ތަޖަކިސްތާނަށް މުހިންމީ ރޭންކިން: ކޯޗް މުޚްސިން

ތަޖަކިސްތާނު ގައުމީ ޓީމްގެ ކޯޗް މުޚްސިން މުހަމަދީވް --- ސަން ފޮޓޯ/ ފަޔާޒް މޫސާ

މާދަމާ ރޭ ރާއްޖޭގެ ގައުމީ ޓީމާ ދެކޮޅަށް ރަހުމަތްތެރިކަމުގެ މެޗެއްގައި ތަޖަކިސްތާނުގެ ގައުމީ ޓީމު ނިކުންއިރު، އެ މެޗުގައި ތަޖަކިސްތާނަށް އެންމެ މުހިންމު އެއްކަމަކީ ފީފާ ރޭންކިންގައި ކުރިއަށް ޖެހިލުން ކަމަށް އެ ޓީމްގެ ކޯޗް މުޚްސިން މުހައްމަދީވް ބުނެފި އެވެ.

މިއަދު ގައުމީ ފުޓްބޯޅަ ދަނޑުގައި ބޭއްވި ޕްރެސްކޮންފަރެންސެއްގައި މެޗާ ބެހޭގޮތުން ނޫސްވެރިންނާ ވާހަކަ ދައްކަމުން މުޚްސިން ބުނީ، އެއީ ރަހުމަތްތެރި ކަމުގެ މެޗަކަށް ވިނަމަވެސް، އެ މެޗު ކާމިޔާބު ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.

"މި މެޗަކީ ފީފާ ޑޭސްގެ ތެރޭ ކުޅެވޭ މެޗެއް. އެހެން ކަމުން މި މެޗުގައި ގައުމުގެ ރޭންކިންއަށް އަސަރު ކުރާނެ. އެއީ މި މެޗު ކާމިޔާބު ކުރުން މުހިންމުވާ އެއް ސަބަބު. ރާއްޖެ އާއި ތަޖިކިސްތާނުވެސް މިހާރު އޮތީ ފީފާ ރޭންކިންގެ ތިންވަނަ ބްރެކެޓުގައި. މިފަދަ މެޗުތަކުން މޮޅުވެ ދެވަނަ ބްރެކެޓަށް އެރުން އެއީ ޓީމުގެ އުންމީދެއް،" މުޚްސިން ބުންޏެވެ.

ފީފާ ވޯލްޑް ރޭންކިންގައި މިދިޔަ މަހުން މި މަހަށް ދެ ދަރަޖަ ކުރިއަށް ޖެހިލާފައި ވާއިރު، މިހާރު ރާއްޖެ އޮތީ ތާވަލްގެ 133 ވަނައިގަ އެވެ. ނަމަވެސް ތަޖަކިސްތާނު ވަނީ މިދިޔަ މަހުން މިމަހަށް ހަތަރު ދަރަޖަ ދަށަށް ވެއްޓި ތާވަލްގެ 141 ވަނައަށް ވެއްޓިފައެވެ.

މެޗު ކާމިޔާބު ކުރުން މުހިންމު ކަމަށް ވިޔަސް، ކޯޗް މުޚްސިން ވަނީ މާދަމާގެ މެޗު ފަސޭހަ ނުވާނެ ކަމަށް ބުނެފައެވެ. މީގެ ކުރިން 2011 ވަނަ އަހަރު ތަޖިކިސްތާނު ގައުމީ ޓީމުގައި ކުޅުންތެރިއެއްގެ ގޮތުގައި ރާއްޖޭގެ ގައުމީ ޓީމާ ކުރިމަތިލީ މުޚްސިން ވަނީ ރާއްޖެގެ ޓީމު އޭރުވެސް ވަރަށް ވަރުގަދަ ކަމަށާއި، މިހާރު ޓީމު ވަރަށް ބޮޑުތަން ކުރިއަރާފައި ވާކަން ފާހަގަ ކޮށްފައެވެ.

"ރާއްޖޭގެ ޓީމަކީ ވަރަށް ވަރުގަދަ ޓީމެއް. މިއީ އަހަރެން ވަރަށް އިހުތިރާމް ކުރާ ޓީމެއް. އެހެން ކަމުން މި މެޗަކީ ފަސޭހަ މެޗަކަށް ނުވާނެ،" މުޚްސިން ބުންޏެވެ.

އޭގެ އިތުރުން މުޚްސިން ވަނީ މި މެޗަކީ ވޯލްޑް ކަޕް ކޮލިފިކޭޝަނަށް ޓީމް ޓެސްޓު ކޮށްލަން ލިބޭ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށާއި، މި މެޗުގައި ތަފާތު އުކުޅުތައް ޓެސްޓު ކޮށްލަން ވިސްނާކަން ހާމަކޮށްފަ އެވެ.

comment ކޮމެންޓް