ގައުމީ 23 އަހަރުން ދަށުގެ ޓީމުން އަތޮޅުތަކުގެ ޓީމުތަކާ ކުޅޭ މެޗުތަކުން ރަނގަޅު ފެންވަރުގެ ކުޅުން ދައްކާ ކުޅުންތެރިންނަށް ގައުމީ ޓީމުން ފުރުސަތު ދޭނެ ކަމަށް 23 އަހަރުން ދަށުގެ ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗު ސޮބާހް މުހައްމަދު (ސޮބާ) ބުނެފިއެވެ.
ޅ. އަތޮޅުގައި ޒުވާން ގައުމީ ޓީމުން ކުރިއަށް ގެންދާ ޓްރެއިނިން ކޭމްޕާ ގުޅޭ ގޮތުން "ސަން"އަށް މައުލޫމާތު ދެމުން ސޮބާ ބުނީ އަތޮޅު ތެރެއަށް މިފަދަ ދަތުރެއް ކުރުމުގެ އެންމެ ބޮޑު ބޭނުމަކީ އަތޮޅު ތެރެއިން ރަނގަޅު ކުޅުންތެރިންނަށް ފުރުސަތު ދިނުން ކަމަށެވެ.
"މާލެއިން އެކަނި ޓީމެއް ސިލެކްޓު ކުރުމެއް ނޫން ބޭނުމަކީ. މުޅި ރާއްޖެއިން ތާ ޓީމު ނަގަން ޖެހޭނީ. އެހެންވީމާ އަތޮޅު ތެރޭގެ ޓީމުތަކުން ރަނގަޅު ފެންވަރުގެ ކުޅުން ދައްކާ ކުޅުންތެރިންނަށް އަހަރެން ފުރުސަތު ދޭނަން،" ސޮބާ ބުންޏެވެ.
މިދަތުރުގެ ތެރެއިން ބޭނުން ވަނީ ޓީމުގެ ކުޅުންތެރިންގެ ގުޅުން ބަދަހި ކުރުމާއި ރަނގަޅު ޓީމެއް އެކުލަވާލުން ކަމުގައި ސޮބާ ބުންޏެވެ.
އަތޮޅު ތެރެއަށް ޓީމުތަކުން ކުރާ ދަތުރުތަކުގެ ސަބަބުން ދިވެހި ފުޓުބޯޅައިގެ ގެއްލެމުންދާ ފޯރި އާލާކޮށް، އަތޮޅު ތެރޭ ފުޓުބޯޅަ ކުރިއެރުވުމަށް ގިނަ ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށް ސޮބާ ބުންޏެވެ.
ޒުވާން ގައުމީ ޓީމު ޅ. އަތޮޅުގައި މެޗުތައް ކުޅެން ހަަމަޖެހިފައިވަނީ ނ. ކުޑަަފަރީ، ނ. ހޮޅުދޫ، ރ. މީދޫ، ޅ. ނައިފަރު އަދި ޅ. ހިންނަވަރު ޓީމާ ދެކޮޅަށެވެ.
ޓްރެއިނިން ކޭޕުގައި ޓީމުގެ ކޯޗުންގެ ގޮތުގައި ހަރަކާތްތެރި ވާނީ އެސިސްޓެންޓު ކޯޗުން ކަމަށްވާ ސޮބާ އާއި މުހައްމަދު ޝާހިދުއެވެ.
އޭއެފްސީ އޭޝިއަން ކަޕު 23 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖެ ވާދަކުރަން ޖެހެނީ ބަހްރެއިން، އިރާގު އަދި އަފްޣާނިސްތާނާ ދެކޮޅަށެވެ.