އޭއެފްސީ 23 އަހަރުން ދަށުގެ ޗެމްޕިއަންޝިޕް ކޮލިފައިން ގްރޫޕް "އޭ"ގައި ރާއްޖޭގެ ޒުވާން ގައުމީ ފުޓްބޯޅަ ޓީމު ކުޅުނު ދެވަނަ މެޗުގައި މިރޭ ބަހުރެއިންއާ ވާދަކޮށް 3-0 ލަނޑުން ބަލިވެއްޖެ އެވެ.
އޮމާންގެ ސުލްޠާން ގަބޫސް ސްޕޯޓްސް ކޮމްޕްލެކްސްގައި މިރޭ ބަހްރެއިން އަތުން ރާއްޖެ ބަލިވެފައި ވާއިރު މުބާރާތުގައި ރާއްޖޭގެ ޓީމު ކުޅުނު ފުރަތަމަ މެޗުން ލުބްނާން އަތުން ބަލިވީ 2-1 ލަނޑުންނެވެ.
މިރޭގެ މެޗުގައި ބަހްރެއިން ޓީމުން ފުރަތަމަ ލަނޑު ޖެހީ ފުރަތަމަ ހާފުގެ 20 ވަނަ މިނިޓްގައެވެ. ބަހްރެއިނަށް ރާއްޖޭ ޓީމުގެ ގޯލް ހުޅުވާލަދިނީ އެޓީމުގެ ކެޕްޓަން ހަސަން އަލްއަސްވާދު އެވެ. އޭގެ 11 މިނިޓް ފަހުން މެޗުގެ ނަތީޖާ ހަމަހަމަކުރަން ރާއްޖޭގެ ޒުވާން ކުޅުންތެރީންނަަށް ފުރުސަތު ލިބުނެވެ. އެހެން ނަމަވެސް މެޗުގެ 31 ވަނަ މިނިޓްގައި ބަހްރެއިން ޓީމުގެ ޕެނަލްޓީ އޭރިޔާތެރެއިން ހަމްޒާއަށް ލިބުނު ބޯޅަ ގޯލްތެރެއަށް ފޮނުވާލުމުގެ ކުރިން ބަހްރެއިން ކީޕަރު ވަނީ ބޯޅަ ދިފާއުކޮށް އޭރިޔާއިން ބޭރުކޮށްލައިފައެވެ.
އެއް ލަނޑުގެ ލީޑަކާއެކު ދެވަނަ ހާފުގެ ކުޅުންފެށި، ބަހްރެއިން ޓީމުން ރާއްޖޭ ޓީމުގެ ގޯލަށް ދެވަނަ ލަނޑު ވައްދައިލީ މެޗުގެ 59 ވަނަ މިނިޓްގައެވެ. އެ ލަނޑު ޖަހައިދިނީ ފަހު ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި، އަލީ ޖައުފަރު މުހައްމަދު މަދާން އެވެ. އަދި އެޓީމުގެ ފަހު ލަނޑު ކާމިޔާބުކޮށްފައި ވަނީ 88 ވަނަ މިނިޓްގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކެޕްޓަން އަލްއަސްވާދު އެވެ.
ދެވަނަ ހާފުގައިވެސް ރާއްޖޭ ޓީމަށް ލަނޑު ޖަހާނޭ ރަނުގެ ފުރުސަތެއް ލިބުނެވެ. 64 ވަނަ މިނިޓްގައި ބަހްރެއިންގެ ޕެނަލްޓީ އޭރިޔާތެރޭގައި ހުސްކޮށް ހުރި ރިޒްވާނަށް ސުހެއިލް ތަނަވަސްކޮށްދިން ފުރުސަތުގެ ބޭނުން ނުކުރެވި ބޭކާރުވީ އެވެ.
މެޗާ ބެހޭގޮތުން ޓީމުގެ ކޯޗް އައްސަދު އަބްދުލް ޣަނީ ބުނީ، މެޗުން ބަލިވީ ލަނޑުޖަހަން ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުމުން ކަމަށެވެ.
"ލަނޑު ޖަހާނޭ ރަނގަޅު ތިން ފުރުސަތު ލިބި ވަނީ ބޭނުން ނުކުރެވިފައި،" އައްސަދު ބުންޏެވެ. "އަހަންނަށް އެނގޭ މި ކުޅުންތެރީންގެ ތަޖުރިބާ މަދުކަން. މިފަދަ މެޗުތަކެއްގައި ތަޖްރިބާ ނެތި ރަނގަޅު ނަތީޖާއެއް ނުނެރެވޭނެ."
މިރޭގެ މެޗުގެ ނަތީޖާއާއެކު ގްރޫޕް އޭގެ އެއްވަނައިގައި 4 ޕޮއިންޓާއެކު މިހާރު އޮތީ ބަހްރެއިން އެވެ. އަދި 3 ޕޮއިންޓާއެކު އިރާގު ދެވަނައިގައި އޮތް އިރު، ހަމަ އެވަރަށް ޕޮއިންޓްު ހޯދައިގެން ގޯލްގެ ތަފާތުން ތިން ވަނައިގައި އޮތީ ލުބްނާން އެވެ. އެއް ޕޮއިންޓާއެކު އޮމާން ހަތަރު ވަނައިގައި އޮތްއިރު ރާއްޖެ އޮތީ ޕޮއިންޓެއް ނުލިބި ގްރޫޕުގެ ފުލުގައެވެ.
މުބާރާތުގައި ރާއްޖެ ކުޅޭ ތިން ވަނަ މެޗުގައި ހުކުރު ދުވަހުގެ ރޭ ނުކުންނާނީ އިރާގާ ދެކޮޅަށެވެ. އަދި ރާއްޖެ ކުޅޭ ފަހު މެޗުގައި އަންނަ އާދީއްތަ ދުވަހުގެ ރޭ ނުކުންނާނީ އޮނާމާ ދެކޮޅަށެވެ.