ގދ. ތިނަދޫގައި 120 ފްލެޓުގެ ބިންގާ އަޅައިފި

ތިނަދޫ ފްލެޓުގެ ބިންގާ ހައުސިން މިނިސްޓަރާއި ޗައިނާގެ ސަފީރު އަޅުއްވައި ދެއްވަނީ ---- ފޮޓޯ/ މެމްބަރު ސައުދުﷲ ހިލްމީ

ޗައިނާގެ އެކްޒިމް ބޭންކުގެ ލޯނުގެ ދަށުން ގދ. ތިނަދޫގައި އިމާރާތްކުރާ 120 ފްލެޓުގެ ބިންގާ އަޅައިފި އެވެ.

މިއަދު ހަވީރު 4:30 ގައި ތިނަދޫގައި ބޭއްވި ރަސްމިއްޔާތެއްގައި ފްލެޓުގެ ބިންގާ އަޅުއްވައިދެއްވީ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އާއި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވާންފޫކާނެވެ.

ތިނަދޫގައި ފްލެޓު އަޅަނީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި އެރަށުގެ އުތުރު ފަރާތުން ހިއްކި ބިމުގައި ގްރީން އޭރިއާގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދުގަ އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހައުސިން މިނިސްޓަރު ވިދާޅުވީ ފްލެޓުގެ އަމަލީ މަސައްކަތް ނުފެށި ލަސްވެގެން ގޮސްފައި ވަނީ ރައްޔިތުންގެ މަޖިލީހުން ލިބެންޖެހޭ އެޕްރޫވަލް ނުލިބިގެން ކަމަށެވެ. އެހެންނަމަވެސް އަލަށް އިންތިޚާބުވި ރައްޔިތުންގެ މަޖިލީހަށް މި ސަރުކާރުން އެކަން ހުށަހެޅުމާއެކު ފަސޭހަކަމާ އެކު އެކަމަށް އެޕްރޫވަލް ދީފައިވާ ކަމަށް ހައުސިން މިނިސްޓަރު ވިދާޅުވި އެވެ.

ސަރުކާރުން ތިނަދޫގައި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގަމުންދާކަން ފާހަގަކުރައްވައި މިނިސްޓަރު މުއިއްޒު ވިދާޅުވީ ކުރިއަށް އޮތްތަނުގައި ވެސް އެރަށުގައި ތަރައްގީގެ އެކި މަޝްރޫއުތައް ސަރުކާރުން ކުރިއަށްގެންދާނެ ކަމަށެވެ. އަދި ލަސްތަކެއްނުވެ ތިނަދޫ އުތުރު ފަރާތުން 55 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށް ވެސް ހައުސިން މިނިސްޓަރު ވިދާޅުވި އެވެ.

އެ ރަސްމިއްޔާތުގައި ޗައިނާގެ ސަފީރު ވާންފޫކާން ދެއްކެވި ވާހަކަފުޅުގައި ޗައިނާ އާއި ރާއްޖޭގެ ގުޅުން ވަރަށް ބޮޑުތަން ބަދަހިވެފައިވާ ކަމަށް ވިދާޅުވި އެވެ. އަދި ބޯހިޔާވަހިކަމުގެ ގޮތުން ވިޔަސް ރާއްޖެއަށް ވެދެވެން އޮތް އެހީތެރިކަމެއް ޗައިނާއިން ވެދެއްވާނެ ކަމަށް ވެސް ވާންފޫކާން ވިދާޅުވި އެވެ.

އެ ފްލެޓުތަކުގެ މަސައްކަތް ކުރަމުން ދަނީ ވެސް ޗައިނާގެ ކުންފުންޏަކުންނެވެ. އެ ކުންފުންޏާ މަސައްކަތް ހަވާލުކޮށްފައި ވަނީ ދޮޅު އަހަރުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ.

މިއަދުގެ ރަސްމިއްޔާތުގައި ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދާއި ހެލްތު މިނިސްޓަރު އަހްމަދު ޒުހޫރުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ އާއި ތިނަދޫ ކައުންސިލަރުންނާއި ގދ. އަތޮޅު ކައުންސިލަރުން ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.

comment ކޮމެންޓް