އޮމާންގައި މިހާރު ކުރިއަށްދާ އޭއެފްސީ 23 އަހަރުން ދަށުގެ ޗެމްޕިއަންޝިޕް ކޮލިފައިން ގައި މިއަދު އިރާގާ ވާދަކޮށް 7-1 ލަނޑުގެ ތަފާތު ބޮޑު ނަތީޖާއަކުން ބަލިވެ ރާއްޖޭގެ ޒުވާން ގައުމީ ފުޓްބޯޅަ ޓީމަށް 2016 ވަނަ އަހަރުގެ މުބާރާތަށް ކޮލިފައި ވުމުގެ ފުރުސަތު ގެއްލިޖެ އެވެ.
ސުލްޠާން ގަބޫސް ސްޕޯޓްސް ކޮމްޕްލެކްސްގައި މިރޭ ކުޅުނު ގްރޫޕް "އޭ"ގެ މެޗުގެ ފުރަތަމަ ހާފުގައި އިރާގުން ކުރި ހޯދި ނަމަވެސް ރާއްޖޭ ޓީމުން ނަތީޖާ ހަމަހަމަކުރިއެވެ. އެހެން ނަމަވެސް ހާފް ނިމުމުގެ ކުރިން އިތުރު ލަނޑެއް ކާމިޔާބުކޮށް އިރާގުން ދެވަނަ ފަހަރަށް މެޗުގެ ކުރި ހޯދި އެވެ.
މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށް އިރާގުު ޓީމަށް ރާއްޖޭގެ ގޯލް ހުޅުވާލަދިނީ، މެޗުގެ 3 ވަނަ މިނިޓްގައި މިޑްފީލްޑަރު އަމްޖަދު ވަލީދު ހުސެއިން އެވެ. އެހެން ނަމަވެސް މެޗުގެ 27 ވަނަ މިނިޓްގައި ރާއްޖެގޭ ޒުވާން މިޑްފީލްޑަރު ހަމްޒާ މުޙައްމަދު ވަނީ ލަނޑެއް ކާމިޔާބުކޮށް ރާއްޖެއަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދީފައެވެ.
ރާއްޖޭ ޓީމުން މެޗުގެ ނަތީޖާ ހަމަހަމަކުރިތާ މިނިޓެއް ފަހުން މެޗުގައި ލީޑު ނަގާނޭ ރަނުގެ ފުރުސަތެއް ލިބުނެވެ. އެހެން ނަމަވެސް އިބްރާހީމް ހަމްދާން އިރާގު ގޯލް އޭރިޔާތެރެއަށް ވަރަށް ރީތިކޮށް ހުރަސްކޮށްލި ބޯޅައަށް ހުސްކޮށް އަރައި ހުރި އަހްމަދު ރިޒްވާނަށްއެބޯޅަ ބޮލުން ޖަހައި ގޯލްތެރެއަށް ފޮނުވާލެވޭ ގޮތެއް ނުވިއެވެ.
އިރާގު ޓީމުން ދެވަނަ ފަހަރަށް މެޗުގެ ކުރިހޯދީ، ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ 2 ވަނަ މިނިޓްގައެވެ. އެލަނޑު އެޓީމަށް ކާބުކޮށްދިނީ، މިޑްފީލްޑަރު ކާމިލް މަހްދީ އެވެ.
ދެވަނަ ހާފުގައި އިރާގު ޓީމުގެ ކުޅުން އިތުރަށް ވަރުގަދަކޮށް ފެނިގެން ދިޔައިރު އެޓީމުން ކާމިޔާބުކުރި ތިން ވަނަ ލަނޑު 47 ވަނަ މިނިޓްގައި ކާމިޔާބުކުރީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ބައްޝާރު ރީސާން އެވެ. އެޓީމުގެ 4 ވަނަ ލަނޑު 65 ވަނަ މިނިޓްގައި ވަލީދު ކާމިޔާބުކޮށްދީފައިވާއިރު، އޭގެ 10 މިނިޓްސް ފަހު 5 ވަނަ ލަނޑު އިރާގަށް ކާމިޔާބުކޮށްދިނީ ފޯވާޑް އަބްދުލް ގާދިރު އެވެ.
އިރާގުން ރާއްޖޭ ގޯލަށް އެޓީމުގެ ފަހު ދެލަނޑު ވައްދަލައިދީ ފަހު ހާފުގެ އިތުރު ވަގުތުގައެވެ. އެގޮތުން 92 ވަނަ މިނިޓްގައި އަލީ ހިސްނީ ލަނޑެއް ކާމިޔާބުކުރިތާ މިނިޓެއް ނުވަނީސް އެޓީމުގެ ފަހު ލަނޑު ކާމިޔާބުކޮށްދިނީ، އެޓީމުގެ 3 ވަނަ ލަނޑު ކާމިޔާބުކުރި ބައްޝަރު އެވެ.
މި މެޗުގެ ނަތީޖާއާއެކު ކޮލިފައިންގައި ރާޖެ މިހާތަނަށް ކުޅުނު ތިން މެޗުން ވެސް ވަނީ ބަލިވެފައެވެ. އެގޮތުން ފުރަތަމަ މެޗުގައި ލުބްނާން އަތުން ރާއްޖެ ބަލިވީ 2-1 އިންނެވެ. އަދި ދެވަނަ މެޗުގައި ބަހްރެއިނާ ވާދަކޮށް ރާއްޖޭގެ ޒުވާން ޓީމު ބަލިވީ، 3-0 ލަނޑުންނެވެ.
މުބާރާތުގައި ރާއްޖެކުޅޭ ފަހުމެޗުގައި ކުޅޭ ފަހު މެޗުގައި އާދީއްތަ ދުވަހުގެ ރޭ ނުކުންނާނީ އޮނާމާ ދެކޮޅަށެވެ.