ކޮލިފައިންގެ ފުރަތަމަ މެޗުގައި އިރާގު އަތުން ޒުވާން ގައުމީ ޓީމު ބަލިވެއްޖެ

ގައުމީ ޒުވާން ސްކޮޑު ---

އަންނަ އަހަރު އުޒްބެކިސްތާންގައި އޮންނަ އޭޝިއާގެ 23 އަހަރުން ދަށުގެ މުބާރާތަށް ކޮލިފައިވުމަށް ކުޅޭ ކޮލިފައިންގެ ފުރަތަމަ މެޗުގައި އިރާގު އަތުން ގައުމީ ޒުވާން ޓީމު ބަލިވެއްޖެއެވެ.

މިއަދު ހަވީރު ބަހްރޭނުގައި ކުޅުނު ކޮލިފައިންގެ ފުރަތަމަ މެޗުން ރާއްޖެ ބަލިވީ 0-4ގެ ސްކޯއަކުންނެވެ. މިއީ ކޮލިފައިންގައި ކުރިއަށް ދިއުމަށް ރާއްޖެއަށް އެޅުނު ބޮޑު ހުރަހަކަށްވީ އިރު، ކޮލިފައިންގެ ދެވަނަ މެޗުގައި ބައްދަލު ކުރާނީ 8 ވަަނަ ދުވަހު ބަހްރޭނާއެވެ. އަދި ފަހު މެޗުގައި ނުކުންނާނީ އަފްގާނިސްތާނާ ދެކޮޅަށެވެ. އެ މެޗު އޮތީ މި މަހު 31 ގައެވެ.

އެކަމަކު، އެންމެ ފަހު ވަގުތު އަފްގާނިސްތާނުން ބަހްރޭނަށް ނުދާތީ ރާއްޖެ މިހާރު ކޮލިފައިންގައި ރާއްޖެ އަށް ކުޅެން އޮތީ އެންމެ ދެ މެޗެވެ.

މިއަދުގެ މެޗު ފަށައިގެން 10 ވަނަ މިނަޓުގައި އިރާގުން ވަނީ ލީޑު ނަގައިފައެވެ. މޯމެލް އަބްދުލް ރިޒާގެ ގޯލުން އިރާގުން ނެގި ލީޑު، 35 ވަނަ މިނަޓުގައި އެ ޓީމުން ވަނީ ފުޅާކޮށްފައެވެ. އެ ގޯލު އެ ޓީމަށް ޖަހައިދިނީ އަހުމަދު ސާރޓިޕްއެވެ.

ދެވަނަ ހާފުގައި ވެސް އިރާގުން ވަނީ ދެ ގޯލު ޖަހައިފައެވެ. އެ ދެ ގޯލު އެ ޓީމަށް ޖަހައިދިނީ ވަކާ ރަމަދާންއެވެ.

އަންނަ އަހަރު އުޒްބެކިސްތާންގައި އޮންނަ 23 އަހަރުން ދަށުގެ މުބާރާތުން ޖާގަ ލިބޭނީ މިހާރު ކުރިއަށްދާ ކޮލިފައިންގެ 11 ގްރޫޕްގެ އެއް ވަނަ ޓީމުގެ އިތުރުން 11 ގްރޫޕްގެ ދެ ވަަނަ އަށް ދާ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާތަކެއް ނެރޭ ހަތަރު ޓީމެކެވެ.

ކޮލިފައިންގައި ވާދަކުރާ ގައުމީ ޓީމުގެ ސްކޮޑު:
އަހުމަދު ބައްސާމް މުހައްމަދު ނައީމް (ބައްކު)، އަހުމަދު ނާހިލް އިބްރާހިމް، އަހްނަފް ރަޝީދު، ހަމްދޫން އަބްދުލް ލަތީފް، ހައިސަމް ރަޝީދު، ހަސަން އަލީފް އިބްރާހިމް، ހަސަން އީނާޒް، ހަސަން ނައްވާޝް، ހުސެއިން އަހުސަމް މޫސާ (ތިއްތޭ)، މުހައްމަދު ޖައިލަމް (އޮގީ)، މޫސާ އަޒީމް ހަސަން، ނިޝާމް މުހައްމަދު ރަޝީދު (ޕޮގްބާ)، ޝައިފުﷲ އިބްރާހިމް، ޒައިން ޒަފަރު، ޒަޔާން ނަސީރު، އަބްދުﷲ ޔާމީން (ޔާން)، ހުސެއިން ފައިސަލް (ފައިޓޯ)، އަލީ ނާޖިހު (ނާޖީ)، އަލީ އަޖްފާން އަމްޖަދު، ހަސަން ނަޒީމް (ޗޯޓު)، އިޝާގް ރަޝީދު، ހައިޝަމް ހަސަން (ބިޑި)

comment ކޮމެންޓް