ދަރަނި ނުދައްކާތީ ޖާބިރަށް ކުރި ދައުވާ، ފައިސާ ދެއްކުމުން އަނބުރާ ގެންގޮސްފި

މާލޭގެ ކުރީގެ މޭޔަރު، ސަރަނގު އާދަމް މަނިކާއި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު --

ނެގި ދަރަންޏަކަށް ފައިސާ ނުދައްކާތީ މާލޭގެ ކުރީގެ މޭޔަރު، ސަރަނގު އާދަމް މަނިކު، ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ މައްޗަށް ކުރި ދައުވާ، އެ ދަރަންޏަށް ފައިސާ ދައްކައި ޚަލާސް ކުރުމުން އަނބުރާ ގެންގޮސްފިއެވެ.

އާދަމް މަނިކުގެ އަތުން ޖާބިރު ނަގައިފައިވަނީ އެއް މިލިއަން ޑޮލަރު ނުވަތަ 15 މިލިއަން ރުފިޔާގެ ދަރަންޏެކެވެ.

މި ދަރަންޏަށް ފައިސާ ނުދެއްކުމުގެ ސަބަބުން ދައުވާ ހުށަހަޅާފައިވަނީ މިއަހަރުގެ އޮކްޓޫބަރު މަހުގެ ތިން ވަނަ ދުވަހުއެވެ.

ޖާބިރުގެ މައްޗަށް ސިވިލް ކޯޓުގައި އާދަމް މަނިކު ދައުވާކޮށްފައިވަނީ އޭނާގެ އަތުން ނެގި އެއް މިލިއަން ޑޮލަރުގެ ދަރަނީގެ ފައިސާ އޭނާ އެއްބަސްވެފައިވާ ގޮތަށް ދައްކައިފައި ނުވުމުގެ ސަބަބުންނެވެ. މި ދައުވާ ކޮށްފައިވަނީ ޖާބިރަށާއި އޭނާގެ ހިއްސާ އޮންނަ ކުންފުންޏެއް ކަމަށްވާ އިންޓަނޭޝަނަލް ޓްރެވެލް ކޮންސަލްޓެންޓްގެ މައްޗަށެވެ.

އެހެން ނަމަވެސް މި މަހުގެ 21 ވަނަ ދުވަހު އެ ފައިސާ އެއްކޮށް ދައްކާ ނިންމުމުގެ ސަބަބުން އާދަމް މަނިކު ވަނީ އެ ދައުވާ އަނބުރާ ގެންދިއުމަށް ސިވިލް ކޯޓުގައި އެދިފައެވެ. އެހެންވެ، އެ ކޯޓުން ވަނީ ދައުވާ އެއްކޮށް އަނބުރާ ގެންގޮސްފައިވާ ކަމަށް ކަނޑައަޅައި މައްސަލަ ނިންމައިފައެވެ.

ދިވެހި ރާއްޖޭގެ ގާނޫނު އަސާސީގައި ވާގޮތުން ސާބިތު ދަރަންޏެއް އޮވެ، ހުކުމާ އެއްގޮތަށް އެ ފައިސާ ނުދައްކާ ނަމަ މަޖިލިހުގެ މެމްބަރު ކަމުގެ ގޮނޑި ގެއްލޭނެއެވެ.

comment ކޮމެންޓް