އޭއެފްސީ 23 އަހަރުން ދަށުގެ ޗެމްޕިއަންޝިޕް ކޮލިފައިންގައި ރާއްޖޭގެ 23 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމު ކުޅުނު ފުރަތަމަ މެޗުގައި، ލުބުނާންއާ ވާދަކޮށް 2-1 ލަނޑުން ރާއްޖެ ބަލިވެއްޖެ އެވެ.
އޮމާންގެ ސުލްޠާން ގަބޫސް ސްޕޯޓްސް ކޮމްޕްލެކްސްގައި މިރޭ ކުޅުނު ގްރޫޕް 'އޭ'ގެ މެޗުން ލުބްނާން މޮޅުވީ ރާއްޖެ ލަނޑެއް ކާމިޔާބުކޮށް ކުރި ހޯދާފައި ވަނިކޮށް ފަހަތުން އަރައި ދެ ލަނޑު ކާމިޔާބުކޮށްގެނެނެވެ.
މެޗު ފަށައިގެން ހަތަރުވަނަ މިނިޓްގައި ރާއްޖޭ ޓީމަށް ކުރި ހޯދައިދިނީ ޓީމުގެ ކެޕްޓަން މުހައްމަދު އިރުފާން (އިރޭ) އެވެ. ރާއްޖެއަށް ލިބުނު ހިލޭ ޖެހުމަކުން ލުބްނާންގެ ގޯލް އޭރިޔާ ތެރެއަށް ވާހިދު ހުރަސްކޮށްލި ބޯޅަ ގޯލް ތެރެއަށް އިރޭ ފޮނުވާލީ ބޮލުންޖައެވެ.
ރާއްޖެ ކުރީގައި އޮވެ ދެވަނަ ހާފުގެ ކުޅުން ފެށި ނަމަވެސް، މެޗުގެ 65 ވަނަ މިނިޓްގައި ލުބްނާނުން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. އަދި އެޓީމުން މެޗުގެ ކުރި ހޯދީ 78 ވަނަ މިނިޓްގައެވެ.
"މެޗުގެ 65 ވަނަ މިނިޓާ ހަމައަށް ވެސް އަހަރެމެން މޮޅުވެފައި އޮތީ. އެކަމަކު އެމީހުން [ލުބްނާން ޓީމުން] އިސްކޮޅުގެ ފައިދާ ނެގީ،" މެޗާ ބެހޭގޮތުން ރާއްޖޭ ޓީމުގެ ކޯޗު އައްސަދު އަބްދުލް ޣަނީ ބުންޏެވެ.
އައްސަދު ބުނީ، ރާއްޖޭގެ ޒުވާން ޓީމު މިރޭގެ މެޗުން ބަލިވި ނަމަވެސް، ކުޅުންތެރީން ވަނީ ފަހުރުވެރިވާ ފަދަ ރަނގަޅު ކުޅުމެއް ދައްކާފައި ކަމަށެވެ.
"އަހަރެމެންނަށް ދިމާވާ އެންމެ ބޮޑު މައްސަލައަކީ، ކުޅުންތެރީންގެ ކިބައިގައި މިފަދަ މުބާރާތެއްގައި ވާދަކުރުމުގެ ތަޖްރިބާ ނެތުން،" ކޯޗު އިތުރަށް ބުންޏެވެ.
މި މުބާރާތުގައި ރާއްޖެ ކުޅޭ ދެވަނަ މެޗުގައި ބުދަ ދުވަހު ނުކުންނާނީ ބަހުރޭންއާ ދެކޮޅަށެވެ. އަދި ތިން ވަނަ މެޗުގައި މަހުގެ 27 ވަނަ ދުވަހު އިރާގާ ވާދަކުރާން ހަމަޖެހިފައި ވާއިރު ރާއްޖެ ކުޅޭ ފަހު މެޗުގައި މި މަހުގެ 29 ވަނަ ދުވަހު ނުކުންނާނީ އޮމާނާ ދެކޮޅަށެވެ.