުން ދަނީ،" ނިމާލު ވިދާލުވި އެވެ.

ނިމާލު ވިދާޅުވީ ސަރުކާރުގެ ކެރިފޯރުންތެރިކަން ހުރި މިންވަރަކުން އިންޖީނުގެތަށް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ.

comment ކޮމެންޓް