ރާއްޖެ މިއަދު މިދެކޭ ތަރައްގީ އައިސްފައި ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ހުންގާނުގެ ދަށުން ކަމަށް މާލޭ ސިޓީގެ ކުރީގެ މޭޔަރު އަދި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ކުރީގެ މެމްބަރު ސަރަނގު އާދަމް މަނިކު ވިދާޅުވެއްޖެ އެވެ.
ސަން ޓީވީގެ ހުކުރުފަސް ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން އާދަމް މަނިކު ވިދާޅުވީ، އެކި ކަންތައްތަކުގައި ރައީސް މައުމޫން ބަދުނާމުކުރާއިރު، އެމަނިކުފާނުގެ ވެރިކަމުގައި ކަންތައް ހިނގާފަ ވަނީ އޭރުގެ ގާނޫނު އަސާސީގެ ދަށުން ކަމަށެވެ.
"މިހާރު އަޅުގަނޑުމެން ވަރަށް ގިނަ ކަންތައްތަކުގައި ބަދުނާމު މިކުރަނީ މިސާލަކަށް ރައީސް މައުމޫން. އެކަމަކު ރައީސް މައުމޫންގެ 30 އަހަރުގެ ވެރިކަމަކީ އޭރުގަ އޮތް ގާނޫނު އަސާސީގެ ދަށުން ހިނގި 30 އަހަރު. އެހެންވީމަ އޭރު ހިނގާފައި ހުރި ކަންތައްތައް ހުންނާނީ އޭރުގަ އޮތް ގާނޫނުއަސާސީގެ ދަށުން. އަޅުގަނޑުމެންނަށް ދެބަސް ނުވެވޭނެ ހަގީގަތަކީ ރާއްޖެއަށް އައިސްފައި މި އޮތް ހުރިހާ ތަރައްގީއެއް އައިސްފައި މި އޮތީ ރައީސް މައުމޫންގެ ހުންގާނުގެ ދަށުން،" އާދަމް މަނިކު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށްފަހު ރައީސް މައުމޫން ވަނީ އެކަހެރިކުރެވިފައި ކަމަށާއި އެއީ އެހާ ރަނގަޅު ކަމެއް ނޫން ކަމަށެވެ.
ރައީސް މައުމޫނަށް ތައުރީފު ކުރައްވައި އާދަމް މަނިކު ވާހަކަދެއްކެވި އިރު، އޭނާ މާލޭ ސިޓީގެ މޭޔަރުގެ މަގާމުގައި ހުންނެވިއިރު 2011 ވަނަ އަހަރުގެ ޖުލައި މަހުގެ 14 ވަނަ ދުވަހު ރައީސް މައުމޫންގެ ގެ ކަމުގައިވާ މއ. ކިނބިގަސްދޮށުގެ 30 ދުވަހުގެ ތެރޭގައި ދައުލަތާ ހަވާލުކުރަން ވަނީ ފާސްކޮށްފައެވެ. މެދުޒިޔާރަތް މަގުގެ ޓްރެފިކް ލައިޓް ކައިރީ ރަތް ދޫލައަޅައިގެން ބޭއްވި އެ ބައްދަލުވުގެ ރިޔާސަތު ބެލެހެއްޓެވީ ވެސް އާދަމް މަނިކެވެ.