އާތު އަވާއަށް މާލޭގައި ކަރަންޓު ކެނޑުން މަނާކޮށްފި

މިދިޔަ އަހަރު އާތު އަވާ ފާހަގަ ކުރުމަށް ބޭއްވި ހަރަކާތްތަކުގެ ތެރެއިން-- ސަން ފައިލް ފޮޓޯ

ދުނިޔެއަށްޓަކައި އެއްގަޑިއިރުގެ ޝިއާރުގެ ދަށުން ކަރަންޓު ބޭނުންކުރުން މަދުކުރުމަށް ފާހަގަކުރަމުން އަންނަ "އާތު އަވާ" މިރޭ ފާހަގަ ކުރާއިރު މާލޭގައި ކަރަންޓުކަނޑާލައިގެން ކުރާ އެއްވެސް ކަމެއް ނުކުރުމަށް ހޯމް މިނިސްޓްރީން އަންގައިފި އެވެ.

ހޯމް މިނިސްޓްރީގެ މީޑިއާ ކޯޑިނޭޓަރު ތަޒުމީލް އަބްދުއްސަމަދު މިއަދު ސަން އަށް ވިދާޅުވީ، މާލޭގެ ހާލަތު އޮތްގޮތުން މިރޭ ކަރަންޓު ކަނޑާލައިގެން ކުރިއަށް ގެންދާ އެއްވެސް ހަރަކާތެއް ކުރިއަށް ނުގެންދެވޭނެ ކަމަށް އަންގާފައިވާ ކަމަށެވެ.

"އާތު އަވާ ފާހަގަ ކުރުމަށް ސުވިޗް އޮފްކޮށްގެން ބާއްވަން އުޅޭ މިއުޒިކް ޝޯއާއި، ސުވިޗް އޮފް ކުރުން މިނިސްޓަރު ވަނީ ހުއްޓުވާފައި،" ތަޒުމީލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އާތު އަވާ ފާހަގަކުރަން ކަރަންޓު ކެނޑުން ހުއްޓުވީ، މިދުވަސްވަރު މާލޭގެ ތެރޭގައި މާރާމާރީތަކާއި އަލިފާން ރޯކުރުން ފަދަ ކަންކަން ގިނަ ދުވަސްވަރަކަށް ވުމުން ކަމަށެވެ. އެހެންކަމުން މާލޭގައި ކަރަންޓު ކަނޑާލާފައި ބޭއްވުމަކީ ރައްކާތެރިކަމެއް ކަމަށް މިނިސްޓަރު ގަބޫލު ނުކުރައްވާކަމަށް އޭނާ ވިދާޅުވި އެވެ.

"އެއީ އެއްވެސް ގޮތަކަށް އާތު އަވާ ފާހަގަކުރުމަށް އެއްބާރުލުން ނުދިނުމެއް ނޫން. މިނިސްޓަރު ބޭނުންވަނީ އާތު އަވާއަށް އެއްބާރުލުން ދޭން. އެހެންނަމަވެސް ކޮންމެ ތަނެއްގައިވެސް އެންމެ މުހިންމު ކަމަކީ ސަލާމަތާއި ރައްކާތެރިކަން އެހެންކަމުން މިވަގުތު މާލޭގެ ހާލަތު އޮތް ގޮތުން މާލޭގެ ކަރަންޓް ކަނޑާލާފައި ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެއްގޮތަކަށްވެސް ކުރެވިދާނެ ކަމެއްކަމަށް މިނިސްޓަރު ދެކެވަަޑައެއް ނުގަންނަވާ،" ތަޒްމީލް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ، ކަރަންޓުކަނޑައިގެން ހިންގާ ހަރަކާތްތަކުގެ އިތުރުން ފައިމަގުގައި ހިނގުމާއި އެފަދަ އެހެން ހަރަކާތްތައް މިރޭ ކުރިއަށް ދާނެ ކަމަށެވެ.

comment ކޮމެންޓް